ENGLISH
27 ޖުލައި 2025
މިނިވަންކަން މުސްތަގުބަލުގެ ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް: ރައީސް
27 ޖުލައި 2025
|
މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް
އަމާނާތްތެރިކަމާއެކު މިނިވަންކަން އަންނާން އޮތް ޖީލުތަކަށް ވާރުތަކޮށްދިނުމަކީ ކޮންމެ މީހެއްގެ ފަރުދީ ޒިންމާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ މިއަދު ބާއްވަމުންދާ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގަައި ދެއްކެވި ވާހަކަފުޅުގައެވެ. އެ ވާހަކަފުޅުގައި ރައީސް ވިދާޅުވީ މިނިވަންކަމަކީ ވަރަށް ގިނަ ބައެއްގެ މިންނަތް އިހުލާސްތެރި ގައުމީ މަސައްކަތުން ރައްކާތެރިކުރެވިފައިވާ ނިއުމަތެއް ކަމަށެވެ.
އަދި އެމަނިކުފާނު ވިދާޅުވީ އެ ހުރިހާ ބޭފުޅުން ކުރެއްވި ގައުމީ ބުރަ މަސައްކަތް އަންނާން އޮތް ޖީލުތަކަަށް އަމާނަތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެ ދިވެއްސެއްގެ ފަރުދީ ޒިންމާއެއް ކަމަށެވެ. އަދި އެއީ ކޮންމެ މީހަކު އެއްވެސް ޝައްކެެއް ނެތި ގަބޫލުކުރަންޖެހޭ ހަގީގަތެއްކަމަަށާއި، އެނޫން ގޮތަކުން މިނިވަންކަން އަންނާން އޮތް ޖީލުތަކަަށް ފޯރުކޮށްނުދެވޭނެ ކަމުގައި ވިދާޅުވިއެވެ.
"މި ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމުގައާއި، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގައި ތިމަންނަ މަސައްކަތްކޮށްފިއްޔާ އެކަންޏޭ އެކަންވާނީ. މިއީ އަޅުގަނޑުމެން ކޮންމެ މީހަކު އެއްވެސް ޝައްކެއް ނެތި ގަބޫލުކުރަންވީ ހަގީގަތަކީ. އެނޫން އެއްވެސް ގޮތަކަށް މިނިވަންކަން ހިމާޔަަތްކޮށް ރައްކާތެރިކޮށް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްނުދެވޭނެ،" ރައީސް ވިދާޅުވިއެވެ.
އަދި ވެލާނާ އިންޓަނޭޝަނަަލް އެއާޕޯޓު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ގައުމީ ލޯބި ހިތްތަކުގައި އަށަގެންނެވުމަށް އެމަނިކުފާނު ކުރެއްވި އިލްތިމާސަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ ގައުމީ ލޯބި އިސްކުރެވޭނީ، ގައުމުގެ މިނިވަންކަން ހިމާޔަތްކޮށް ރައްކާތެރިކޮށް މުސްތަގުބަލަަށް ފޯރުކޮށްދެވޭނީ ކޮންމެ މީހަކު ފަރުދީ ގޮތުން އެކަމަށް މަސައްކަތްކޮށްގެންކަން ގަބޫލުކުރުމުންކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ ރައްޔިތުން އިންތިހާބުކުރުމުން ސަރުކާރުތަކަށް ކުރެވޭނީ މަސައްކަތް ކަމަށެވެ. ނަމަވެސް ފަރުދީ ޒިންމާ އަދާކުރަންޖެހޭނެ ކަމަަށެވެ. އެމަނިކުފާނުގެ ސަރުކާރުގެ މައިގަނޑު ސިޔާސަތަކަށްވާނީ ދިވެހިން އިސްކޮށް، ދިވެހިންގެ ކަންކަމުގައި އެހެން މީހުން އެހީތެރިކަން ހޯދި ނަމަވެސް، ދިވެހިންގެ ކަންކަން އަމިއްލައަށް ކަންކަން ކުރުން ކަމަަށްވެސް ރައީސް ވިދާޅުވިއެވެ.
"ދިވެހިރާއްޖޭގެ އިމުގެ ތެރޭގައި ކުރަންޖެހޭ ކަންކަން ދިވެހިންގެ އަތުން ކުރުން. ދިވެހިރާއްޖެއަށް ފައިދާވާ ކަންކަމުގައި އެހެން ހުރިހާ ގައުމުތަކާ ރަހުމަތްތެރި ގާތް ގުޅުން ބޭއްވުން. އެއީ އަޅުގަނޑުގެ ސިޔާސަތަކީ އެންމެ ފުރަތަމަ ދުވަހުވެސް ދެންނެވި، މިއަދުވެސް ދަންނަވާ، އަދި މާދަން ދަންނަވަންވެސް އޮތް ސިޔާސަތަކީ،" ރައީސް ވިދާޅުވިއެވެ.
ގައުމެއް ގައުމެއްގެ ގޮތުގައި ދެމިއޮންނާނީ އެންމެން އެއް މިސްރާބަކަށް ދިއުމަށް މަސައްކަތްކުރާނަމަ ކަމަަށާއި، އެކަމުގައި ގެންގުޅެންވީ ގައުމު އަމާނާތްތެރިކަމާއެކު އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ވިސްނުންކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ހުރިހާ ދާއިރާއަކުންވެސް ކުރިއަށް އޮތް ދުވަސްތަކުގައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެމަނިކުފާނު އެންމެ އިސްކަންދެއްވާ ބޯހިޔާވަހިކަމުގެ ދާއިރާއިން ކުރިއަށް އޮތް ހަފުތާތަކާއި މަސްތަކުގައި ގިނަ މަސައްކަތްތަކެއް ފެށިގެންދާތަން ފެންނާނެ ކަމަށް ވިދާޅުވިއެވެ. ހުރިހާ ރަށެއްގައި ތަރައްގީގެ ގިނަ މަސައްކަތްތަކެއް ފެށިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
"ހަގީގީ ތަރައްގީ ލިބޭނީ އަޅުގަނޑުމެންގެ އަބުތާލުން ކުރެއްވި ޖިހާދަކީ ފަރުވައިކުޑަކޮށްލެވޭނެ ލޯމަރައިލެވޭނެ ކަމެއް ނޫންކަން ގަބޫލުކޮށްގެން، އަޅުގަނޑުމެންނަކީ ދިވެހިންކަން، ދިވެހިބަހަށް އިސްލާމްދީނަށް އިސްކަންދޭން އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ނިންމައިގެންކަން ގަބޫލުކޮށްގެން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސަރުކާރުން އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދާއިރު އެއާ އެއްވަރަށް ސިކުނޑިއާއި ފިކުރީ ތަަރައްގީ ހާސިލުނުކުރެވޭނަމަ އެއީ އެކަށީގެންވާ މާނަހުރި ތަރައްގީއަކަށްނުވާނެ ކަމަށެވެ.