ENGLISH
21 ޖޫން 2026
ކިޑްސަލް: ކުއާޓާގެ ފަހު ޖާގަތައް ބީޖީ އާއި އެޗްވައިއެސްސީއަށް
20 ޖޫން 2026
|
ކިޑްސަލްގައި ބީޖީ އާއި ސްޓަރސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގެ ކުއާޓާ ފައިނަލް ފަހު ދެ ޖާގަ ބީޖީ ސްޕޯޓްސް އާއި ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ) އިން ހޯދައިފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.
މި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، މުބާރާތުގެ ގްރޫޕް ސްޓޭޖު ކުރިއަށްދިޔައީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދި ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރިއިރު، މީގެ ކުރިން ކޮންމެ ގްރޫޕެއްގެވެސް ކުރީގައި އޮތް ތިން ޓީމު ވަނީ ކުއާޓާގެ ޖާގަތައް ކަށަވަރުކޮށްފައެވެ. އެއީ ގްރޫޕް އޭއިން އެލީޓް އެކެޑަމީ، ކުލަބު ވެލެންސިއާ، ވިލިމާލެ ޔުނައިޓެޑް އަދި ގްރޫޕް ބީން ނިއު ރޭޑިއަންޓް، އެސްޕަޔަރ އެކެޑަމީ އަދި ބިސް ބުރު ސްޕޯޓްސްއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހު މެޗުތައް މިއަދު ހަވީރު ކުޅުނުއިރު، ގްރޫޕް އޭގައި ހިމެނޭ ބީޖީން ކުއާޓާގެ ޖާގައެއް ކަށަވަރުކުރީ 5-2 ގެ ނަތީޖާއަކުން ސްޓަރސް އެކެޑަމީ ބަލިކޮށްގެންނެވެ. އެއާއެކު އެ ޓީމަށް ހަތަރުވަނަ ލިބުނީ ކުޅުނު ހަތަރު މެޗުން ލިބުނު ހަތަރު ޕޮއިންޓާއެކުއެވެ. ފުލަށްދިޔަ ސްޓަރސް ވަނީ ހަތަރު މެޗުންވެސް ބަލިވެފައެވެ.
ކިޑްސަލްގައި އެލީޓް އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިއަދު ހަވީރު އެލީޓުން ވަނީ 5-1 ގެ ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް ބަލިކޮށްފައެވެ. އެއާއެކު ގްރޫޕް އޭގެ އެއްވަނަ އެލީޓަށް ލިބުނީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ 12 ޕޮއިންޓާއެކުއެވެ. ދެވަނައަށް ދިޔަ ވެލެންސިއާއަށް ހަތަރު މެޗުން ހަތް ޕޮއިންޓް ލިބުނުއިރު، ތިންވަނައަށްދިޔަ ވިލިމާލެއަށް ހަތަރު މެޗުން ވަނީ ހަ ޕޮއިންޓް ލިބިފައެވެ.
ކިޑްސަލްގައި އެޗްވައިއެސްސީ އާއި ބިސް ބުރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން ގްރޫޕް ބީގައި ހިމެނޭ އެޗްވައިއެސްސީ ކުއާޓާއަށް ދަތުރުކުރީ މިއަދު ހަވީރު ކުޅުނު މެޗުގައި ބިސް ބުރާ ވާދަކޮށް 4-4 ގެ ނަތީޖާއަކުން އެއްވަރުކޮށްގެންނެވެ. އެއާއެކު އެ ޓީމަށް ހަތަރުވަނަ ލިބުނީ ކުޅުނު ހަތަރު މެޗުން ލިބުނު ދެ ޕޮއިންޓާއެކުއެވެ. ފުލަށްދިޔަ އެޑްވެންޗަރސް އެކެޑަމީއަށް ހަތަރު މެޗުން ލިބުނީ ޕޮއިންޓެކެވެ.
ކިޑްސަލްގައި ނިއު ރޭޑިއަންޓާއި އެސްޕަޔަރ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓާއި އެސްޕަޔަރ ވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެއާއެކު ގްރޫޕް ބީގެ އެއްވަނަ ލިބުނު ނިއު ރޭޑިއަންޓާއި، ދެވަނައަށްދިޔަ އެސްޕަޔަރއަށް ހަތަރު މެޗުން 10 ޕޮއިންޓް ލިބުނުއިރު، ނިއު ރޭޑިއަންޓަށް ކުރި ލިބުނީ ފައިދާ ލަނޑުގެ ތަފާތުންނެވެ. އަދި ތިންވަނައަށްދިޔަ ބިސް ބުރަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ.
މި މުބާރާތުގެ ކުއާޓާގެ މެޗުތައް ކުޅޭނީ އަންނަ އަންގާރަ ދުވަހުގެ ހަވީރެވެ.