ENGLISH
13 ޖުލައި 2025
ގެއްލިގެން ހޯދަމުންދިއަ ގައްދޫ ޒަކަރިއްޔާބެ ނިޔާވެފައި އޮއްވާ ފެނިއްޖެ
13 ޖުލައި 2025
|
ގދ. ގައްދޫ ޒަކަރިއްޔާ ދުއްވި ޑިންގީ. އެ ޑިންގީ ވަނީ ކަނޑުގެ އަޑިން ފެނިފަ
ގދ. ގައްދޫ ކައިރީގައި އޮންނަ ގަމަށް ދާން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ޑިންގީއެއްގައި ފުރި ޒަކަރިއްޔާ މުހައްމަދު ނިޔާވެފައި އޮއްވާ ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެއްޖެއްގައި ފުލުހުން ބުނީ ޒަކަރިއްޔާ ފެނިފައިވަނީ ގދ. ގަމު ކޮޅުން، މިއަދު މެންދުރު 11:43 ހާއިރު ކަމަށެވެ.
ގައްދޫއަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ ޒަކަރިއްޔާ އެރަށުން ފުރީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައެވެ. ޑިންގީގައި އެކަނި ފުރިއިރު ޒަކަރިއްޔާ ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒަކަރިއްޔާ މުހައްމަދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ދުއްވި ޑިންގީ ކަނޑުގެ އަޑިން އިއްޔެ ހެނދުނު ވަނީ ފެނިފައެވެ.
އެމްއެންޑީއެފް އިން އިއްޔެ އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަނުގައި އިއްޔެ ކުރި ދެވަނަ ޑައިވްގައި، ގައްދޫއާއި ގަމުގެ ދެމެދު އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ. ޑައިވް ކޮށްފައިވަނީ ދިވެހި ސިފައިންނާއި ފުލުހުންނެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ކޮށްފައިވެއެވެ. އަދި ވައިގެ މަގުން ވެސް ބޮޑު ސަރަޙައްދެއް ބަލާފައިވެއެވެ. ގަމާއި ކައިރި ފަޅުރަށްތައް ވެސް ވަނީ ބަލާފައެވެ.