ENGLISH

14 ޖުލައި 2025

Advertisement

ޔާމީނުގެ ތުހުމަތު ސޯލިހަށް: ހިޔާނާތުން ޓާމިނަލުގެ އަގަށް 300 މިލިއަން ޑޮލަރު އިތުރުކުރި

14 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، ފޮޓޯ: ދެން

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާމިނަލުގެ މަސައްކަތްތަކަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ގެނައި ބަދަލުތަކުގެ ތެރެއިން އަލަށް ކުރި 28 މިލިއަނެއްހައި ޑޮލަރުގެ މަސައްކަތް ކުރުމަށް އެ މަސައްކަތުގެ އަގަށް 300 މިލިއަނެއްހައި ޑޮލަރު އިތުރުކުރިކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވައިފިއެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ފެށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިތުރަށް ބޮޑުކޮށް ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން އެމަނިކުފާނުގެ ވެރިކަމުގައި ސައުދީ ފަންޑާއެކު ގާއިމުކުރެވުނު އެއްބަސްވުމެއްގެ ދަށުން އައު ޓާމިނަލް އެޅުމަށް ފައިސާ ހަމަޖެހި އެ މަސައްކަތް ސައުދީ އަރަބިއްޔާގެ ބޮޑު ކުންފުންޏެއްކަމަަށްވާ ބިން ލާދިން ގްރޫޕާ ހަވާލުކުރިއެވެ. 

އެމަނިކުފާނުގެ ވެރިކަމުގައި އެ އިމާރާތުގެ ބިންގާ އަޅައި ތަނބުޖެހުމުގެ މަސައްކަތާ ހަމައަށް ގޮސްފައިވަނިކޮށް ވެރިކަން ބަދަލުވެ، ރައީސް ސޯލިހުގެ ވެރިކަމުގައި އެ މަސައްކަަތް މަޑުޖެހުނެވެ. އެއަށްފަހު ޓާމިނަލުގެ ޑިޒައިނަށް ބަދަލުތަކެއް ގެނެވުނެވެ. މައިގަނޑު ގޮތެއްގައި ބަދަލުކުރީ ޓާމިނަލްގެ ބޭރުގެ ޑިޒައިނެވެ. ޓާމިނަލުގެ ޑިޒައިނުގެ އެހެން ކޮމްޕޯނެންޓަކަަށް ބޮޑު ބަދަލެއް ނުގެނެއެވެ. 

މިކަމާ ގުޅޭ ގޮތުން އެމަނިކުފާނުގެ ޕާޓީ ޕީއެންއެފްގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ފަރުމާކުރި ޓާމިނަލަކީ ހަތަރެސްކަން ފޮށިގަނޑެއް ކަމުގައި ބުނެ ޑިޒައިނަށް ބަދަލުތަކެއް ގެނައި ނަމަވެސް މިހާރުވެސް ޓާމިނަލް އޮތީ ފޮށިގަނޑެއްހެން ކަމަށެވެ. 

އެމަނިކުފާނުގެ ވެރިކަމުގައި އެކަށީގެންވާ ދުވެއްޔެއްގައި މަސައްކަތް ކުރިއަށްނުދިޔަ ސަބަބަކީ ސައުދީ ފަންޑާއި ބިން ލާދިން ގުރޫޕާ ދެމެދުގައި ބައެއް ކަންކަމާމެދު އެއްބަސްނުވެވުންކަން ރޭ ރައީސް ޔާމީނު ހާމަކުރެއްވިއެވެ. 

އަދި އެއާޕޯޓުގެ ޓާމިނަލުގެ މަސައްކަތް ރައީސް ސޯލިހުގެ ވެރިކަމުގައި ކުރިއަށްދިޔަކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އެ މަސައްކަތަކީ ނިންމާފައި އޮތް ކަމެއް ކަމަަށެވެ. އެ މަސައްކަތަށް މަގުފަހިކުރުމަށް ރައީސް ސޯލިހުގެ ސަރުކާރުން ކުރަންޖެހުނު އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. 

އަދި ފޮށިގަނޑެއްހެން ހުރެގެންކަމަށް ބުނެ ޓާމިނަލުގެ ބޭރަށް ގެނައި ބަދަލުތަކަަށް އިޝާރާތްކުރައްވައި ޔާމީން ވިދާޅުވީ އެ މަސައްކަތަށް ހޭދަވީ 28 މިލިއަން ޑޮލަރު ކަމުގައެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލިސް އިންތިހާބު ކައިރިވެފައި އޮތުމުން މަޝްރޫއުގެ ވޭރިއޭޝަނެއް ކަމަށް ބުނެ މަޝްރޫއުގެ އަގަށް 300 މިލިއަން ޑޮލަރު އިތުރުކުރި ކަމަށް ޔާމީން ތުހުމަތުކުރެއްވިއެވެ. 

"މިތަނަށް ދިޔައީ 28 މިލިއަން ޑޮލަރު އެކަމަކު ރައްޔިތުންގެ މަޖިލިސް ކައިރިވެފައި އޮތީމަ މަޖިލިސް އިންތިހާބު ނަގަންވެގެން ޕްރޮޖެކްޓުގެ ވޭރިއޭޝަނެކޭ ކިޔާފައި އިބްރާހީމް މުހައްމަދު ސޯލިހުމެން 300 މިލިއަން ޑޮލަރު ޕްރޮޖެކްޓުގެ އަގަށް އިތުރުކުރި.،" ރައީސް ޔާމީނު ވިދާޅުވިއެވެ. 

އެމްޑީޕީން އެކަމުގައި އަމަލުކުރި ގޮތަކީ ހިޔާނާތެއް ކަމުގައި ސިފަކުރައްވައި ޔާމީނު ވިދާޅުވީ އެމްޑީޕީން އެކަމުގައި އަމަލުކުރި ގޮތުން އެއާޕޯޓަށް އިތުރު 300 މިލިއަން ޑޮލަރު ރައްޔިތުން ދައްކަންޖެހިފައިވާ ކަމަށެވެ. 

އެއާޕޯޓު ބޮޑުކުރުމުގެ މަޝްރޫއުގެ ގިނަ މަސައްކަތްތަކެއް ޔާމީނުގެ ވެރިކަމުގައި ފަށައި ނިންމައި، އަދި ނުނިމި ހުރި ގިނަ މަސައްކަތްތަކެއް ސޯލިހުގެ ވެރިކަމުގެ ކުރީ ކޮޅު ނިމޭ މިންވަރަަށް ކުރިއަށް ގޮސްފައި ހުރި ނަމަވެސް، ބާކީ ހުރި މަސައްކަތްތައް ސޯލިހުގެ ދައުރުގައި ވަރަށް ބޮޑަށް މަޑުޖެހުނެވެ. 

މަޑުޖެހި ނުނިމި ހުރި މަސައްކަތްތަކުގެ ބޮޑު ބައެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ގެންދަވަނީ ނިންމަވަމުންނެވެ. އެގޮތުން ޓާމިނަލުގެ މަސައްކަތްވެސް މިހާރު ނިމުމަކާ ގާތަށް އައިސްފަިއވާއިރު ޖުލައި 26 ވަނަ ދުވަހު ޓާމިނަލް ހުޅުވައި ހިދުމަތް ދޭން ފަށާނެއެވެ. 

ކިޔުންތެރިންގެ ހިޔާލު