ENGLISH
13 ޖުލައި 2025
ހައްޖަށް ދައްކާފައި ހުންނަ ފައިސާއިން ޒަކާތް ދޭންޖެހޭނީ ހައްޖު ކޯޕަރޭޝަނުން: ފަތުވާ
13 ޖުލައި 2025
|
ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގޮސް ތިބި ބައެއް، ފޮޓޯ: މިހާރު
ހައްޖުގެ އަޅުކަން އަދާކުރުމަށް ހައްޖު ކޯޕަރޭޝަނަށް ދައްކާފައި ހުންނަ ފައިސާއިން ޒަަކާތް ދައްކަންޖެހޭނީ ހައްޖު ކޯޕަރޭޝަނުން ކަމަށް ދިވެހިރާއްޖޭގެ ފަތުވާ މަޖިލީހުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަނަށް ގިނަ ބަޔަކު ހައްޖަށް ދިއުމަށް ދައްކަމުންދާ ފައިސާ އެ ކުންފުނީގެ ހަވާލުގައި ހުންނަތާ ގިނަ ދުވަސްވެ ނިސާބު ހަމަވެ، އަހަރުވުމުން އެ ފައިސާއިން މުދަލު ޒަކާތް އަދާކުރަންޖެހެއެވެ. މީގެ ކުރިން ހައްޖު ކޯޕަރޭޝަނުން އަމަލުކުރަމުން އަންނަ ގޮތަކީ އެ ކުންފުނީގެ ހަވާލުގައި ހައްޖަށް ދާ މީހުން އެ މީހުންގެ އަމިއްލަ ފައިސާއިން އެ ކުންފުނީގައި ހުރި އެމީހުންގެ ފައިސާއިން ދައްކަންޖެހޭ ޒަކާތް ދައްކަން އިރުޝާދު ދިނުމެވެ.
ހައްޖަށް ދިއުމަށް ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަަކާތް ދައްކަންޖެހޭނެތޯއާއި އެ ޒަކާތް ދައްކަންޖެހޭނީ އަމިއްލައަށްތޯ ނުވަތަ އެ ފައިސާ އެ ކުންފުންޏެއްގެ ހަވާލުގައި ހުރި ހައްޖު ކޯޕަރޭޝަނުންތޯ ގިނަ ބަޔަކު އަބަދުވެސް ސުވާލުކުރެއެވެ. ނަމަވެސް ރަސްމީކޮށް އެކަމުގައި އަމަލުކުރާނެ ގޮތެއް މީގެ ކުރިން ފަތުވާ މަޖިލީހުން ބަޔާންކޮށްދީފައިނުވެއެވެ.
ޖުލައި 8، 2025 ގައި ފަތުވާ މަޖިލީހުން ނެރުނު ފަތުވާގައި ބުނެފައިވަނީ ހައްޖު ކޯޕަރޭޝަނުން އެ މަޖިލީހާ ހިއްސާކުރި މައުލޫމާތުގެ އަލީގައި ފަތުވާ މަޖިލީހުގެ މެންބަރުން ހެއްދެވި ދިރާސާތަކަށްފަހު، އެ މަޖިލީހުން ނިންމާފައިވަނީ އާއްމު ރައްޔިތުން ހައްޖަށް ދިއުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާ ފައިސާއިން ޒަކާތް ނެރެންޖެހޭނީ އެ ކުންފުނިން ކަމަށް ކަމުގައެވެ.
މިއާއެކު ހައްޖަށް ދިއުމަށް ފައިސާ ދައްކާ ފަރާތްތަކުން ހައްޖު ކޯޕަރޭޝަނަށް ދޭ ފައިސާއިން ޒަކާތް ދެއްކުމުގެ ކަންކަން އެ ކުންފުނިން ހަމަޖައްސަންޖެހޭނެއެވެ.
މިހާރު ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އެކީގައި ދެނީ ހައްޖު ކޯޕަރޭޝަނަށެވެ. މި އަހަަރަކީ ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށް ގެންދިއުމަށް މީހުން ތަރުތީބުކޮށްފައިވާ ލިސްޓާ އެއްގޮތަށް މި އަހަރު ގެންދަން ތާވަލުކޮށްފައި ތިބި އެންމެން ހައްޖަށް ގެންދެވުނު އަހަރެކެވެ.
ހަައްޖު ކޯޕަރޭޝަނުން އަންނަނީ ހައްޖާ ގުޅުންހުރި އެކި ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށާއި، ކުންފުންޏަށް އިތުރު އާމްދަނީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.