ENGLISH

14 ޖުލައި 2025

Advertisement

ކޮންމެ ދިވެއްސެއްގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުން: ރައީސްގެ މުހިންމު ލަނޑުދަނޑިއެއް

14 ޖުލައި 2025

|

އިސްމާއީލް ރާތިއު

ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖޭގައި އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ އެއް ދާއިރާއަކީ ޞިއްޙީ ދާއިރާއެވެ. މީގެކުރިން، ރާއްޖެއިން ބޭރަށްގޮސްގެން ނޫން ގޮތަކަށް ނުލިބޭ އެތައް ޞިއްޙީ ޚިދުމަތެއް، މިއަދު ރާއްޖޭން ލިބެން އެބަހުއްޓެވެ. އެމްއާރްއައި އާދި މިނޫނަސް އެކި ބާވަތްތަކުގެ ސްކޭންތައް، ފަސޭހަކަމާއެކު ރާއްޖޭން ހެދުމުގެ އިންތިޒާމުތައް ހަމަޖެހިފައިވެއެވެ. ނަމަވެސް، ޞިއްޙީ ނުޒާމުގެ ތެރޭގައި ފަހަކާއި ޖެހެންދެން އަޅާނުލެވި އޮތް ދާއިރާއެއް އެބައޮތެވެ. ނަފްސާނީ ޞިއްޙަތުގެ ދާއިރާއެވެ.

އަދުގެ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ހިސާބުންވެސް، އެ މަނިކުފާނު މި ދާއިރާ ކުރިއެރުއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވަމުން ގެންދެވިއެވެ. އެގޮތުން، އިންތިޚާބީ ރައީސްގެ ގޮތުގައި ހުންނަވާ، 2023 ވަނަ އަހަރުގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ މުނާސަަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، ނަފްސާނީ ދުޅަހެޔޮކަމަކީ، ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެއް ކަމަށާއި މި އަސާސީ ޙައްޤު ކަށަވަރުކޮށްދެވޭނީ، ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތި، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށް ވިދާޅުވެފައި ވެއެވެ. އަދި، އެ މަނިކުފާނުގެ ސަރުކާރުގައި އެ މަގަށް ސިޔާސަތުތައް ބައްޓަންކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައި ވެއެވެ.

އެ މަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގަތް ހިސާބުން، މި ވަޢުދުފުޅުގައި ކުލަޖައްސަވަން ފެއްޓެވީ ލަސްތަކެއް ނުވެއެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު، ޞިއްޙަތާބެހޭ ވުޒާރާއިން 24 ގަޑިއިރު ޚިދުމަތްދޭ ނަފްސާނީ އެހީ ފޯރުކޮށްދޭ ޤައުމީ ހެލްޕްލައިނެއް އިފްތިތާޙުކުރިއެވެ. މި ހެލްޕްލައިންގެ އަމާޒަކީ، ނަފްސާނީ ޙާލަތެއް، ނުވަތަ އުނދަގޫތަކެއް ތަޙައްމަލުކުރަމުންދާ އެކި ޢުމުރުފުރާތަކުގެ މީހުންނަށް ކޮންމެ ގަޑިއެއްގައިވެސް އެ ޚިދުމަތް ފޯރުކޮށްދިނުމެވެ. މި ހެލްޕްލައިން ވެފައިވަނީ ނުހަނު ތަރުހީބު ލިބެމުން އަންނަ ކަމަކަށެވެ.

މި ހެލްޕްލައިނުން ފޯރުކޮށްދީފައިވާ ބައެއް ޚިދުމަތްތަކުގެ ތެރޭގައި:

-  ނަފްސާނީ ޞިއްޙަތުގެ ޚިދުމަތް ލިބެންހުރި ތަންތަނުގެ މައުލޫމާތު އޮޅުންފިލުވައިދިނުން

-  ނަފްސާނީ އެހީތެރިކަން ފޯރުކޮށްދިނުން

-  ކްރައިސިސް މެނޭޖްކޮށްދިނުން

-  ފޮލޯއަޕް އަދި ރިފަރަލް ހަދައިދިނުން

ފާހަގަކޮށްލެވެއެވެ.

2024 ވަނަ އަހަރު ނިމުނުއިރު، 2576 މީހުން ހެލްޕްލައިންގެ ޚިދުމަތް ހޯދާފައިވާ ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ. އަދި މި އަހަރުގެ ޖުލައި މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް އެކަނިވެސް 5820 މީހުން މި ހެލްޕްލައިންގެ ޚިދުމަތް ހޯދާފައިވާ ކަމަށް އެ ވުޒާރާއިން ބުނެއެވެ. މިއީ، މުޅި 2024 ވަނަ އަހަރާ އަޅާބަލާއިރު 125.93 އިންސައްތަ އިތުރު ޢަދަދެކެވެ.

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހެލްޕްލައިންގެ ޚިދުމަތް ހޯދާ ފަރާތްތަކުގެ ޢަދަދު މިހާބޮޑަށް އިތުރުވެފައިވުމުން ދައްކުވައިދެނީ، ރައީސްގެ ވަޢުދުފުޅާއި އެއްގޮތަށް، ކުރިއާއި ޚިލާފަށް، ނަފްސާނީ ޙާލަތްތައް ތަޙައްމަލުކުރަމުންދާ ފަރާތްތަކަށް، މި ހެލްޕްލައިން މެދުވެރިކޮށް ފަސޭހައިން އެހީތެރިކަން ލިބެމުންދާކަން ކަން، ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު