ENGLISH
14 ޖުލައި 2025
ފޭކު ޓްރާންސްފަރ ސްލިޕް ފޮނުވައިގެން ވިޔަފާރިކުރުން: 80،000 އަށްވުރެ ގިނަ ރުފިޔާ ރައްދުކޮށްދީފި
14 ޖުލައި 2025
|
ފުލުހުންގެ މައި މަރުކަޒު
ފޭކު ޓްރާންސްފަރ ސްލިޕް ފޮނުވައިގެން ވިޔަފާރިކޮށްގެން ގެއްލުންވެފައިވާ އެކި ފަރާތްތަކުގެ ފައިސާ އަނބުރާ ހޯދައިދިނުމަށް ކުރިއަށް ގެންދިޔަ ތަޙުޤީޤުގެ ތެރެއިން 80،000 އަށްވުރެ ގިނަ ރުފިޔާ، އޭގެ ވެރިފަރާތްތަކަށް ރައްދުކޮށްދީފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލަ ތަޙުޤީޤުކުރަން ފެށީ، ފޭކު ސްލިޕްތަކެއް ފޮނުވައިގެން ވިޔަފާރި ކޮށްފައިވާ ކަމަށް ހުޅުމާލޭގައި ހުންނަ ފިހާރައަކުން މިދިޔަ މެއި މަހު އެތައް ފަހަރެއްގެ މަތިން ހުށަހަޅާފައި ވުމުން ކަމަށް، ފުލުހުން ބުނެފައިވެއެވެ. އަދި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމުން، މާލެ އާއި ހުޅުމާލޭގެ އެތައް ފިހާރައަކުން ފޭކު ސްލިޕް ބޭނުންކޮށްގެން ވިޔަފާރި ކޮށްފައިވާކަން އެނގުނުކަމަށް ފުލުހުން ބުންޏެވެ.
މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްކަމަށްވާ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓުގެ ދެ އެޕާޓްމަންޓަކަށް، ފޭކު ސްލިޕް ފޮނުވައިގެން ގަނެފައިވާ ކަމަށް ބެލެވޭ މުދާތަކެއް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަޙުޤީޤާ ގުޅުންހުރި ތަކެތި ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ޒައިދާންގެ އިތުރުން ހައްޔަރުކޮށްފައި ވަނީ އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ. ކޯޓު އަމުރެއްގެ ދަށުން ޖޫން މަހުގެ 17 ވަނަ ދުވަހު މި ދެ މީހުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޒައިދާން މުޙައްމަދު ހާޝިމް 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި، މައްސަލައިގެ ތަޙުޤީޤަށް މި ދެމީހުން އިތުރަށް ބަންދުގައި ބައިތިއްބަން ނުފެންނާތީ، ދެމީހުންވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލަ އިތުރަށް ތަޙުޤީޤުކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެއެވެ.