ENGLISH
14 ޖުލައި 2025
ޓާމިނަލެއް އެޅުމަކުން އަދި ނުފުދޭ! އެތަން ހިންގޭނެ ގޮތްތައް ހޯދަންޖެހޭ!
13 ޖުލައި 2025
|
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އައު ޓާަމިނަލް
"އަންނަނީ، އަންނަނީ"ގައި ދެ ދައުރު ފިތި ތާށިވެގެން ނަމަވެސް ވެލާނާ އިންޓަނޭޝަނަލްގެ އާ ޓާމިނަލް ހުޅުވޭތީ ދިވެހިން ތިބީ ވަރަށް އުފަލުންނެވެ. ދިހަވަރަކަށް އަހަރުވީ ދިގު އިންތިޒާރަށް ނިމުން އަންނާތީއެވެ. ނަމަވެސް އުފެދޭ ސުވާލަކީ ޓާމިނަލެއް އެޅުމުން ހަމަ އެ ނިމުނީބާއެވެ؟ ނުވަތަ އާ ޓާމިނަލެއް އެޅުމުން އެތަން ދެން ހަމަ ހިގައިގަންނާނެބާއެވެ؟ މިހާ ހިސާބުން އަންނަނީ މި ޖުލައި މަހުގެ 26 ވަނަ ދުވަހު ހުޅުވަން ތައްޔާރުވެފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ ގޮތުން މީޑިއާ ތަކަށް ތިލަ ނުވާ ވާހަކަތަކެވެ. ނުވަތަ އާންމުންނަށް ނޭނގޭ ވާހަކަތަކެވެ.
2023 ގެ އިންތިޚާބަށް ޖަހާލި ކަޑަގަނޑެއް ހެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާޓާމިނަލްގެ ދެފަރާތުގައި ރައީސް އިބްރާހިމް މުޙައްމަދު ސާލިހުގެ ސަރުކާރުން ފަސާޑެއް ޖަހާ އާ ޓާމިނަލްގެ މަސައްކަތް ނިންމާލިކަމަށް ދައްކަން ލައްކަ މަސައްކަތް ކުރިއެވެ. ނަމަވެސް ހަގީގަތް އެނގޭނީ އެތަނަށް ވަން މީހަކަށެވެ. އެތަނުގެ ދެފަރާތުގައި ފަސާޑުޖަހައި، މޫނުމަތީގައި ބިއްލޫރިކޮޅެއް ހަރުކުރުމުން ބަލަން ތިބިމީހުންނަށް ހީވީ އާ ޓާމިނަލް ނިމުނީ ކަމަށެވެ. ނަމަވެސް ކަން އޮތީ މުޅިން އިދިކޮޅަށެވެ. މިހާ ހިސާބަށް އާންމުންނަށް ނޭނގޭ، ނަމަވެސް އާ ޓާމިނަލާބެހޭ މުހިންމު ބައެއް ވާހަކަތައް ތިލަވާން އެބަޖެއެހެވެ.
އާ ޓާމިނަލް އޮޕަރޭޝަނަލް ވަނީ ކިހިނެތް؟
އާ ޓާމިނަލަކީ އޭގެ ޒާތުގައި ހަމަ ހިނގައިގަންނަ ތަނެއް ނޫނެވެ. އެއީ ކުޑަ ވަރެއްގެ އަވަށަކަށް ބޭނުންވާ ވަރަށް އުމްރާނީ ގިނަ ވަސީލަތްތަކެއް ޤާއިމްކުރެވި، އެ ޚިދުމަތްތަކުގެ ތެރެއިން ހިންގަމުން އަންނަ ތަނެކެވެ. ވިސްނާލާށެވެ. މިއުޅެނީ އަހަރަކު 7 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ރާއްޖެ ގެނެސް އެމީހުންނަށް ޚިދުމަތް ދޭށެވެ. އެހެންކަމަށް ވާނަމަ އެ 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި ކަރަންޓާއި، ފެނާއި، ނަރުދަމާގެ އިތުރުން ފެން ހިންދާނެ ނިޒާމުތަކުގެ އިތުރުން އެތައް އެތައް ޚިދުމަތްތަކެއް އަސާސީ ގޮތެއްގައި ޤާއިމްވެފައި ހުންނަންޖެހެއެވެ.
ރައީސް ޑރ. މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް އެތަނަށް ވަޑައިގެންނެވިއެވެ. އެދުވަހު ތިލަވެގެންދިޔައީ މުޅިން އާ ވާހަކަތަކެވެ. ސަޢުދީ ބިންލާދިން ގުރޫޕާއި އެއާޕޯޓުގެ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރިއިރު އެ މަސައްކަތްތައް ހަވާލުކުރީ މުޅި އެއާޕޯޓަށް އިތުރު ވެގެންދާނެ ކަރަންޓު ކޮންޒަމްޕްޝަނަށް ބެލުމެއްނެތިއެވެ. މާނައަކީ އެއާޕޯޓަށް އާ ޓާމިނަލެއް އިތުރުވެގެންދާއިރު އެތަނަށް ކަރަންޓު ދެވޭނެ ގޮތެއްނެވެ. އެތަނަށް ބޭނުންވާނެ ކަރަންޓު އުފައްދާނެ ގޮތެއް ނެތެވެ. އަދި އެކަރަންޓު އުފެއްދުމަށްފަހު ފޯރުކޮށްދެވޭނެ ގޮތެއްވެސް ނެތެވެ. އާ ޓާމިނަލް ފިނިކުރުމަށްޓަކައި ބޭނުންކުރަނީ ފެނުން ފިނި އުފައްދާ ނިޒާމެއް ކަމަށްވާއިރު، އެތަނަށް ފެން ފޯރުކޮށްދެވޭނެ ގޮތެއްވެސް ނެތެވެ. އަދި އެ ފެން އުފެއްދޭނެ ގޮތެއްވެސް ނެތެވެ. ޖުމްލަކޮށް 7 މިލިއަން ފަސިންޖަރުންނަށް "ފެން" ފޯރުކޮށްދެވޭނެ އެއްވެސް ގޮތެއް ނެތެވެ. އެކަމާމެދު ޚިޔާލުވެސް ކޮށްފައިނެތީއެވެ. ނަރުދަމާގެ ނިޒާމެއް ޤާއިމްކުރުމުގެ ވިސްނުންވެސް ނެތީއެވެ. މި ދައްކަނީ އާ ޓާމިނަލަށް އަންނަ 7 މިލިއަން ފަސިންޖަރުންނަށް ފާޚާނާ ބޭނުންކުރެވޭނެ އެއްވެސް ގޮތެއް ނެތް ވާހަކައެވެ.
އޭރު އޮތް ގޮތުން މާލެއިން ކަރަންޓު ކެނޑިއްޖެ ނަމަ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޚިދުމަތްތަކަށް ބުރޫ އަރާނެއެވެ. ބެކަޕް ޖަނަރޭޓަރުން 7 މިލިއަން ފަސިންޖަރުންނަށް 7 މިނިޓަށްވެސް ކަރަންޓު ނުދެވޭނެއެވެ. އެހެންކަމަށްވާނަމަ ސިކުންތު ކޮޅެއްގެ ތެރޭގައި މުޅި އާ ޓާމިނަލްގެ އޮޕަރޭޝަން ބޮއްސުންލާނެއެވެ. ދެން އޮތީ ފެނުގެ ނިޒާމެވެ. އެއާޕޯޓުގެ އާ ޓާމިނަލްގެ އެއާކަންޑިޝަންތައް ދައުރުވާ ފެނާއި ނުލާ ފިނިކުރާނީ ކިހިނެތް ހެއްޔެވެ؟ ފަރުމާކުރެވިފައިވާ ގޮތުން، މި އެއާކޮންޑިޝަންތައް މެދުވެރިކޮށް މުޅި އާ ޓާމިނަލް ފިނިކޮށްފައި ބެހެއްޓުމަށް ގަޑިއަކު އެތައް ލީޓަރެއްގެ ފެން ފޯރުކޮށްދޭންޖެއެވެ. ލިސްޓު ލިޔާނަމަ، ހުރީ ހުސް ނުނިމި ނުވަތަ ހަވާލުވެސް ނުކޮށްކުރި، ނުވަތަ ފައިސާވެސް ހަމަނުޖެހި ހުރި ކަންކަމެވެ.
ރައީސް ޑރ. މުޢިއްޒަށް މިކަންކަންވީ އަވަސް ހައްލުތައް ހޯދަންޖެހޭ މުހިންމު ކަންކަމަށެވެ. ވަގުތުން ފިޔަވަޅު އަޅުއްވައި އާ ޓާމިނަލް ހުޅުވުމުގެ ކުރިން މި މައްސަލަތަކަށް ހައްލު ހޯއްދެވުމަށް އެންގެވިއެވެ. އެމް.އޭ.ސީ.އެލްގެ އާ މެނޭޖްމަންޓުން މިކަމުގެ މަސައްކަތް ފަށައިގަތީ އެހިސާބުންނެވެ. އޭގެ ކުރިން ހުރީ ބިއްލޫރި ޖަހާފައިހުރި އާ ޓާމިނަލްގެ ނަމުގައިހުރި "ތޮށިގަނޑު"އެކެވެ.
އެންމެ ފުރަތަމަ ކަރަންޓު!
އާ ޓާމިނަލް އޮޕަރޭޝަނަށް ގެނެސް، ހަކަތައިގެ ރައްކާތެރިކަމާއި މިނިވަންކަން އެއާޕޯޓަށް ކަށަވަރުކުރުމަށްޓަކައި 4 ޖަނަރޭޓަރުގެ މައްޗަށް އެކުލެވޭ 16 މެގަވަޓްގެ ކަރަންޓު އުފައްދައިދޭ އެންމެ ޒަމާނީ ފެންވަރުގެ ޕަވަރހައުސްއެއް އެމް.އޭ.ސީ.އެލްއިން ހުޅުލޭގައި ޤާއިމްކޮސް އޮޕަރޭޝަނަލައިޒްކުރިއެވެ. މި ޕަވަރހައުސް އޮޕަރޭޝަނަލައިޒްކޮޑް ފުއްދާލީއެއްނޫނެވެ. ރަންވޭގެ ވަށައިގެންނާއި، ރަންވޭގެ ދަށުން ކަރަންޓު ފޯރުކޮށްދޭނެ ޑިސްޓްރިބިއުޝަން މެކޭނިޒަމްތައް ޤާއިމްކޮށް، މުޅި އެއާޕޯޓުގެ ކަރަންޓުގެ އެއް ވިއުގައިން ގުޅުވާލީއެވެ. މާލެއިން ކަރަންޓު ދިޔަސް، އެއާޕޯޓުގެ އޮޕަރޭޝަން ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ދާއިމީ ފޯމިއުލާއެއް އެމް.އޭ.ސީ.އެލްއިން އުފެއްދީއެވެ.
އާ ޓާމިނަލަށް ފެން ފޯރުކޮށްދޭނީ އާ ޕައިޕްލައިނަކުން!
އާ ޓާމިނަލަށް ފެން ފޯރުކޮށްދޭނެ އެއްވެސް ފޯމިއުލާއެއްނެތި، އާ ޓާމިނަލްގެ މަސައްކަތް 2023 ގައި ނިންމާލި ކަމަށް ބުނާތީ ހަމަ ހައިރާންވެއެވެ. އާ ޓާމިނަލަށް ފެން ފޯރުކޮށްދިނުކުގެ ވިއުގައަކީ އަލަށް ފަރުމާކުރެވިގެން، ދިގު މުއްދަތުގެ ޕްލޭނެއްގެ ދަށުން، އެހެން އެއްވެސް ފަރާތަކަށް ބަރޯސާވުމެއްނެތި، އެއާޕޯޓާއި އާ ޓާމިނަލް ފެނަށްޖެހުނަނުދީ ހިފަހައްޓާނެ ކެޕޭސިޓީގައި ޤާއިމްކުރި މުހިންމު ވިއުގައެވެ. 2 ކިލޯމީޓަރުގެ ދިގު މި ޕައިޕްލައިނަކީ އެއްވެސް ކޮންޓްރެކްޓަރަކަށް ބާރޯސާ ވުމެއްނެތި، އެމް.އޭ.ސީ.އެލްގެ ވޯޓާ ސަޕްލައި އެންޑް ސްވަރޭޖް ސިސްޓަމުން ކުރިއަށް ގެންދިޔަ، ބުރަ އަދި މުހިންމު މަސައްކަތެކެވެ. މި ޕައިޕްލައިންގެ 635 މީޓަރު ހޮޅި އަޅާފައިވަނީ ހުޅުލޭގެ ހުޅަނގު ފަރާތު ފަޅު ތެރެއިންނެވެ. ރެކޯޑު މުއްދަތެއްގެ ތެރޭގައި އެމް.އޭ.ސީ.އެލްއިން މި މަސައްކަތް ނިންމައި އާ ޓާމިނަލާއި ޖުމްލަކޮށް މުޅި އެއާޕޯޓަށް، އެއް ވިއުގައެއްގެ ދަށުން ފެން ފޯރުކޮށްދިނުމަށް ގުޅާލާފައިވެއެވެ.
ހެޑް އޮފް ސްޓޭންޑް ރޯޑް ނުވެސް ނެތް!
އެއާޕޯޓެއްގެ ޚިދުމަތުގެ މައި ނާރަކީ ހެޑް އޮފް ސްޓޭންޑް ރޯޑެވެ. މިއީ އޭރޯބްރިޖްތަކުގެ ދަށުން، ޓާމިނަލާއި ޖެހިގެން އޮންނަ ފުޅާ މަގެކެވެ. މިއީ ކޭޓަރިންގ ޓްރަކްތަކާއި، ފަސިންޖަރުންގެ ބެގޭޖް ލޯޑުތަކާއި، އެއާކްރާފްޓު ޓަގުތަކާއި، ގްރައުންޑް ޕަވަރ ޔުނިޓު (ޖީޕީޔޫ)ތަކުގެ އިތުރުން ޚިދުމަތް ފޯރުކޮށްދޭ ކޮންމެ ވެހިކަލެއް ދުއްވަން ޚާއްސަ ކުރެވިފައި އޮންނަ މަގެވެ. މި މަގު ނެތް ނަމަ، އެއާކްރާފްޓަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ނުވާނެ ކަމެކެވެ. އެތައް ޙިދުމަތެއް ނުދެވި، ފަރުޖައްސާލަން ޖަހޭނެއެވެ. އޭރޯބްރިޖުގެ ބޭނުން ކެނޑުނީއެވެ. މިއީ އެއާޕޯޓާއި އާ ޓާމިނަލްގެ ރައްކާތެރިކަމުގެ މައި ނާރުވެސް މެއެވެ. މި މަގު ވުޖޫދުގައިވެސް ނެތީއެވެ. އެންމެ ފަހުން، ރައީސް ޑރ. މުޢިއްޒު ދުރުވިސްނުންފުޅުގެ ދަށުން، އަވަސް މުއްދަތެއްގެ ތެރޭގައި މި މަގުގެ މަސައްކަތް ކޮންޓްރެކްޓަރަކާއި ހަވާލުކޮށް މަސައްކަތް ނިންމާލީއެވެ. މިއީ ރަންވޭއެއްގެ ފަންވަރުގައި، ގާތް ގަނޑަކަށް އެ ބޯމިނުގައި ހަދާފައިވާ މަގެކެވެ. މި މަގާއި ނުލާ އެއާޕޯޓެއް އޮޕަރޭޓެއް ނުކުރެވޭނެއެވެ.
ނަރުދަމާގެ ނިޒާމެއް ފެންނަންވެސް ނެތް!
ބޮޑު ޓާމިނަލެއް ހަދާ ނިމޭއިރު، އޭގެ ވަށައިގެންވާ ކަންކަމާއި ގުޅިފައިވާ އުމްރާނީ ޚިދުމަތްތަކާއި ވަސީލަތްތަކާމެދު ފުންކޮށް ވިސްނަންޖެހެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ތައްޔާރުވެގެން އައިއިރު 7 މިލިއަން ފަސިންޖަރުން ފާޚާނާ ބޭނުންނުކޮށް ތިބުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. ހިތާމައަކީ އާ ޓާމިނަލްގެ މަސައްކަތް ހަވާލުކުރިއިރު، ޕްލޭނާ އެއްގޮތަށް މި މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރެވިފައިނުވާކަމެވެ. މި ހާލަތަށް އައުމުން، އެމް.އޭ.ސީ.އެލްގެ އިސްނެގުމުގެ މަތީން ހައިވޭގެ ދަށުން، ސެވަރޭޖް ސިސްޓަމް ޤާއިމްކުރުމަށް ޑްރިލްކޮށް، ކާމިޔާބުކަމާއެކު ނިންމާލީ ޖުމްލަ 2.7 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ ނިޒާމެއް ޤާއިމްކޮށްފައެވެ. މި ސިސްޓަމް މިހާރުވަނީ އާ ޓާމިނަލާ ގުޅުވާލާފައެވެ.
އެއް ޓާމިނަލުން އަނެއް ޓާމިނަލަށް ތެމިގެން؟
އާ ޓާމިނަލާއެކު ޓީ ވަން، ޓީ ޓޫ ނިޒާމަކަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ބަދަލުވެގެންދާއިރު، ދެ ޓާމިނަލްގެ ދެމެދުގައި ފަސިންޖަރުން ހިގަންވީ އަވީގައެވެ. ވިއްސާރަ ދުވަހެއް ނަމަ ތެމިގެންނެއެވެ. އެއީ އެކަން ވާންޖެހޭ ގޮތެއް ނޫނެވެ. އާ ޓާމިނަލް ވުޖޫދުވެގެން އައި އިރު މިއީވެސް ނުވިސްނާ އޮތް ބޮޑު މަސައްލައެކެވެ. މިކަން ހައްލުކުރުމަށްޓަކައި އެމް.އޭ.ސީ.އެލްގެ ޓީމުތައް ގުޅިގެން ކުރެވުނު މަސައްކަތުން އާ ޓާމިނަލާއި މިހާރުގެ ޓާމިނަލް ޓަނަލެއް މެދުވެރިކޮށް ގުޅުވާލިއެވެ. އިންޖިނޭރިންގ އެކިއެކި ގޮންޖެހުންތަކާއެކުވެސް އެމް.އޭ.ސީ.އެލްއިން މިކަން ނިންމާލީ އެއާޕޯޓުގެ އެއްވެސް އޮޕަރޭޝަނަކަށް ބުރޫނާރާނެހާ އޮމާންކަމާއެކުގައެވެ.
ޑްރެއިނޭޖާއި، ޓްރެފިކް ފްލޯއާއި މަގުތައް ވީ ކޮންތާކު؟
އާ ޓާމިނަލާއި ގުޅުވައިގެން ޤާއިމްކުރަންޖެހޭ ފެންހިންދުމުގެ ނިޒާމު ވާހަކަ ދައްކާ ކޮޅުންލާކަށް ނެތެވެ. އެކަން ޚިޔާލުކޮށްފައިވެސް ނެތީއެވެ. ބައިމީޓަރު ފުޅާ ހޮޅި، ޖުމްލަ 6 ސަރަހައްދަކަށް ބަހާލައިގެން އަޅާ ނިންމާލުމަކީ ކުޑަ ކަމެއް ނޫނެވެ. 2023ގައި ނިންމާލި ކަމަށް ބުނާ އާ ޓާމިނަލްގެ މި މަސައްލަތްވެސް ކުރަންޖެހުނީ އެމް.އޭ.ސީ.އެލްއަށެވެ. މިކަމަށްޓަކައި ޖުމްލަ 6 ކިލޯމީޓަރުގެ ހޮޅި ލައިނެއް ޤާއިމްކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފެން ހިންދާލެވޭނެ ނިޒާމެއް މިހާރުވަނީ ޤާއިމްކުރެވިފައެވެ. މިފަދަ ބޮޑު ސަރަހައްދަކަށް އެއާޕޯޓުގެ އާ ޓާމިނަލް ފެތުރިގެން ދާއިރު، ޓްރެފިކަށް އަންނާނީ ކޮން ބަދަލުތަކެއް ހެއްޔެވެ؟ މިއީވެސް ދުރާލާ ވިލަރެސްކުރެވިފައިވާ ކަމެއް ނޫނެވެ. ބްރިޖާއި ހުޅުމާލެ ހައިވޭއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަންނަން އޮންނަ މަގުތައް ހެދުމާއެކު، ފަސޭހަކަމާއެކު ދެ ލޭނަކަށް ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެމް.އޭ.ސީ.އެލްއިން މިހާރު އަންނީ އާ ޓާމިނަލްގެ ކުރިމަތީ މަގުތައް އެންމެ ޒަމާނީ ފެންވަރުގައި ތަރައްޤީ ކުރަމުންނެވެ. މިއާއެކު މި ފަސޭހަތައްވެސް ދަތުރުކުރާ ފަރާތްތަކަށް ލިބިގެންދާނެއެވެ.
މިއީ އާ ޓާމިނަލާއި ގުޅުވައިގެން ބިނާކުރަން ޖެހޭ އުމްރާނީ ވަސީލަތްތަކެވެ. ފޯރުކޮށްދޭންޖެހޭ އަސާސީ ޚިދުމަތްތަކެވެ. އެ ކަންކަމާއި ނުލާ އާ ޓާމިނަލުން ޚިދުމަތް ނުދެވޭނެ ކަންކަމެވެ. މި މަސައްކަތްތައް ނުލާ 9 އަހަރުން އެ ނިންމުނީ އާ ޓާމިނަލްގެ 54.63 އިންސައްތަ މަސައްކަތެވެ. އާ ޓާމިނަލްގެ މަސައްކަތްތަކުގެ ތެރެއަށް ޕަވަހައުސްގެ މަސައްކަތާއި، ފެނުގެ ނިޒާމާއި، ނަރުދަމާއާއި، ޑްރެއިނޭޖް ސިސްޓަމާއި، މަގުތަކާއި، ހެޑް އޮފް ސްޓޭންޑް މަގުގެ މަސައްކަތް ހިމަނާލުމުން، މި އިންސައްތަ އުޅޭނީ އެންމެ 40 އިންސައްތައިގައެވެ. އެހެންކަމުން، 9 އަހަރު ދުވަހުން އުޅެގެން ނިންމާލެވުނީ އާ ޓާމިނަލްގެ މަސައްކަތްތަކުގެ އެންމެ 40 އިންސައްތައެވެ. ރައީސް ޑރ. މުޢިއްޒު ވަޑައިގެން އެންމެ 18 މަސްދުވަހުން އެ ނިންމާލެއްވީ ގާތްގަނޑަކަށް ތަނުގެ 60 އިންސައްތަ މަސައްކަތެވެ.