ENGLISH
27 ޖުލައި 2025
މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ޖަޕާން ސަރުކާރުން 10.5 މިލިއަން ޑޮލަރު
26 ޖުލައި 2025
|
މާލޭގެ ބޭރުތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ޖަޕާން ސަރުކާރުންއެހީ ދިނުން --
ޖަޕާން ސަރުކާރުގެ އެހީގައި މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢަށް ދިނުމަށް ހަމަޖެހިފައިވާ އެހީއާގުޅޭ "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ދިވެހި ސަރުކަރާއި ޖަޕާން ސަރުކާރާ ދެމެދު މިއަދު ސޮއިކޮށްފި އެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އެވެ. ޖަޕާން ސަރުކާރުން މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރެއްވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެން އުޅުއްވާ ޖަޕާނުގެ ބޮޑުވަޒީރުގެ ޚާއްސަ މަންދޫބު، ޕާލަމަންޓްރީ ވައިސް މިނިސްޓަރ ފޮރ ފޮރިން އެފެއާޒް މިސް އިކުއިނޯ އަކިކޯ އެވެ.
މި "އެކްސްޗޭންޖް އޮފް ނޯޓްސް" ގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ 10.5 މިލިއަން ޔޫ.އެސް ޑޮލަރު އަކީ މާލޭ ވަށައިލާފައިވާ ތޮށި މަރާމާތުކުރުމުގެ މަޝްރޫޢުގެ "ކޮންސްޓްރަކްޝަން ފޭސް" އަށް ދީފައިވާ އެހީއެއް ކަމަށް ސަރުކާރުން ބުނެ އެވެ.
މި ރަސްމިއްޔާތުގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި މާލެ ވަށައި ލާފައިވާ ތޮށްޓަކީ ހަމައެކަނި ރައްކައުތެރިކަމުގެ ބިނާއެއް ނޫންކަމަށާއި، އެ ބިނާއަކީ ދެ ގައުމުގެ ދުވަސްވީ ގާތްގުޅުން ރަމްޒުކޮށްދޭ ވަރުގަދަ ހެއްކެއް ކަަމަށް ވިދާޅުވި އެވެ.
އަދި ވިދާޅުވީ 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ވެރިރަށް މާލެއަށް ލިބިގެންދިޔަ ރައްކައުތެރިކަމަކީ މާލޭ ވަށައިލާފައިވާ ތޮށީގެ ސަބަބުން ލިބިގެންދިޔަ ހިމާޔަތް ކަމަށެވެ. ވަޒީރުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި ޖަޕާނާދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ދެ ޤައުމު ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބާ 2027 ވަނަ އަހަރު ފާހަގަކުރެވިގެންދާނެ ކަމަށް ވިދާޅުވި އެވެ. އަދި ހުޅުވާލެވިފައިވާ މިނިވަން އިންޑޯ ޕެސިފިކް ސަރަޙައްދަކަށް ރާއްޖެއިން ތާއީކުރާކަން ތަކުރާރު ކުރެއްވައި، ސަރަހައްދީ އަދި ބައިނަލްއަގުވާމީ މައިދާނުގައި ޖަޕާނުން ރާއްޖެއަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރުއަދާކުރެއްވި އެވެ.