ENGLISH
14 ޖުލައި 2025
ޔުމްނު ވެއްޓުނު ހާދިސާ ތަޙުޤީޤު ކުރަން އުފެއްދެވި ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން އުވާލައްވައިފި
13 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ އުފެެއްދެވި ރިޔާސީ ކޮމިޝަން
އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރަން އުފެއްދެވި "ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ކޮމިޝަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އުވައިލައްވައިފި އެވެ.
އެމަނިކުފާނު މިއަދު އެ ކޮމިޝަން އުވައިލައްވައިފައިވަނީ، ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގައިވާ ގޮތުގެ މަތީން، އެކަމަށްޓަކައި ނެރުއްވި ޤަރާރަކުންނެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ގ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚުތިޔާރުގެ ދަށުން، އެ ކޮމިޝަން އުފެއްދެވީ، 27 އެޕްރީލު 2025 ގައެވެ.
ކޮމިޝަނާ މަތިކުރެއްވީ، 2025 އެޕްރީލު 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަޤިއްލު އަދި އިތުބާރު ހިފޭ ތަޙުޤީޤެއްކޮށް، އެ ހާދިސާގެ ޙަޤީޤަތް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއް އިންސާފުވެރިކަމާއި ޢަދުލުވެރިކަމާއެކީ ކޮށް، ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަށެވެ.
ކޮމިޝަނުގެ ތަހުޤީޤު ރިޕޯޓު ޢާންމުކުރައްވާފައިވަނީ 17 ޖޫން 2025 ގައެވެ. އަދި ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް، ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފަ އެވެ.
މިއީ މިފަދަ މައްސަލައެއްގައި ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ރިޔާސީ ކޮމިޝަނަކުން މިހާ ކުރުމުއްދަތެއްގެ ތެރޭގައި ރިޕޯޓެއް ތައްޔާރުކޮށް އަދި ކޮމިޝަންގެ ފުރިހަމަ ރިޕޯޓް އެއްވެސް ބަދަލެއް ނުގެނެސް ރައްޔިތުންނަށް ޢާންމުކުރި ފުރަތަމަ ފަހަރެވެ.