ENGLISH
21 ޖޫން 2026
ބިސް ބުރު، ޓީސީ އަދި ދިއްދޫ ދިވެހި ޕްރިމިއަރ ލީގަށް
20 ޖޫން 2026
|
ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިންގައި ބިސް ބުރާއި ހުރާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އެންމެ މަޤްބޫލު
ކޮލިފައިން ބުރުގައި މިރޭ ކުޅުނު މެޗުން ކ. ހުރާ ބަލިވުމާއެކު، އަންނަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަތައް ބިސް ބުރު ސްޕޯޓްސް ކުލަބާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ހއ. ދިއްދޫން ކަށަވަރުކޮށްފިއެވެ.
މިދިޔަ އަހަރު އަލަށް ތައާރަފުކުރި ފުޓްބޯޅައިގެ އައު އޮނިގަނޑުގެ ދަށުން، ރާއްޖޭގެ ހަތަރު ރީޖަންގެ ޗެމްޕިއަނުން ހިމެނޭހެން ކުރިއަށްދާ ދިވެހި ޕްރިމިއަރ ލީގުގެ ކޮލިފައިން ބުރުގައި ވާދަކުރަނީ ސައުތު ރީޖަން ލީގުގެ ޗެމްޕިއަން ގދ. ގައްދޫ، ސެންޓްރަލް ރީޖަން ލީގުގެ ޗެމްޕިއަން ކ. ހުރާ، ނޯތު ރީޖަން ލީގުގެ ޗެމްޕިއަން ހއ. ދިއްދޫ، މާލެ ރީޖަން (ދެވަނަ ޑިވިޝަން) ގެ ޗެމްޕިއަން ބިސް ބުރު ސްޕޯޓްސް ކުލަބުގެ އިތުރުން ނިމިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގެ ހަތްވަނަ އާއި އަށްވަނަ މަގާމުގައި ނިންމާލި ދެ ޓީމު ކަމަށްވާ ޓީސީ ސްޕޯޓްސް ކުލަބާއި، ކުލަބު ގްރީން ސްޓްރީޓްސްއެވެ.
މުޅިއެކު ހަ ޓީމާއެކު ކުރިއަށްދާ ކޮލިފިކޭޝަން ބުރުން އެންމެ ކުރިހޯދާ ހަތަރު ޓީމަކަށް ކުރިއަށް އޮތް ސީޒަނުގެ ލީގުން ޖާގަ ލިބޭނެއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުން ބިސް ބުރު ވަނީ ފަހަތުން އަރައި 6-3 ގެ ނަތީޖާއަކުން ހުރާ ބަލިކޮށްފައެވެ.
މި މެޗުގައި އެންމެ ފުރަތަމަ ލީޑު ނެގީ ހުރާއިންނެވެ. މެޗު ފަށައިގެން ހަވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ މުޙައްމަދު މާއިޝް މައުސޫމެވެ. އެކަމަކު މެޗުގެ 23 ވަނަ މިނެޓުގައި މުޙައްމަދު ނަޝީދު ވަނީ ބިސް ބުރަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
އެކަމަކު އޭގެ ހަ މިނެޓު ފަހުން ހުރާއިން އަލުން ލީޑު ނެގިއިރު، މި ލަނޑު ޖަހައިދިނީ އަގްބެޓީ ފްރާސިސްއެވެ. އަދި މެޗުގެ 32 ވަނަ މިނެޓުގައި ސާދު އަބްދުލްއަޒީޒް އިބްރާހީމް ވަނީ ހުރާގެ ލީޑު ފުޅާކޮށްދީފައެވެ. އެކަމަކު މެޗުގެ 36 ވަނަ މިނެޓުގައި މަޙްމޫދު އަޝްރަފް މަޙްމޫދު މުސްޠަފާގެ ލަނޑުން ބިސް ބުރުން ފަރަގު ކުޑަކުރިއިރު، އޭގެ ދެ މިނެޓު ފަހުން ފްރާސިސް އަތުން ބައިކޮޅަށް ވަން ލަނޑާއެކު ބިސް ބުރުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.
މި މެޗުގައި ބިސް ބުރުން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތަރުވަނަ މިނެޓުގައި އާމިރު ޝޮއެއިބް އެލްޞާދިގު މުޙައްމަދު ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި މެޗުގެ 79 ވަނަ މިނެޓގައި މަޙްމޫދު ބިސް ބުރުގެ ލީޑު ފުޅާކޮށްދިންއިރު، މެޗުގެ ފަހު މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، މި މެޗުގައި ހެޓްރިކް ހަދާފައެވެ.
މި މޮޅާއެކު ތާވަލުގެ އެއްވަނައިގައި އޮތް ބިސް ބުރަށް ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ކަށަވަރުވީ ކުޅުނު ހަތަރު މެޗުން ލިބުނު 10 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޓީސީ އާއި، ތިންވަނައިގައި އޮތް ދިއްދުއަށް ހަތް ޕޮއިންޓް ލިބިފައިވާއިރު، އެ ދެ ޓީމަށްވެސް ވަނީ ދިވެހި ޕްރިމިއަރ ލީގުގެ ޖާގަ ކަށަވަރުވެފައެވެ. ޓީސީއަށް ކޮލިފައިންގައި ބާކީ ދެ މެޗު އޮތްއިރު، ދިއްދޫން ވަނީ މިހާތަނަށް ހަތަރު މެޗު ކުޅެފައެވެ.
ދިވެހި ޕްރިމިއަރ ލީގުގެ ފަހު ޖާގައަށް ވާދަކުރަނީ ގައްދޫ އާއި، ގްރީން ސްޓްރީޓްސް އަދި ހުރާއެވެ. ހަތަރުވަނައިގައި އޮތް ގައްދުއަށް ތިން މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، ފަސްވަނައިގައި އޮތް ގްރީން ސްޓްރީޓްސްއަށް ހަތަރު މެޗުން ލިބިފައިވަނީ ދެ ޕޮއިންޓެވެ. އަދި ފުލުގައި އޮތް ހުރާއަށް ހަތަރު މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.
ކޮލިފައިންގެ މެޗެއް މާދަމާ ހަވީރު ކުޅޭއިރު، އެ މެޗުގައި ވާދަކުރާނީ ގައްދޫ އާއި ޓީސީއެވެ.