ENGLISH
10 ސެޕްޓެމްބަރު 2025
ދިހަ އަހަރުގެ އިންތިޒާރު ނިމުމަކަށް؛ ވީއައިއޭގެ އައު ޓާމިނަލް ހުޅުވައިދެއްވައިފި
26 ޖުލައި 2025
|
ވީއައިއޭ ޓާމިނަލް ހުޅުވުން --
މީގެ ނުވަ އަހަރު ކުރިން އެއިރުގެ ސަރުކާރުން އިއުލާނުކުރި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ އެންމެ ބޮޑު އެއް މަސައްކަތްކަމަށްވާ އެ އެއާޕޯޓުގެ އައު ފަސިންޖާ ޓާމިނަލް މިރޭ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފުތިތާހުކޮށްދެއްވައިފިއެވެ.
މި ޓާމިނަލަކީ 400 މިލިއަން ޑޮލަރު ހަލީޖުގެ ގައުމުތަކުން ލޯނުގެ ގޮތުގައި ނަގައިގެން ތަރައްގީކޮށްފައިވާ ޓާމިނަލެކެވެ. އެ ޓާމިނަލުގައި ފަސިންޖަރުންނަށް ހިދުމަތްދިނުމަށް އެންމެ ފަހުގެ ޒަމާނީ ފަންނިއްޔާތު ގާއިމުކުރެވިފައިވާއިރު، ޖާގައިގެ ގޮތުން އައު ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7.5 މިލިއަން ދަތުރުވެރިންނަށް ހިދުމަތްދެވޭނެހައި ޖާގަ ތަނަވަސް ތަނެކެވެ.
ޓާމިނަލުގެ ބިންގާ އެޅިގެންދިޔައީ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި 2018 ވަނަ އަހަރުގެ ކުރީ ކޮޅުއެވެ. ނަމަވެސް ޖެހިގެން އައި ފަސް އަހަރުގެ ދައުރުގައި އެކި ސަބަބުތަކާހުރެ އެ ޓާމިނަލްގެ މަސައްކަތް އެކަށީގެންވާ ދުވެލީގައި ކުރިއަށްނުގޮސް މަޑުޖެހުނެވެ.
ޓާމިނަލްގެ މަސައްކަތް ފަސް އަހަރު ތެރޭ ގޮސްފައި އޮތް މިންވަރަށް ބަލާއިރު އެތަނުގެ ސްޓްރަކްޗާގެ ބައެއް ނޫނީ ނިމިފައިނުވާއިރު، ތަނުގެ އެތެރޭގައި ގާއިމުކުރަންޖެހޭ ވަސީލަތްތަކާއި ޓާމިނަލް އޮޕަރޭޓުކުރުމަށް ފުރިހަމަވާންޖެހޭ އުމްރާނީ ވަސީލަތްތައް ހުރީ ފުރިހަމަނުވެއެވެ. މިހުރިހާ މަސައްކަތެއްގެ ތެރެއިން ނިމިފައި އޮތީ އެންމެ ސާޅީހަކަށް އިންސައްތަ މަސައްކަތެވެ.
ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ޓާމިނަލުގެ މަސައްކަތް ނިންމެވުމަށް ވަރަށް ބޮޑަށް އިސްކަންދެއްވިއެވެ. އެމަނިކުފާނުގެ ސަރުކާރުން ފާއިތުވި ދޮޅު އަހަރު ތެރޭގައި ޓާމިނަލުގެ އެތެރެ ނިންމައި، ޓާމިނަލް އޮޕަރޭޓުކުރުމަށް ޓާމިނަލުގެ ބޭރާއި އެތެރޭގައި ފުރިހަމަވާންޖެހޭ ހުރިހާ އުމްްރާނީ ވަސީލަތްތަކެއް ތަރައްގީކޮށް ނިންމިއެވެ.
މިރޭ ޓާމިނަލް އިފުތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތަކީ މިފަހުގެ ތާރީހެއްގައި ރާއްޖޭގައި ބޭއްވުނު އެންމެ ކުލަގަދަ ރަސްމިއްޔާތެވެ. ޓާމިނަލް އިފުތިތާހުކޮށްދެއްވުމަށްފަހު ރައީސް ޑރ.މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުވަނީ ޓާމިނަލް ބައްލަވައިލައްވާފައެވެ. ދެމަފިރިކަލުންގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމު ލަތީފާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، ވަޒީރުންނާއި އެމްއޭސީއެލްގެ ޗެއާޕާސަން އަދި އެ ކުންފުނީގެ އެމްޑީ ބައިވެރިވެވަޑައިގަތެވެ.