ENGLISH
10 ސެޕްޓެމްބަރު 2025
ނަން ރީތި ސަލީމަށް ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފު އަރުވައިފި
27 ޖުލައި 2025
|
ދިވެހިރާއްޖޭގެ ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތް ސަލީމަށް އެރުވުމަށްފަހު ރައީސް ސަލީމާއި އޭނާގެ އާއިލާއާއެކު، ފޮޓޯ: ރައީސް އޮފީސް
ދިވެހި ހާރިޖީ ހިދުމަތުެގ މަތިވެރި ޝަރަފުގެ އިއްޒަތް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ހުންނެވި އަޙުމަދު ސަލީމް (ނަންރީތި ސަލީމް) އަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ.
މިއަދު އަލަށް ތައާރަފުކުރި ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތް އެންމެ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީ ސަލީމެވެ. ސަލީމަކީ ދައުލަތަށް ހިދުމަތްކުރައްވާތާ 57 އަހަރުވެފައިވާ ހިދުމަތުން ރިޓަޔާކުރެއްވުމަށް ތައްޔާރުވެވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
ހާރިޖީ ހިދުމަތުގެ މަތިވެރި ޝަރަފުގެ އިއްޒަތް އަރުވަނީ ހާރިޖީ ދާއިރާއަށް 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކުރައްވައި، އެ ދާއިރާގެ ހިދުމަތުގައި ދެމި ތިއްބެވި ބޭފުޅުންގެ ތެރެއިން ވަޒީފާއިން ރިޓަޔާކުރެއްވުމާ ގާތްވެފައިވާ ބޭފުޅުންނަށެވެ.
ސަލީމު ދިވެހި ދައުލަތުގެ ހިދުމަތާ ގުޅިވަޑައިގަތީ ޖުލައި 7، 1968 ވަނަ އަހަރުއެވެ. ދައުލަތަށް ހިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރެއިން 35 އަހަރަށްވުރު ދިގު މުއްދަތެއް އޭނާ ހޭދަކުރެއްވީ ހާރިޖީ ދާއިރާގެ ހިދުމަތުގައެވެ. އެ ދާއިރާގެ މަތީ ފަންތީގެ އެކި ވަޒީފާތައް އަދާކުރެއްވިއެވެ.
ހާރިޖީވުޒާރާގެ ޔޫއެން އޯގަނައިޒޭޝަނާ ބެހޭ ބައިގެ ސްޓެނޯ-ޓައިޕިސްޓެއްގެ މަގާމުން ހާރިޖީ ހިދުމަތް ފެއްޓެވި ސަލީމުވަނީ ރާއްޖެއިން ޕާކިސްތާނަށް ކަަނޑައަޅާފައި ހުންނެވި ސަފީރުކަމާއި، ނޭޕާލަށް ކަނޑައަޅާފައި ހުންނެވި ނޮން-ރެޒިޑެންޓް ސަފީރުކަމާއި، ދިވެހި ސަރުކާރުން ސާކްއަށް ކަނޑައެޅުއްވި ޑިރެކްޓަރުކަމާއި، ސާކުގެ ސެކްރެޓަރީ ޖެނެރަލްކަންވެސް ކުރައްވާފައެވެ.
ހާރިޖީ ހިދުމަތުގެ އިތުރަށް ރާއްޖޭގެ މިނިވަން މުއައްސަސާތައް އުފެދިގެންއައިއިރު އެ މުއައްސަސާތައް ބައްޓަންކުރެއްވުމުގައިވެސް ސަލީމުގެ ދައުރު އޮތެވެ. އެގޮތުން ރާއްޖޭގެ ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމާއި، އައު ގާނޫނުއަސާސީން އުފެއްދި ފުރަތަމަ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަން ސަލީމު ކުރެއްވިއެވެ.
ސަލީމުވަނީ ކޮންޓްރޯލާ އޮފް އިމިގްރޭޝަންކަމާއި، ޑިޕާޓުމެންޓު އޮފް އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ޑެޕިއުޓީ ޑިރެކްޓަރުކމާއި ހޯމް އެފެއާޒް އެންޑް ސްޕޯޓްސް ޑިރެކްޓާ އޮފް ސްޕޯޓްސްގެ މަގާމާއި، މިނިސްޓްރީ އޮފް ޔޫތު، ވިމެންސް އެފެއާޒް އެންޑް ސްޕޯޓްސްގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ ޑިރެކްޓާ ޖެނެރަލްގެ މަގާމު އަދާކުރައްވާފައެވެ.