ENGLISH

27 ޖުލައި 2025

Advertisement

ކުރީގެ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނަށް ނިޝާން ޢިއްޒުއްދީނުގެ އިއްޒަތުގެ ލަޤަބު އަރުވައިފި

27 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރިޓަޔާަޑް ޗީފް ޖަސްޓިސް މުއުތަސިމަށް އިއްޒަތް އެރުވުން، ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރުގެ މަގާމުން މިމަހު ރިޓަޔާކުރެއްވި އަލްއުސްތާޛު މުއުތަސިމް އަދުނާނަށް ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. 

މިއަދު ކުރިއަށްދާ މިނިވަންދުވަހުގެ ރަސްމީ ޖަލްސާގައި މުއުތަސިމަށް ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ލަގަބު ދެއްވުމަށް ނިންމެވީ ޝަރުޢީ އަދި ޤާނޫނީ ދާއިރާއަށް ބޭނުންވާ މީހުން ބިނާކުރުމާއި، އެ ދާއިރާގެ ކަންކަން ހަރުދަނާކުރެއްވުމާއި ރާއްޖޭގެ ހާރިޖީ ދާއިރާއަށް ބޭނުންވާ ގާނޫނީ ލަފާ ދެއްވުމުގައި އެމަނިކުފާނު ކުރައްވާފަައިވާ އަގުހުރި ހިދުމަތުގެ އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ. 

މުއުތަސިމަށް އިއްޒަތް އެރުވުމަށް ނިންމަވައި ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ރިޔާސީ ގަަރާރުގައި ބުނެފައިވަނީ ރާއްޖޭގެ ޝަރުއީ އަދި ގާނޫނީ ދާއިރާއިން މީހުން ބިނާކުރުމަށާއި ޝަރުއީ ދާއިރާގެ ކަންކަން ހަރުދަނާކޮށް، މައްސަލަތައް އަލުވެރިކަމާއި އިންސާފުން ނިންމުން ހަރުދަނާކުރުމަށް ކުރައްވާފައިވާ އަގުވަޒަންކުރައްވާ ކަމަށެވެ. 

އަދި ހާރިޖީ ދާއިރާއާ ގުޅޭ ކަންކަމުގައި ގާނޫނީ ލަފާދެއްވުމަށާއި، އެ ރޮނގުން މީހުން ބިނާކުރެއްވުމަށް ކުރައްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރައްވާ ކަމުގައިވެސް ރައީސްގެ ގަރާރުގައި ފާހަގަކުރައްވާފައިވެއެވެ. 

އިނގިރޭސިވިލާތުން ގާނޫނީ ދާއިރާއާއި ފަލްސަފާގެ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރެއްވި މުއުތަސިމު އުއްތަމަފަނޑިޔާރުގެ މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުއެވެ. އޭގެ ކުރިން އައު ގާނޫނުއަސާސީގެ ދަށުްނ އެކުލަވައިލެވުނު ފުރަތަމަ ދާއިމީ ސުޕްރީމް ކޯޓުގައި 2010 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް ހިދުމަތްކުރެއްވިއެވެ. 

ގާނޫނު ބަދަލުކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް އެއިރު ނިންމުމާ ގުޅިގެން އެއިރުގެ އުއްތަމަފަނޑިޔާރު އަލްއުސްތާޛު ހުސައިން ފާއިޒާއެކު މުއުތަސިމް ފަނޑިޔާރުކަމުން ވަކިކުރުމަށް މަޖިލީހުން ނިންމިއެވެ. 

އޭގެފަހުން 2019 ވަނަ އަހަރު އަލުން ސުޕްރީމް ކޯޓަށް އައްޔަންކުރެއްވުނީ އެ ކޯޓުގެ އުއްތަމަފަނޑިޔާރުގެ ގޮތުގައެވެ. އެ މަގާމުގައި ހުންނެވުމަށްފަހު މަގާމުން ރިޓަޔާކުރެއްވުމަށް ހުށަހެޅުއްވީ މޭ މަހުއެވެ. ޖޭއެސްސީން ރިޓަޔާކުރެއްވުމުގެ ހުއްދަ ދެއްވުމުން އެމަނިކުފާނު މަގާމުން ރިޓަޔާކުރެއްވީ ޖުލައި މަހުގެ 21 ވަނަ ދުވަހުއެވެ. 

ކިޔުންތެރިންގެ ހިޔާލު