ENGLISH

14 ޖުލައި 2025

Advertisement

ބީއެމްއެލް ސްޓޫޑެންޓް ކާޑުން %10 އާ ހަމަޔަށް ޑިސްކައުންޓް ދެނީ

14 ޖުލައި 2025

|

އަޙުމަދު ޙަމީދު

ބީއެމްއެލް ސްޓޫޑެންޓް ކާޑުން %10 އާ ހަމަޔަށް ޑިސްކައުންޓް ދޭން ވަނީ ނިންމާފައި --

ދަރިވަރުންގެ މެދުގައި މަގުބޫލް ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން ޚާއްސަ ޑިސްކައުންޓެއް ލިބޭ ގޮތް ބީއެމްއެލް އިން ހަމަޖައްސައިފި އެވެ.

މި ގޮތުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން %10 އާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ. ޑިސްކައުންޓް ލިބޭ ތަންތަނުގެ މައުލޫމާތު ވެސް ވަނީ އާންމުކޮށްފަ އެވެ.

ބީއެމްއެލް އިން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައި ވަނީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމަށް އެ ބެންކުން ބުނެ އެވެ. އެގޮތުން ވަކި އަދަދެއް މަހެއްގެ މައްޗަށް ބަޖެޓްކޮށްގެން ކުދިންގެ ކުދި ކުދި ޚަރަދުތައް މި ކާޑު މެދުވެރިކޮށް ކުރުމުން އެ ކުދިންނަށް ބަޖެޓިން ފަދަ މުހިންމު ކޮންސެޕްޓްތައް ދަސްވާނެ ކަމަށާ އަދި ވަކި ޒިންމާދާރުކަމާއިއެކު ޚަރަދުކުޑަކުރަން ވެސް ދަސްވާނެ ކަމަށް ބުންޏެވެ.

ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން 7 އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 18 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ.

ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިންގ އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ އެވެ. 

ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ އެވެ. އެހެންކަމުން ބެލެނިވެރިންގެ ފުރިހަމަ އިރުޝާދާއެކު ކުދިންނަށް ފަހި ވެގެން މިދަނީ މީގެ ކުރިން އެ ކުދިންނަށް ނުލިބޭ ރަނުގެ ފުރުސަތެއް ކަން ބީއެެމްއެލް އިން ފާހަގަ ކުރެ އެވެ. އަދި ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ލިބޭނެ ކަން ފާހަގަ ކޮށްފައިވެ އެވެ.

ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެ އެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތް ކުރެވޭނެ އެވެ. މިގޮތުން މަހަކު 100 ޔޫއެސް ޑޮލަރު ވަނީ ކަނޑައަޅާފަ އެވެ. އަދި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދަރިވަރުންނަށް މަހަކު 1,200 ޔޫއެސް ޑޮލަރުގެ (ރަޖިސްޓްރީކޮށް ލިޔެކިޔުންތައް ހުށަހެޅުމުން) ބޭރު ފައިސާގެ މުޢާމަލާތްތަކުގެ ލިމިޓް ކަނޑައެޅިފައިވެ އެވެ.

ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިންގ އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެ ކަމަށް ބެންކުން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު