ENGLISH
14 ޖުލައި 2025
ޗިލްރަންސް އޮމްބަަޑްސްޕާސަންގެ މަގާމުގެ މުއްދަތު އިތުރުކުރުމަށް ރައީސް ހުށަހަޅުއްވައިފި
14 ޖުލައި 2025
|
ނިއުމަތު ޝަފީގު، ފޮޓޯ: މިހާރު
ޗިލަަރަންސް އޮމްބަަޑްސްޕާސަަންގެ މަގާމުގައި ހުންނެވި ނުއުމަތު ޝަފީގުގެ މަގާމުގެ މުއްދަތަު ހަމަވާތީ އޭނާގެ މަގާމުގެ މުއްދަަތު އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
ނިޢުމަތުގެ މަގާމުގެ މުއްދަތު ހަމަވާތީ އޭނާގެ މަގާމުގެ މުއްދަތު އިތުރުކޮށްދެއްވުން އެދިވަޑައިގެން ރައީސް މަޖިލީހަށް ފޮނުއްވި ސިޓީ މިއަދުގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވެއެވެ. އަދި އެ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއަށް މަޖިލީހުގެ ރިޔާސަތުން ފޮނުއްވާފައިވެއެވެ.
ކުޑަކުދިންގެ ހައްގުތަކާ ބެހޭ ގާނޫނުން އުފަންކުރި ޗިލްރެންސް އޮމްބަޑްސްޕާސަންގެ މަގާމަަށް ނިއުމާ އައްޔަންކުރީ 23 ޖުލައި 2020 ވަނަ ދުވަހު މަޖިލީހުގެ ރުހުމާއެކުއެވެ. އެ މަގާމުގެ ދައުރުގެ ގޮތުގައި ގާނޫނުގައި ބަޔާންކުރާ ފަސް އަހަރުގެ މުހުލަތު މި މަހުގެ 23 ވަނަ ދުވަހު ހަމަވާނެއެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކަތެރިކުރުމުގެ ގާނޫނުގައި ބުނެފައިވާ ގޮތުން ޗިލްރަންސް އޮމްބަޑްސްޕާސަންގެ މައިގަނޑު އެއް ޒިންމާއަކީ އެ ގާނޫނާއި ކުޑަކުދިންގެ ހައްގުތަކާ ގުޅުންހުރި ބައިނަލްއަގުވާމީ މުއާހަދާތަކާ އެއްގޮތަށް ދައުލަތުގެ އިދާރާތަކުން އަމަލުކުރަމުންދާ ގޮތް ބަލައި، އެ ގާނޫނާއި މުއާހަދާތަކާ އެއްގޮތަށް އަމަލުކުރަމުންދާކަން ކަށަވަރުކުރުމެވެ.
އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ދާއިރާގެ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން މޮނިޓާކޮށް، އެ ފަރާތްތަކުގެ މަސައްކަތް ވަޒަންކޮށް، އެ ފަރާތްތަކުގެ ތަހުގީގުކޮށް މުތާލިއާކުރުމަަކީ އޮމްބަޑްސްޕާސަންގެ ގާނޫނީ ޒިންމާއެކެވެ.
މި މަގާމުގެ މުސާރައަކީ 25،000 ރުފިޔާއެވެ. އަދި 10،000 ރުފިޔާގެ އެލަވެންސެއް އެ މަގާމަށް ދެއެވެ. ޖުމްލަ 35،000 ރުފިޔާގެ އުޖޫރައެއް އެ މަގާމަށް ކަނޑައަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުންނެވެ.