ENGLISH
11 ސެޕްޓެމްބަރު 2025
އެސްޑީއެފް މެނޭޖުކުރުމުގައި ކުރީ ސަރުކާރުތަކުގެ ބޮޑެތި އިހުމާލުތަކެއް
14 ޖުލައި 2025
|
މިނިސްޓްރީ އޮފް ފިނޭންސްގެ ނަން ބޯޑު
ދައުލަތުން އަދާކުރަންޖެހޭ ދަރަނި އަދާކުރުމުގައި އެހީތެރިވުމަށް ގާއިމުކޮށްފަައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) މެނޭޖުކޮށް ބެލެހެއްޓުމުގައި ފާއިތުވި ދައުރުތަކުގައި އިހުމާލުވެފައިވާކަމާއި އެ ފަންޑު މެނޭޖުކޮށްފައިވަނީ އެފަދަ ފަންޑެއް މެނޭޖުކުރަންޖެހޭ ގޮތަށް ނޫންކަން އޮޑިޓާ ޖެނެރަލް އޮފީހުން ހާމަކޮށްފިއެވެ.
އޮޑިޓާ ޖެނެރަލް އޮފީހުން އާއްމުކޮށްފައިވާ ސޮވެރިން ފަންޑުގެ ރިވީއު ރިޕޯޓުގައި ފާހަގަކުރި ގޮތުގައި ވަކި މުއްދަތުތަކުގައި އަދާކުރަންޖެހޭ ދަރަނި އަދާކުރުމާއެކު، ރާއްޖޭގެ ކްރެޑިޓު ރޭޓިން އެއް ހަމައެއްގައި ހިފަހައްޓައި ދަތި ވަގުތުތަކުގައި ދަރަނި އަދާކުރުން ފަސޭހަކޮށް، މުއައްސަސީ ފެންވަރެއްގައި ފައިސާ ރައްކާކުރެވޭނެ އަދި ޖީލުތަކުގެ މެދުގައި އަދަލުވެރިކަން ގާއިމުކުރުމުގެ ބޭނުމުގައި ރައީސް އޮފީހުން މި ފަންޑު ގާއިމުކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީއާ ހަވާލުކުރީ 2016 ވަނަ އަހަރުގެ އޯގަސްޓު މަހުގެ 31 ވަަނަ ދުވަހުއެވެ.
މިނިސްޓްރީން ކަސްޓޯޑިއަލް އެކައުންޓެއް ހުޅުވައި ސޮވެރިން ޑިވެލޮޕްމެންޓު ފަންޑު ގާއިމުކުރީ 2017 ވަނަ އަހަރުއެވެ.
އެ ފަަންޑު ގާއިމުކުރީ އެއިރުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުން އެކުލަވައިލި ކަރުދާހެއްގެ މައްޗަށް ބިނާކޮށެވެ. އެ ކަރުދާހުގައި އެ ފަންޑު މެނޭޖުކުރުމަށް ބޭނުންވާ ގާނޫނުތަކާއި ގަވާއިދުތަކާއި، ގައިޑްލައިންތައް ތައްޔާރުކޮށް އެފަންޑަށް ބޭނުންވާ ހުރިހާ ކަމެއް އިންތިޒާމުކުރުމުގެ ބޭނުންތެރިކަން ފާހަގަކޮށްފައިވެއެވެ. އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި މިފަދަ ފަންޑެއް ގާއިމުކޮށް މެނޭޖުކުރުމާ ގުޅޭ އުސޫލުތައް ހިމެނޭ ގާނޫނީ އޮނިގަނޑެއް މިވަގުތު ރާއްޖޭގައި ނެތެވެ.
އެސްޑީއެފް ގާއިމުކުރުމަށް އެމްއެމްއޭއާއި ފިނޭންސް މިިނިސްޓްރީގެ މެދުގައި 2017 ވަނަ އަހަރު ކަސްޓޯޑިއަލް އެގްރީމެންޓެއް ހެދުނެވެ. ނަމަވެސް އެ މަރުހަލާގައި އެ ފަންޑު ގާއިމުކުރުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ވުޖޫދުކުރެވިފައި ނެތެވެ. އެހެންކަމުން އެ ފަންޑުގެ ގާނޫނީ ބިންގަލަކީ ކޮބައިކަން ސާފުނުވާކަން އޮޑިޓު އޮފީހުން ފާހަގަކުރިއެވެ.
ހަމަައެހެންމެ އެސްޑީއެފްގެ ގާނޫނީ އޮނިގަނޑެއް ނެތުމާއި، އެ ފަންޑު ހިންގާނެ ގޮތުގެ އުސޫލުތައް ސާފުކޮށް ބަޔާންކުރެވިފައި ނެތުމާއި، އެ ފަންޑުގެ ރިސްކް މެނޭޖުކުރާނެ ގޮތުގެ އޮނިގަނޑެއް ނެތުމާއި، އިންވެސްޓުކުރުމުގައި ގެންގުޅޭނެ ސިޔާސަތުތައް އެކަށައަޅާފައިނުވުމަކީ ފަންޑު މެނޭޖުކުރުމުގައި ޖަވާބުދާރީވުން ނެތިވެ، އެ ފަންޑުގެ ފައިސާ މެނޭޖުކުރުން ބަލިކަށިވި ސަބަބެއް ކަމުގައި އޮޑިޓު އޮފީހުން ފާހަގަކުރިއެވެ.
މާޗު 15، 2023 ގައި މާލިއްޔަތު ގާނޫނަށް ގެނެވުނު ހަތްވަނަ އިސްލާހާއެކު އެސްޑީއެފްއަށް ގާނޫނީ ހައިސިއްޔަތު ލިބި، އެ އިސްލާހުގެ ދަށުން މާލިއްޔަތު ގަވާއިދުގައި ފުރަތަމަ ފަހަރަށް އެ ފަންޑާ ގުޅިގެން ފިނޭންސް މިނިސްޓްރީން އުފުލަންޖެހޭ ޒިންމާތައް ބަޔާންކުރެވިގެން ދިޔައެވެ. އަދި އެއަށްފަހު އިންވެސްޓުކުރުމާ ގުޅޭ ސިޔާސަތުތައް އެކުލެވޭ ކަރުދާހެއް "އިންވެސްޓެމެންޓު ޕޮލިސީ ސްޓޭޓްމެންޓު"ގެ ނަމުގައި 2023 ވަނަ އަހަރުގެ ސެޕްޓެންބަރު މަަހު އެކުލަވައިލެވުނެވެ.
މިހައި ތަނަށްވެސް އިންވެސްޓުކުރަމުންދިޔައީ އަދި ފަންޑުގައި ހުރި ފައިސާ މެނޭޖުކުރަމުންއައީ ވަކި އުސޫލުތަކެއް ނެތިއެވެ. އަދި އިންވެސްޓުކުރުމާ ގުޅޭ އުސޫލު އެކުލެވޭ ކަރުދާހެއް 21 ސެޕްޓެންބަރު 2023 ގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބަލައިގެންނެވި ނަމަވެސް އެ ކަރުދާސް އާއްމުކޮށްފައިނުވެއެވެ.
އެސްޑީއެފްގެ އަސާސީ މަގުސަަދަކީ ކޮބައިކަން 2023 ވަނަ އަހަރުގެ ކުރިން ރަސްމީ އެއްވެސް ލިޔުމެއްގައި ބަޔާންކޮށްފައި ނެތެވެ. މިއީ މިފަދަ ފަންޑުތައް މެނޭޖުކުރުމާ ގުޅޭ ބައިނަލްއަގުވާމީ އުސޫލުތަކާ ފުށުއަރާ ކަމެކެވެ. ނަމަވެސް އޮޑިޓު އޮފީހުގެ އެދުމަށް ފިނޭންސް މިނިސްޓްރީން ހާމަކުރި ގޮތުގައި މި ފަންޑުގެ މައިގަނޑު ތިން މަގުސަދަކީ ދަރަނި އަދާކުރުމަށް އެހީތެރިވުމާއި، ރާއްޖޭގެ ކްރެޑިޓް ވޯތިނެސް ނުވަތަ ދަރަންޏަށް ފައިސާ ނެގުމުގެ ގާބިލުކަން ނެގެހެއްޓުމާއި، ދައުލަތުން ފައިސާ ރައްކާކުރުން މުއައްސަސީކަމަކަށް ހަދައި ޖީލުތަކުގެ މެދުގައި އަދުލުވެރިކަން ގާއިމުކުރުމެވެ.
ފަހުން މާލިއްޔަތު ގާނޫނަށް ގެނައި އިސްލާހުގައި ހިމެނެނީ ދެމެހެއްޓެނެވި ގޮތެއްގައި އާއްމު ފައިސާ އިންވެސްޓުކުރަމުން ދިއުމާއި، ދަރަނި އަދާކުރުމާއި ދައުލަތުގެ އާމްދަނީ އިތުރުކުރުމެވެ.
ނަމަވެސް 31 ޑިސެންބަރު 2023 ވަނަ ދުވަހާ ހަމައަށް އެސްޑީއެފްގެ ފައިސާގެ 88 އިންސައްތަ އިންވެސްޓުކޮށްފައިވަނީ ސަރުކާރުގެ ސެކިއުރިޓީސްއަށެވެ. މައިގަނޑު ގޮތެއްގައި ޓްރެޝަރީ ބިލުތަކަށެވެ. ސަރުކާރުގެ ޑޮލަރު ޓްރެޝަރީ ބޮންޑުތަކަށް އެސްޑީއެފުން 138.74 މިލިއަން ޑޮލަރު އަދި ދިވެހި ރުފިޔާ ބޮންޑުތަކަށް 4.4 ބިލިއަން ރުފިޔާަ އިންވެސްޓުކޮށްފައިވެއެވެ.
މި އަހަރާއި އަންނަ އަހަރަކީ ބޮޑެތި އަދަދުތަކުން ދަރަނި އަދާކުރަންޖެހޭ ދެ އަހަރަށްވާއިރު ސަރުކާރުގެ ސެކިއުރިޓީސްއަށް އެސްޑީއެފުގެ ފައިސާއިން އިންވެސްޓުކޮށްފައި ހުރުމަކީ ދަރަނި އަދާކުރަންޖެހޭ މުއްދަތުގައި އެ ފަންޑުގެ ބޭނުން ހިފުމަށް ހުރަސްއެޅޭ ކަމެއްގެ ގޮތުގައި ފާހަގަކޮށް، އޮޑިޓު އޮފީހުން ބުނެފައިވަނީ އެސްޑީއެފް ބޭނުންކޮށްގެން އެ ދަރަނިތައް އަދާކުރަން ސަރުކާރުން ބޭނުންވެއްޖެނަމަ ފުރަތަމަ ޖެހޭނީ އެސްޑީއެފުން އިންވެސްޓުކޮށްފައި ހުރި ސެކިއުރިޓީސްއަށް ދޭންޖެހޭ ފައިސާ ސަރުކާރުން ފަންޑަށް އަނބުރާ ޖަމާކުރަން ކަމަށެވެ.
ސަރުކާރުން ލޯނުގެ ގޮތުގައި ދޭ ފައިސާ އަނބުރާ ދެއްކުމަށް އޮންނަ މުއްދަތުގައި ނުދައްކާ ކަމުގެ ރެކޯޑެއް އޮތް އެޗްޑީސީއަށް 206،137،231 (ދުއިސަައްތަ ހަމިލިއަން އެއްލައްކަ ތިރީސް ހަތްހާސް ދުއިސައްތަ އެއްތިރީސް) ރުފިޔާގެ ލޯނެއް އެސްޑީއެފުން ދީފައިވެއެވެ.
އެޗްޑީސީން އެ ލޯނުގެ ފައިސާ އަދާކުރުމަށް ކަނޑައެޅި މުހުލަތުތަކުގައި އެ ފައިސާ އަނބުރާ ދައްކާފައިނުވެއެވެ. އެ ފައިސާ ނުދެއްކުމުން އަރާފައިވާ އިންޓަރެސްޓު ދެއްކުމުގެ މުއްދަތު 2022 ވަނަ އަހަރުން ފެށިގެން 2035 ވަނަ އަހަރާ ހަމައަށް ދިގު ދަންމައިލުމާއެކު، ލޯނުގެ އަސާސީ އަދަދު ދެއްކުން 2030 ވަނަ އަހަރާ ހަމައަށް ފަސްކޮށްފައިވެއެވެ. 2025 ވަނަ އަހަރާއި 2026 ވަނަ އަހަރު އަނބުރާ ދައްކަންޖެހޭ ލޯނުތަކެއް ދެއްކުން އެގޮތަށް ފަސްކުރުމަކީ އާއްމު ފައިސާ ދެމެހެއްޓެނެވި ގޮތެއްގައި އިންވެސްޓުކުރުމާއި ދައުލަތުގެ ދަރަނި އަދާކުރުމުގެ އަމާޒު ހާސިލުކުރުމަށް ހުރަސްއެޅޭނެ ކަންކަމުގައި އޮޑިޓު އޮފީހުން ފާހަގަކުރިއެވެ.
އަދި އެކަށީގެންވާ މިންވަރަށް ހިރާސް ތަހުލީލުކޮށް ވަޒަންކުރިނަމަ އަދި ބަލަންވީ ކަންކަމަށް އެކަށީގެންވާ ގޮތަށް ބެލުނުނަމަ ލޯނުތައް އަދާކުރުމުގައި އެޗްޑީސީއަށް ކުރިން ދިމާވެފައި ހުރި މައްސަލަތައް ފާހަގަކުރެވޭނެ ކަމަށާއި، އެހެންކަމުން އެ ކުންފުންޏަށް އެސްޑީއެފުން ލޯނު ދިނުމަކީވެސް ކުންފުނީގެ މައިގަނޑު އަމާޒުތަކާ ހިލާފު ކަމެއް ކަމުގައި އޮޑިޓު އޮފީހުން ފާހަގަކުރިއެވެ.
އެސްޑީއެފްގައި ހުރި ޑޮލަރު ދިވެހި ރުފިޔާއަށް ބަދަލުކުރުމާ ގުޅޭ އެއްބަސްވުމެއް 2019 ވަނަ އަހަރު ފިނޭންސް މިނިސްޓްރީއާއި އެމްއެމްއޭގެ މެދުގައި ގާއިމުކުރެވުނެވެ. އެއީ ކޮވިޑް-19 އައުމުގެ ކުރިންނެވެ. އެއަށްފަހު 2020 ވަނަ އަހަރާއި 2021 ވަނަ އަހަރު ފަންޑުގެ އެކައުންޓުތަކުގެ ތެރެއިން ޑޮލަރުން ފައިސާ ރައްކާކޮށްފައި ހުރި އެކައުންޓުތައް ހުސްވިއެވެ.
އެގޮތުން 2018 ވަނަ އަހަރު ފަންޑުގެ 94 އިންސައްތަ ހުރީ ޑޮލަރުން ނަމަވެސް 2019 ވަނަ އަހަރު އެ އަދަދު %30 އަށް އަދި 2020 ގައި %21 އަށް އަދި 2021 ގައި 15 އިންސައްތައަށް ވެއްޓުނުކަން އޮޑިޓު ރިޕޯޓުން ހާމަވެއެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ފަންޑުގެ ފައިސާއިން ޑޮލަރުން ހުރީ އެންމެ %35 އެވެ.
އެސްޑީއެފްގައި ހުރި ފައިސާ ބެލެހެއްޓުމާއި ފައިސާ ރެކޯޑުކުރުމުގައިވެސް ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެސްޑީއެފްގައި ހުރި ޑޮލަރުގެ އަދަދު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު އަންނަނީ އިތުރުވަމުންނެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކުން އަންނަނީ ފަންޑަށް ޖަމާކުރާ ބޭރު ފައިސާ އިތުރުވަމުންދާކަން ފާހަަގަކޮށް، އެކަމުގެ ސަބަބުން ދަރަނި އަދާކުރުމުގައި ބޮޑު ލުޔެއް ލިބޭނެކަމަށް ބުނަމުންނެވެ.