ENGLISH
15 ޖުލައި 2025
ހަ މަސް ތެރޭ މާލޭ ސަރަހައްދުގައި 1،101 އެކްސިޑެންޓު؛ ނުރައްކާތެރި 61 ހާދިސާ ހިމެނޭ
14 ޖުލައި 2025
|
މިދިޔަ ޖޫން މަހު ފުލުން ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށްގެންދަނީ. ފޮޓޯ: ޕޮލިސް
މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، މާލެ ސަރަޙައްދުން މަގުމަތީގެ 1,101 އެކްސިޑެންޓް ރިޕޯޓްކޮށްފައިވާއިރު އޭގެތެރޭގައި ނުރައްކާތެރި 61 ހާދިސާ ހިމެނޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު އާއްމުކުރި ތަފާސްހިސާބުގައި ފާހަގަކޮށްފައިވާގޮތުން 1,101 އެކްސިޑެންޓް ރިޕޯޓްވެފައިވަނީ ޖަނަވަރީ 1 އިން ޖޫން 30 ގެ ނިޔަލަށެވެ. ފުލުހުންގެ އަދާހަމައިގައި ހިމަނާފައިވަނީ މާލެ ސިޓީ، ސިނަމާލެ ބްރިޖު އަދި ހައިވޭ ސަރަޙައްދުތަކުގައި ހިނގި އެކްސިޑެންޓުތަކެވެ.
މި ހާދިސާތަކުގެ ތެރެއިން އެންމެ ގިނައީ ސައިކަލާއި ކާރު ޖެހިގެން ހިންގާފައިވާ އެކްސިޑެންޓްތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ގިނަ ހާދިސާތައް ދުވާލުގެ ވަގުތުގައި ހިނގާފައިވާއިރު 6 އިންސައްތަ އެކްސިޑެންޓްގައި ބޮޑެތި އަނިޔާތައް ވެފައިވާކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ފުލުހުން ބުނީ ޖުމްލަ އެކްސިޑެންޓުގެ ތެރެއިން ނުރައްކާތެރި 61 ހާދިސާ ހިނގި ކަމަށެވެ.
އެކްސިޑެންޓް އެންމެ ގިނައިން ހިނގާފައިވަނީ މާލޭގައެވެ. އެގޮތުން މާލެއިން 911 އެކްސިޑެންޓް ރިޕޯޓްވެފައިވާއިރު ބްރިޖާއި ހައިވޭއިން 190 އެކްސިޑެންޓް ވަނީ ރިޕޯޓްވެފައެވެ.
ދުވާލު ގަޑީގައި 745 އެކްސިޑެންޓް ހިނގިއިރު ރޭގަނޑު ގަޑީގައި 356 އެކްސިޑެންޓް ވަނީ ހިނގައިފައެވެ.
އެކްސިޑެންޓްތަކުގެ ސަބަބުން 90 އިންސައްތަ އުޅަނދަަށް ގެއްލުންވެފައިވާއިރު، 121 މީހަކަށް އަނިޔާވެގެން ފަރުވާދީފައިވެއެވެ.
އެކްސިޑެންޓުތައް ގިނަވުމާއެކު، އެންމެން ޓްރެފިކް ޤަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތައި، އެކުގައި މަސައްކަތްކޮށްގެން މަގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.