ENGLISH
27 ޖުލައި 2025
އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް: ރައީސް
26 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަނީ
އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ޓަރމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އައު ޓަރމިނަލް މިނިވަން ދުވަހު ހުޅުވަން ނިންމެވީ ވަރަށް މުހިންމު މަޤްސަދެއްގއި ކަަމަށް ވިދާޅުވި އެވެ.
އެ ގޮތުން، ޤައުމުގެ މިނިވަންކަން ދެމެހެއްޓުމުގައި އިޤްތިޞާދީ މިނިވަންކަމުގެ މުހިންމުކަން ފާހަގަކުރައްވައި، އިޤްތިޞާދީ މިނިވަންކަމުގެ އެންމެ މުހިންމު ތަނބަކީ އެއަރޕޯޓު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި މި މަސައްކަތް ގުޅިގެން ދާނީ، ޚާއްޞަކޮށް ފަތުރުވެރިކަމާއި ޖުމުލަކޮށް މުޅި އިޤްތިޞާދީ ކުރިއެރުމާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ދިވެހި ރައްޔިތުންނަށް ވަރަށް މުހިންމު މެސެޖެއް ދެއްވާ އެމަނިކުފާނު ވިދާޅުވީ މި ޚާއްސަ ރަސްމިއްޔާތުގައި އެމަނިކުފާނު ކުރައްވަން އޮތީ ވަރަށް ޚާއްސަ އިލްތިމާސެއް ކަމަށެވެ.
އެއީ އެންމެ ފުރަތަމަ ޤައުމު އިސްކުރުމުގެ ޢަޒުމް ކަނޑައެޅުން ކަމުގައި ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަކީ އެއް ބައެއް ކަމަށާ އެއް މާޒީއަކާއި އެއް ތާރީޚަކާއި އެއް ދީނަކާއި އެއް ޝަގާފަތެއް ހިއްސާ ކުރާ ބައެއް ކަމަށެވެ.
"މިއީ ދިވެހީން. ފަޚުރުވެރި މާޒީއެއް އޮތް ފަޚުރުވެރި ދިވެހިން. އެހެންވީމަ އަޅުގަނޑުމެންގެ ހުރިހާ ކަމަކަށް ވުރެ އިސްވާންވީ ދިވެހި ޤައުމު,"
އެހެން ކަމުން ދިވެހީންނަކީ ޤައުމީ ކޮންމެ ކަމެއްގައި އެއް ލަވައެއް ކިޔާ އެއްވާނެއް ގައި ކުރިއަށްދާ ބަޔަކަށް ވުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. އެ ގޮތަށް މަސައްކަތް ކޮށްފިނަމަ ވަށާޖެހޭ ތަރައްޤީ ދާދި ފަސޭހައިން ހާސިލުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެން އެންމެން އަޒުމު ކަނޑައަޅަންވީ އަޅުގަނޑުމެން ކޮންމެ މީހެއްގެ ކޮންމެ ކަމަކަށްވުރެ އިސްކުރަންވީ ދިވެހި ޤައުމުކަން. އެންމެން އެކުގައި އަތުކުރި އޮޅާލައިގެން ކުރިއަށް ދިއުމުގައި ޢަޒުމް ކަނޑައަޅަންވީ," ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އިޤްތިސާދު ފުޅާކޮށް ވަރުގަދަކުރުމަށް އާ ޓާމިނަލް ވާނީ ވަރަށް މުހިންމު މަސައްކަތަކަށް ކަމަށެވެ. އެ މަަސައްކަތުގެ ބޮޑު ބައެއް ދޮޅު އަހަރެއްހާ ދުވަހުގެ މަސައްކަތުން ނިންމާލެވުނީ ގުޅިގެން އެންމެން ކުރި ބުރަ މަސައްކަތުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
އެ މަސައްކަތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އެމަނިކުފާނު ވަނީ އިޚްލާސްތެރިކަމާއެކު ޝުކުރު އަދާ ކުރައްވާފަ އެވެ.