ENGLISH

27 ޖުލައި 2025

Advertisement

ގާސިމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ލަގަަބު އަރުވައިފި

27 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ނިޝާން އިއްޒުއްދީންގެ އިއްޒަތް ގާސިމަށް އެރުވުމަށްފަހު ރައީސް އޭނާގެ އާައިލާއާއެކު، ފޮޓޯ: ރައީސް އޮފީސް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމަށް ނިޝާން އިއްޒުއްދީން އިއްޒަަތުގެ ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. 

މިއަދު ކުރިއަށްދާ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގަައި ގާސިމަށް ނިޝާން އިއްޒަތުގެ ލަގަބު އަރުވަން ނިންމަވައި ރައީސް ނެރުއްވި ރިޔާސީ ގަރާރު އިއްވަވާފައިވެއެވެ. އެ ގަރާރުގައި ރައީސް ވިދާޅުވެފައިވަނީ ދިވެހި ރައްޔިތުންނަށާއި، އިޖުތިމާއީ ދާއިރާއަށާއި ތައުލީމީ ދާއިރާއަށް ގާސިމް ކުރައްވާފައިވަނީ އަގުހުރި ހިދުމަތްތަކެއް ކަމުގައި ގަބޫލުކުރައްވާ ކަމަށެވެ. 

އަދި ރާއްޖޭގައި ޑޮމޮކްރަސީ އަށަގެންނެވުމަށް ކުރައްވަމުންދާ މަސައްކަަތްޕުޅާއި، ނިޝާން މުލީ އިއްޒަތުގެ ލަގަބު އެރުވި ފަހުންވެސް އެ ދާއިރާތަކުން ގާސިމް ކޮށްދެއްވާ ހިދުމަތުގެ އަގުވަޒަންކުރައްވަައި، އޭނާއަށް ނިޝާން އިއްޒަތުގެ ލަގަބު އެރުވުމަށް ނިންމަވާފައިވާ ކަމަށެވެ. 

ގާސިމުގެ ހިދުމަތްތަކުގެ ތެރޭގައި ވިޔަފާރީގެ ދާއިރާއިން ކުރެއްވި ހިދުމަތް ފާހަގަކުރެވެއެވެ. އެގޮތުން އަމިއްލަފުޅަށް ޝިޕިން ހިދުމަތް ފައްޓަވައި، އޭގެ ފަހުން ފަތުރުވެރިކަމުގެ ދާއިރާއަށް ވަދެވަޑައިގެން ރިސޯޓުތައް ތަރައްގީކުރައްވާފައިވެއެވެ. 

އަދި އެއާއެކު ޓީއެމްއޭ އުފެއްދެވުމުގައި އޭނާ އިސްދައުރެއް އަދާކުރެއްވިއެވެ. އޭގެ ފަހުން އަމިއްލަފުޅު އެއާލައިނެއް ފައްޓަވައި ވައިގެ ދަތުރުފަތުރުގެ ދާއިރާއިންވެސް ގިނަ ހިދުމަތްތަކެއް ގާސިމު ކުރައްވާފައިވެއެވެ. 

އިޖުތިމާއީ ހިދުމަތަށް ބަލާއިރު ބަލިމީހުންނަށް ބޭސްފަރުވާކުރުމުގައި އެހީތެރިކަން ދެއްވުމާއި، މަތީ ތައުލީމުގެ ފުރުސަތުތައް ދިވެހިންނަށް ފަހިކޮށްދެއްވުމާއި، މަތީ ސާނަވީ ތައުލީމަށް ހާއްސަ ސްކޫލެއް ހިންގެވުން ފަދަ އެތއް މަސައްކަތެއް އޭނާ ކުރެއްވިއެވެ. 

އަދި ރައީސް އަލްއުސްތާޛު މައުމޫނުގެ ވެރިކަމުގައި މާލީ ވަޒީރުކަމުގައި ހުންނަވައި، ސުނާމީގައި ކުރިމަތިވި ކާރިސާއިން ރާއްޖެ ސަލާމަތްކުރެއްވުމުގައި ކުރެއްވި މަސައްކަތްޕުޅާއި، މާލީ ގޮތުން ދައުލަތަށް ފައިސާ ހޯދުމަށް ބޭނުންކުރާނެ އިންސްޓްރޫމެންޓުތަކުގެ ގޮތުގައި ބޮންޑާއި ޓީބިލު ތައާރަފުކުރެއްވުމަކީ ގާސިމުގެ ހިދުމަތުގެ ތެރޭގައި ގުނައިލެވޭ ކަންކަމެވެ. 

އައު ގާނޫނުއަސާސީ އެކުލަވައިލި ހާއްސަ މަޖިލީހުގެ ރައީސްކަމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރނަރުކަންވެސް ކުރައްވާފައިވާ ގާސިމަކީ އޭނާގެ މާލީ ވަޒީރުކަމުގައި ސަރުކާރުގެ ހުރިހާ މުވައްޒަފުންނަށް އެއްހަމައަކުން ރޯދަ އިނާޔަތް ދެއްވަން ފެއްޓެވި ބޭފުޅާއެވެ. 

މީގެ ކުރިން ގާސިމަށް އާއްމު ހިދުމަތުގެ ހިތްވަރުދިނުމުގެ އިނާމާއި، ޝަރަފުގެ އިނާމާއި ނިޝާން މުލީ އިއްޒަތުގެ ޝަރަފުވެސް ލިބިވަޑައިގެންފައިވެއެވެ. ތަފާތު އެކި ސަރުކާރުތަކުން ގާސިމު ކުރައްވާފަައިވާ ހިދުމަތުގެ އަގުވަޒަންކޮށް އެކި ޝަރަފުތައް ދީފައިވެއެވެ. 

މިއަދު ގާސިމަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސް އެރުވިއިރު އޭނާގެ އަރިހުގައި އަނބިކަނބަލުން އައިޝަތު ނަހުލާއާއި ބައެއް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު