ENGLISH
15 ޖުލައި 2025
ނަފްސާނީ ބަލިމީހުންނަށް އަވަސް އެހީ ދޭން ތައާރަަފުކުރި ހެލްޕްލައިން ގިނަ ބަޔަކު ބޭނުންކުރޭ
14 ޖުލައި 2025
|
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު، ފޮޓޯ: ރައީސް އޮފީސް
ނަފްސާނީ ބަލިތަކަށް ފަރުވާ ބޭނުންވާ މީހުންނަށް ވީހާާވެސް އަވަހަށް ފަރުވާ ފޯރުކޮށްދިނުމުގެ ބޭނުމުގައި ގާއިމުކުރި ހެލްޕްލައިން ގިނަ ބަޔަކު ބޭނުންކުރަމުންދާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ވަޒީރުން އާއްމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށްގެންދާ ސިލްސިލާ ފޯރަމް "އަހާ"ގެ ހަވަނަ ސިލްސިލާގަައި މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމު ވިދާޅުވީ ނަފްސާނީ ބަލިތަކުގެ ދާއިރާއަކީ ސިއްހީ ދާއިރާގެ ކުރިއެރުވުމުގައި ސަމާލުކަންދޭންޖެހޭ ކަމެއް ކަމަށެވެ. ނަފްސާނީ ބަލި ހުންނަ މީހުންނަށް އެންމެ މުހިއްމު ކަމަކީ ވީހާވެސް އަވަހަށް އެހީތެރިކަން ލިބުންކަން ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ މި ސަރުކާރުން ކުރި އެންމެ މުހިއްމު ކަމަކީ 24 ގަޑިއިރު ހިދުމަތްދޭ ހެލްޕުލައިނެއް ގާއިމުކުރުން ކަމަށެވެ.
ނާޒިމު ފާހަގަކުރެއްވި ގޮތުގައި ތަފާސްހިސާބުތަކުން އެ ހެލްޕްލައިނުގެ އެހީތެރިކަން ގިނަ އަދަދެއްގެ ދިވެހިން ހޯދަމުން އަންނަކަން އެނގެއެވެ. އަދި ހެލްޕްލައިން މެދުވެރިކޮށް ސިއްހީ ހިދުމަތް ދޭ މަރުކަޒަކަށް ވާސިލުވުމުގެ ކުރިން ލިބެންޖެހޭ އެހީތެރިކަން ފޯރުކޮށްދެވުމާއެކު، އެފަދަ މަރުކަޒަކަށް ދިއުމުގައި ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ހާލަތު ސީރިއަސްނަމަ ޑޮކްޓަރެއްގެ އެޕޮއިންޓުމެންޓު ހަމަޖައްސައިދިނުމުގައި އެހީތެރިވުން ފަދަ ހިދުމަތްތައް ލިބޭނެ ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ހެލްޕްލައިނުގައި މަސައްކަތްކުރާ ކައުންސިލަރުން އިތުރަށް ތަމްރީނުކުރުމުގެ މަސައްކަތް ކުރައްވަމުންދާަ ކަމަށެވެ.
އޭގެ އިތުރަށް ނަފްސާނީ ބަލިތަކުގެ ފަރުވާ މުޅި ރާއްޖެއަށް ފުޅާކުރުމަށް ދުރު ރާސްތާ ޕްލޭނެއްގެ ތެރެއިން ސަރުކާރުން މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. ނާޒިމު ވިދާޅުވީ މިފަދަ މައްސަލަތަކުގައި އެކަށީގެންވާ ހައްލެއް ހޯދޭނީ ދުރުރާސްތާ ޕްލޭނެއްގެ ތެރެއިން މަސައްކަަތް ކުރެވިގެން ކަމަށެވެ.
މި ދާއިރާގައި މިހާރު އޮތް އެންމެ ބޮޑު ޝަކުވާއަކީ ފަރުވާ ހޯދުމަށް ޖެހެންޖެހޭ ކިއުގެ ދިގުކަން ކަމުގައި ފާހަގަކުރައްވައި ނާޒިމު ވިދާޅުވީ ކިއު ދިގުވާ އެއް ސަބަބަކީ ބައްޔަށް ފަރުވާ ހޯދަން ތިބި މީހުން ގިނަވުމާއި ފަރުވާކުރަން ތިބި މީހުން މަދުވުން ކަމަށެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވީ އެހެނިހެން ބަލިތަކާ ހިލާފަށް ނަފްސާނީ ބައްޔަކީ އެ ބަލީގެ ފަރުވާ ބޭނުންވާ މީހުންނާއެކު ޑޮކްޓަރުން ގިނަ ވަގުތު ހޭދަކުރަންެޖެހޭ ބައްޔަކަށްވުމާއެކު ޑޮކްޓަރުންނަށް ޑިއުޓީ ޝިފްޓެއްގެ ތެރޭގައި ބެލޭ ބަލިމީހުންގެ އަދަދު މަދުވުމެވެ.
އެހެންކަމުން މި މައްސަލަ ހައްލުކުރުމަށް ނިޒާމީ ބަދަލުތަކެއް ގެނެސް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާ މީހުންނަށް ކިއުގެ ބޭރުން ވަގުތުން ފަރުވާ ލިބޭނެ ނިޒާމެއް ހަމަޖެއްސުމަކީ ބޭނުންތެރިކަމެއްގެ ގޮތުގައި ނާޒިމު ފާހަގަކުރެއްވިއެވެ.
އޭގެ އިތުރަށް ނަފްސާނީ ބަލިތަކަށް ހާއްސަ މަރުކަޒެއް ނުވަތަ ހޮސްޕިޓަލެއް ގާއިމުކުރުމުގެ ވިސްނުމަކީ ކުރީ ސަރުކާރުތަކުގައިވެސް ގެންގުޅެފައި އޮތް ވިސްނުމެއްކަން ހާމަކުރައްވައި ނާޒިމު ވިދާޅުވީ މި ސަރުކާރުން އެ ވިސްނުން ދޫކޮށްނުލާ ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުން ހުރީ ނަފްސާނީ ބަލިތަކުގެ ފަރުވާއަށް ހާއްސަ މަރުކަޒެއް ގާއިމުކުރުމަށް ކަމުގައި އޭނާ ވިދާޅުވިއެވެ.