ENGLISH
20 ޖޫން 2026
ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަކީ ޝާޔާ އާއި ނާއިކް
20 ޖޫން 2026
|
ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި އައިޝަތު ޝާޔާ ޝަފީއު އާއި ޔޫސުފް ނާއިކް ވަޖީހު --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
އެންމެ މަޤްބޫލު
އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބޭއްވި 35 ވަނަ ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އެތުލީޓުންގެ މަގާމު ޓްރެކް އެންޑް ފީލްޑް އެެސޯސިއޭޝަންގެ އައިޝަތު ޝާޔާ ޝަފީއު އާއި ޔޫސުފް ނާއިކް ވަޖީހު ހޯދައިފިއެވެ.
މާލޭ އެކުވެނި ސިންތެޓިކް ޓްރެކުގައި ތިން ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި މުބާރާތް މިއަދު ހަވީރު ނިންމާލިއިރު، މި މުބާރާތުގައި އެންމެ މޮޅު އެތުލީޓުންގެ މަގާމު ހޯދި ދެ އެތުލީޓުންވެސް ވަނީ ޤައުމީ ރިކޯޑުތައް އައުކޮށްފައެވެ.
އެގޮތުން އަންހެން އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ޝާޔާ ވަނީ ޝޮޓް ޕުޓް އުކުމުގެ ޤައުމީ ރިކޯޑު އައުކޮށްފިއެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ޝާޔާގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގައި 9.80 މީޓަރު ދުރަށް އެއްލައިގެންނެވެ. އެކަމަކު މި އަހަރުގެ ޤައުމީ މުބާރާތުގައި ޝާޔާ އެ ރިކޯޑު އައުކުރީ އިތުރު 40 ސެންޓިމީޓަރު ދުރަށް އެއްލައި، 10.20 މީޓަރަށް ކުރިއަށް ޖައްސާލައިގެންނެވެ.
ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމު ހޯދި އައިޝަތު ޝާޔާ ޝަފީއު --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
މި މުބާރާތުގެ މޮޅު އެތުލީޓުގެ މަގާމު ޝާޔާ ހޯދިއިރު، އޭނާ ވަނީ މި ފަހަރުގެ އެތުލެޓިކްސް ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ އެސޯސިއޭޝަން ޗެމްޕިއަންޝިޕުގެ އެންމެ މޮޅު އަންހެން އެތުލީޓުގެ މަގާމުވެސް ހޯދާފައެވެ.
މީގެ އިތުރުން ފިރިހެން އެންމެ މޮޅު އެތުލީޓުގެ މަޤާމަށް ހޮވުނު ނާއިކް ވަނީ ހައި ޖަމްޕުގެ ޤައުމީ ރިކޯޑު އައުކޮށްފައެވެ. މި ރިކޯޑު މީގެ ކުރިންވެސް އޮތީ ނާއިކުގެ އަތުގައެވެ. އެއީ މިދިޔަ އަހަރުގެ ޤައުމީ މުބާރާތުގައި 1.88 މީޓަރަށް ފުންމައިގެންނެވެ. އެކަމަކު މި އަހަރުގެ ޤައުމީ މުބާރާތުގައި މިއަދު ނާއިކު އެ ރިކޯޑު އައުކުރީ 1.91 އުހަށް ފުންމައިގެންނެވެ.
ޤައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމު ހޯދި ޔޫސުފް ނާއިކް ވަޖީހު --- ފޮޓޯ: މުޙައްމަދު އަނޫފް ޙަބީބް / އެމްއެމް ސްޕޯޓްސް
މި އަހަރުގެ ޤައުމީ މުބާރާތުގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ކުލަބަކީވެސް ދިވެހި ސިފައިންގެ ކުލަބު (ޑީއެސްސީ) އެވެ. ފިރިހެން ބައިން ސިފައިން ވަނީ 253.5 ޕޮއިންޓް ސްކޯކޮށްފައެވެ. އަދި އަންހެން ބައިން ސިފައިންގެ ކުލަބަށް ވަނީ 230 ޕޮއިންޓް ލިބިފައެވެ.
މި އަހަރުގެ ޤައުމީ މުބާރާތުގައި 153 އެތުލީޓުން ވާދަކުރިއިރު، އެއީ ޖުމްލަ 19 ކުލަބަކަށް ނިސްބަތްވާ އެތުލީޓުންނެވެ.