ENGLISH
27 ޖުލައި 2025
ޓާމިނަލްގެ 70 އިންސައްތަ ނިންމީ މި ސަރުކާރުން، މަގުދެއްކެވީ ރައީސް: އެމްޑީ ޝަރީފު
26 ޖުލައި 2025
|
އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު މުހައްމަދު، ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ފަސިންޖާ ޓާމިނަލުގެ 70 އިންސައްތަ މަސައްކަތް ނިންމީ މި ސަރުކާރުން ކަމަށާއި، އެ މަސައްކަތް ކުރުމުގައި މަގުދެއްކެވި އާރުކާޓީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ އިބްރާހީމް ޝަރީފު މުޙައްމަދު ވިދާޅުވެއްޖެއެވެ.
ޓާމިނަލް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަގު ހިތަށް ގެނެވޭ މިންވަރަށްވުރެ މާ ބަރުވާނެ ކަމަށެވެ. އެ ވައިގެ ބަނދަރަކީ ގައުމު ބިނާކުރުމުގެ ދޮރާއްޓެއްގެ ގޮތުގައި އަދި މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި އެއް ޖީލުން އަނެއް ޖީލަށް ވާރުތަކުރަމުން އައިސްފައިވާ ބަނދަރެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
ޝަރީފުވަނީ ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޓާމިނަލް އޮތް ހާލަތުގެ މައްޗަށް އަލިއަޅުވައިލައްވައި ވާހަކަދައްކަވާފައެވެ. ތަނުގެ ފާރުތައް ރޭނި ހިޔާކުރެވިފައި ހުއްޓަސް، ކަރަންޓާއި ފެން ދެވޭނެ ގޮތެއް ނެތްކަމާއި، ތަނުގައި ފާހާނާކުރުމަށް ބޭނުންވާ ނަރުދަމާވެސް ގާއިމުވެފައި ނެތްކަމަށް ވިދާޅުވިއެވެ.
އަދި ޝަރީފު ފާހަަގަކުރެއްވީ ޓާމިނަލެއްގެ ހިދުމަތަށް އެންމެ މުހިއްމު އުމްރާނީ އެއް ވަސީލަތްކަމުގައިވާ ހެޑް އޮފް ސްޓޭންޑު މަގު ހަދަން ބަޔަކާ ހަވާލުވެސް ނުކުރާ ކަމެވެ.
ނަމަވެސް ރައީސް ޑރ.މުޢިއްޒު ބޭނުންފުޅުވީ އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްގޮސް ވީހާވެސް އަވަހަށް ނިމުންކަމށް ޝަރީފު ވިދާޅުވިއެވެ. އަދި ރައީސް ބޭނުންފުޅުވީ އެއާޕޯޓު ބޮޑުވެ، ވައިގެ ބަނދަރުން ލިބޭ ހިދުމަތްތައް ފުޅާވުމަށް ކަމުގައިވެސް ވިދާޅުވިއެވެ.
"އާދެ އަޅުގަނޑުމެންގެ މާލިމީ ބަދަލުވެ ހުއްރިއްޔަތުގެ ދަންމަރު މިހާރު އުފުއްލަވަމުން އެ ގެންދަވަނީ ކުޅަދާނަ އަތަކުން. އެ މާލިމީގެ ބުއްދިން އެ މާލިމީ ދުށީ ދިވެހިންގެ ވައިގެ ބަނދަރު ބޮޑުވެ، ބިޔަވެ ހިދުމަތުން ފުޅާވެގެން ދާ މަންޒަރު،" ޝަރީފު ވިދާޅުވިއެވެ.
އިންތިހާބުވެވަޑައިގަތުމާއެކު އެންމެ ފުރަތަމަވެސް ރައީސް ޒިޔާރަތްކުރެއްވީ ޓާމިނަލަށްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ޓާމިނަލުގެ މަސައްކަތް ކުރުމުގައި ދަރިޔަކަށް ބަފަޔަކު އިރުޝާދުދީ މަގުދައްކާ ފަދައިން ރައީސް އޭނާއަށް މަގުދައްކަވަަމުންގެންދެވި ކަމަށެވެ.
ޓާމިނަލް މަސައްކަތުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރައީސް ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގެ މާލީ ހާލަތު އޮތް ގޮތުން ބޭރުން ފައިސާ ހޯދުމަށް ކުރިމަތިވި ދަތިތައްކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ އެގޮންޖެހުން ރައީސްގެ ދުރުވިސްނުންފުޅާއެކު ގިރާކުރެވުނު ކަމަށެވެ.
"ބޭރުން ފައިސާ ލިބުން އޮތީ އިންތިހާއަށް ދަތިވެފައި. ނަމަވެސް މި މާސިންގާ ގޮންޖެހުން ބޮޑު މަސައްކަތްތައް ކޮނޑުއަޅައިގެން އަޅުގަނޑުގެ އަތުގައި ހިއްޕަވައިގެން ވަޑައިގެންނެވީ މާ ކުޅަދާނަ ފަހުލަވާނެއް، ދާންވީ މަގު ކޮށްޓަވައިދެއްވާ ތިރީހަކަށް އިންސައްތަ ނިމިފައި އޮތް މި މަސައްކަތް އެންމެ ދޮޅު އަހަރުން 70 ޕަސެންޓް ނިންމައި ކާމިޔާބުގެ މަންޒިލަށް ވަޑައިގެންނެވީ ރައީސް ޑރ މުހައްމަދު މުއިއްޒު،"
ޝަރީފުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި މި ޓާމިނަލްގެ މަސައްކަތް ނިމުމުން އެކަމުގެ މަންފާ އެމްއޭސީއެލްގެ އިތުރަށް މުޅި އިގުތިސާދަށް ލިބޭނެއެވެ. ފަތުރުވެރިކަމާއި ދަތުރުފަތުރާއި، ވިޔަފާރީގެ ދާއިރާއިން މުޅިން އައު ސަފުހާތަކެއް ހުޅުވިގެންދާނެ ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ.