ENGLISH

10 ސެޕްޓެމްބަރު 2025

Advertisement

ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މޯދީ ފުރާވަޑައިގެންފި

26 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މޯދީ ފުރާވަޑައިގަންނަވަނީ، ފޮޓޯ: ރައީސް އޮފީސް

އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދެ ދުވަހުގެ ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު މިއަދު ފުރާވަޑައިގެންފިއެވެ. 

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ދެއްވި ރަސްމީ ދައުވަތުފުޅަކަށް ދެ ދުވަހުގެ ޒިޔާރަތެއްގައި މޯދީ ރާއްޖެއަށް ވަޑައިގަތީ ޖުލައި 25 ބަނަ ދުވަހުއެވެ. އެ ދުވަހު އެމަނިކުފާނު ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މަރުހަބާ ވިދާޅުވެ އިސްތިގުބާލުކުރެއްވީ ރައީސް ޑރ.މުޢިއްޒެވެ. 

އެއަށްފަހު 25 ވަނަ ދުވަހު ހަވީރު މޯދީ މާލެއަށް ވަޑައިގަތުމުން ރަސްމީކޮށް ހޫނު މަރުހަބާއެއް މާލެއިން ދަންނަވައި، 21 ބަޑީގެ ސަލާމެއް އެރުވިއެވެ. އެ ރަސްމިއްޔާތުގައި އެމަނިކުފާނަށް މަރުހަބާ ވިދާާާޅުވީވެސް ރައީސެވެ. އަދި އެއަށްފަހު ރައީސް އޮފީހުގައި އިންޑިޔާއާއި ރާއްޖޭގެ މެދުގައި ރަސްމީ މަޝްވަރާތައް ކުރިއަށްގެންދިޔައެވެ. 

އެ މަޝްވަރާތަކަށްފަހު ރައީސާއި މޯދީ ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތެއްގައި އިންޑިޔާއާއި ރާއްޖޭގެ މެދުގައި މުހިއްމު އަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. 

އެގޮތުން ދިވެހިރާއްޖެއާއި އިންޑިޔާގެ މެދުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރުމުގެ ރަސްމީ މަޝްވަރާތައް ފެށުމާ ގުޅޭ ފަހުމުނާމާއަކާއި، 565 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ހަމަޖެއްސުމުގެ ފަހުމުނާމާގައި ސޮއިކުރައްވާފައިވެއެވެ. 

އަދި އިންޑިޔާއިން ރާއްޖެއަށް ފޯރުކޮށްދޭ ކަރަންސީ ސްވޮޕް ފެސިލިޓީއާ ގުޅޭ ފަހުމުނާމާގައިވެސް ދެ ގައުމުން ސޮއިކުރިއެވެ. އޭގެ އިތުރަށް މަސްވެރިކަމާއި އެކުއަކަލްޗާގެ ދާއިރާއިން ދެ ގައުމުގެ މެދުގައި އެއްބާރުލުން ދިނުމުގެ ފަހުމުނާމާއެއްގައި ސޮއިކުރެވުނެވެ. 

އަދި ފާމަކޯޕިއާ ދާއިރާއިން އެއްބާރުލުންދީ އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ. އަދި މޫސުމާއި މޫސުމީ ބަދަލުތަކާއި ތިމާވެށީގެ ކަންކަން މޮނީޓާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވިފައިވާއިރު، ކާމިޔާބު ޑިޖިޓަލް ހައްލުތައް ތަންފީޒުކުރުމާއި ޑިޖިޓަލް ތަރައްގީއާއި އީޖާދީ ހައްލުތައް ހޯދައި ޑިޖިޓަލް މުސްތަގުބަލެއް ކަށަަވަރުކުރުމުގައި އެއްބާރުލުންދިނުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރެވިފައިވެއެވެ. 

އަދި އެމްއެމްއޭއާއި އިންޑިޔާގެ މެދުގައި ބޯޑަރު ހުރަސްކޮށް ރެމިޓެންސް ފޮނުވުން ފަސޭހަކުރުމާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައިވެއެވެ.

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ނިންމަވައިލެއްވުމަށްފަހު ރައީސް މުއިއްޒާއި ބޮޑުވަޒީރު މޯދީވަނީ ގުޅިފައިވާ ބަޔާނެއް އިއްވަވާފައެވެ. އަދި އެރޭ ރައީސްވަނީ މޯދީގެ ޝަރަފުގައި ފުރަމާނަ ފަރިއްކޮޅެއް އަރުވާފައެވެ. 

މި ދަތުރުފުޅުގައި މޯދީވަނީ ނައިބުރައީސް ހުސައިން މުހައްމަދު ލަތީފާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިދިކޮޅު އެމްޑީޕީގެ ވެރިންނާއި އެހެން ބައެއް ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާވެސް ބައްދަލުކުރައްވާފައެވެ. 

ދަަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ފުރާވަޑައިގަތުމުގެ ކުރިން މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ކުރިއަށްގެންދިޔަ ރަސްމީ އިހުތިފާލުތަކުގައި މޯދީ ބައިވެރިވެވަޑައިގެން އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު