ENGLISH

21 ޖޫން 2026

Advertisement

މިއާންޒް ކޮލެޖަކީ ކުރުމުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމިޔާބީއަށް ވާސިލްވި މުއައްސަސާއެއް: ފަސްޓް ލޭޑީ

20 ޖޫން 2026

|

ޢަލީ ޝަހީމް

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: ރައީސް އޮފީސް

މިއާންޒް ކޮލެޖަކީ ކުރުމުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމީޔާބީއަށް ވާޞިލުވި މުއައްސަސާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ. 

އެކަމަނާ މިފަދައިން ވިދާޅުވީ މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އިމާދުއްދީން ސްކޫލުގައި އޮތް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. 

ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި އެކަމަނާ ދެއްކެވި ވާހަކަފުޅުގައި، މިއާންޒް ކޮލެޖަކީ ކުރުމުއްދަތެއްގައި، ހަލުވި ދުވެލީގައި ކާމީޔާބީއަށް ވާޞިލުވި މުއައްސަސާއެއްކަން ފާހަގަކުރައްވައި، ޤައުމީ ފެންވަރެއްގައި ރަނގަޅު ތަރުބަވީ އާޖީލެއްގެ ބިންގާ އެޅުނީތީ މުޅި ދައުލަތްވެސް އުފާކުރާކަމުގައި ވިދާޅުވިއެވެ.

ތަރައްޤީއަކީ އިންސާނާއަށް އަންނަ ބަދަލަކަށް ކިޔާ ނަމެއްކަމަށާއި، ތަޢުލީމަކީ އިންސާނާ ތަރައްޤީކޮށްދޭ ވަސީލަތެއްކަން ސިފަކުރައްވައި، ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ، ތަޢުލީމު ލިބިފައިވާ މީހާގެ ކިބައިން ފާޅުވާ ހަރުދަނާ އަޚްލާޤުތަކެއް ހުންނަކަން ހަނދާންކޮށްދެއްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އެކަމަނާ ވަނީ، ދީނަށް ތެދުވެރި، ޤައުމަށް ވަފާތެރި، މަސައްކަތުގައި ފަރުވާތެރި ފަޚްރުވެރި ދިވެހިދަރިޔަކަށްވުމަށް، ދަރިވަރުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިރޭގެ ރަސްމިއްޔާތުގައި މިއާންޒް ކޮލެޖުގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ހަނދާނީ ހަދިޔާއެއް އަރުވާފައިވެއެވެ. މިއާންޒް ކޮލެޖުގެ ފަރާތުން އެކަމަނާއަށް ހަނދާނީ ހަދިޔާ ހަވާލުކޮށްދެއްވީ، އެ ކޮލެޖުގެ ފައުންޑަރ އަދި ޗެއަރމަން، އަޙްމަދު މުއްތަކީއެވެ.

މީގެ އިތުރުން، މިއާންޒް ކޮލެޖުގެ "ސްޓޫޑަންޓް އެސޯސިއޭޝަން އެގްޒެކެޓިވް ކޮމިޓީ" އިޢުލާންކުރުމާއި، "މިއާންޒް"ގެ ރަސްމީ ލަވަ އިފްތިތާޙްކުރުންވެސް މިރޭގެ ރަސްމިއްޔާތުގައި އޮތެވެ. 

މިއާންޒް ކޮލެޖަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ދަޢުލަތުގެ އިސްވެރިންނާއި، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓުންނާއި، ކޮލެޖުގެ އިސްވެރިންނާއި މުވައްޒަފުންނާއި ދަރިވަރުން ބައިވެރިވެވަޑައިގަތެވެ.

ކިޔުންތެރިންގެ ހިޔާލު