ENGLISH
27 ޖުލައި 2025
ކުރީގެ މިނިސްޓަރު ހަސަން ސޯބިރަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން، ރައީސް އަރުވައިފި
27 ޖުލައި 2025
|
ކުރީގެ މިނިސްޓަރު ހަސަން ސޯބިރަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަން އަރވައިފިއެވެ.
މިއަދު ހެނދުނު ބޭއްވި މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ސޯބިރަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަބު އެރުވީ އޭނާ ދިވެހިރާއްޖޭގެ އިގުތިސާދުގެ މުހިއްމު އެކި ދާއިރާތަކަށް ކޮށްދެއްވި ހިދުމަތްތަކާއި، ހާރިޖީ ދާއިރާގައި ކުރެއްވި އަދި މިހާރުވެސް ކުރައްވަމުންދާ ހިދުމަތްތަކުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.
އާލާސްކަންފުޅާ އުޅުއްވާތީ ސޯބިރަށް މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިނުގެންނެވެއެވެ. އޭނާގެ ބަދަލުގައި ޝަރަފާ ހަވާލުވެވަޑައިގަތީ އޭނާގެ އާއިލާއިންނެވެ.
ސަލީމަކީ ފަތުރުވެރިކަމާއި މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއަށް ހިދުމަތްކުރެއްވި ބޭފުޅެކެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ރާވައި ހިންގުމުގެ ދާއިރާއިންވެސް ގިނަ ހިދުމަތްތަކެއް ކުރެއްވިއެވެ. އަދި މިހާރުވެސް ސޯބިރު ގެންދަވަނީ ހާރިޖީ ދާއިރާގައި ހިދުމަތްކުރައްވަމުންނެވެ.
ދިވެހި ދައުލަތަށް ހިދުމަތްކުރެއްވުމަށް ސޯބިރު ފެއްޓެވީ ފެބްރުއަރީ، 7، 1973 ގައެވެ. ސޯބިރުގެ ހިދުމަތުގެ ތެރޭގައި އެންމެ ފާހަގަކުރެވެނީ ނޭޝަނަލް ޕެލޭނިން އެޖެންސީގައި ކުރެއްވި ހިދުމަތެވެ. ނޭޝަނަލް ޕްލޭނިން އެޖެންސީ އުވައިލައްވައި 1982 ނޮވެންބަރު 10 ގައި މިނިސްޓްރީ އޮފް ޕްލޭނިން އެންޑް ޑިވެލޮޕްމެންޓު އުފެއްދެވުމާ ގުޅިގެން އެ މިނިސްޓްރީގެ ތަފާތު މަގާމުތައް އޭނާ އަދާކުރެއްވިއެވެ.
ރައީސް އަލްއުސްތާޛު މައުމޫން އަބްދުއްލަގައްޔޫމުގެ ހަތަރުވަނަ ދައުރުގައި ވަޒީރުންގެ މަޖިލީހުގެ މެންބަރުކަން ސޯބިރު ކުރެއްވިއެވެ. އެގޮތުން މިނިސްޓާ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗާގެ މަގާމަށް އައްޔަންކުރެއްވި ހަސަން ސޯބިރުވަނީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ކުރިއެރުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވާފައިވެއެވެ.
އަދި ރައީސް މައުމޫނުގެ ފަސްވަނަ ދައުރުގައި ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އެ ދާއިރާއިންވެސް އަގުހުރި ގިނަ ހިދުމަތްތަކެއް އޭނާ ކުރެއްވިއެވެ.
ޓޫރިޒަމް މިނިސްޓަރުކަމަށްފަހު، ހާރިޖީ ދާއިރާއާ ގުޅިވަޑައިގެން، އިނގިރޭސިވިލާތުގައި ހުންނަވާ ދިވެހި ސަފީރުކަމާއި، ސިންގަޕޫރުގައި ހުންނަވާ ދިވެހި ސަފީރުކަމާއި، ޔޫރަޕިއަން ޔޫނިއަނަަށް ރާއްޖެއިން ކަނޑައަޅާފައި ހުންނެވި ސަަފީރުކަން އޭނާ ކުރެއްވިއެވެ. އަދި މިހާރުވެސް އޭނާ ހުންނެވީ ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރުގެ މަގާމުގައެވެ.
ސޯބިރު ދިވެހި ދައުލަތަށް ހިދުމަތްކުރައްވަން ފެއްޓެވި ދުވަހުން ފެށިގެން މިހާތަނަށް 38 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ހިދުމަތް ކުރައްވާފައިވެއެވެ.