ENGLISH
14 ޖުލައި 2025
ރޭ ހިނގި އެކްސިޑެންޓުގައި ނިޔާވި އަލްސަންގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު
14 ޖުލައި 2025
|
ރޭ މާލޭގެ ބޮޑުތަކުރުފާނު މަގުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްޓެއްގައި ނިޔާވި 17 އަހަރުގެ ޔޫސުފް އަލްސަން މުޙައްމަދުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށްފަހު އާސަހަރާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މާފަންނު ބަސް ޓާމިނަލް ކައިރީގައި ހިނގި މި އެކްސިޑެންޓުގައި އަލްސަން ނިޔާވީ އޭނާ ދުއްވި ސައިކަލުން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހުމުންނެވެ. މި ހާދިސާގައި އަލްސަންގެ އިތުރުން ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖަކާއި މަގު ހުރަސްކުރަން އުޅުނު 40 އަހަރުގެ މީހާއަށް ވެސް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އައި.ޖީ.އެމް.އެޗްއިން މަޢުލޫމާތު ދިންގޮތުގައި މި ދެ ފަރާތުގެ ޙާލަތު ވެސް ވަނީ ސީރިއަސްކޮށެވެ.
ނިޔާވި އަލްސަންއަކީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުޙައްމަދު ޢަބްދުލްޣަނީ (ތޭރަވާ)ގެ ހަމައެކަނި ދަރިފުޅެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެކްސިޑެންޓުގެ ވީޑިއޯތަކުން ދައްކާގޮތުގައި، ބާރު ސްޕީޑުގައި ދުއްވަމުންދިޔަ ސައިކަލް ވަނީ ޒެބްރާ ކްރޮސިންގއިން މަގު ހުރަސްކުރަން އުޅުނު މީހެއްގެ ގައިގައި ޖެހިފައެވެ. އެކްސިޑެންޓުގެ ބާރުގަދަކަމުން މަގު ހުރަސްކުރަން އުޅުނު މީހާ ވިއްސިގެން ގޮސް ވަނީ ދުއްވަމުން އައި ޕިކަޕެއްގައި ޖެހިފައެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން ގިނަ ފަރާތްތަކުން ވަނީ މަގުމަތީގެ ރައްކާތެރިކަމަށް އިތުރަށް ސަމާލުވުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ޓްރެފިކް ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުމަކީ މިފަދަ ހާދިސާތައް މަދުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއްކަމުގައި ވެސް ބަޔާންކޮށްފައިވެއެވެ.