ENGLISH

13 ޖުލައި 2025

Advertisement

ރަސްމީ ރިޒާވް 832.4 މިލިއަނަށް، ބޭނުންކުރެވޭ ރިޒާވް 202.6 މިލިއަން ޑޮލަރަށް

13 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ

ޖޫން މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރަސްމީ ރިޒާވްގައި 832.4 މިލިއަން ޑޮލަރު ހުރިކަމާއި ބޭނުންކުރެވޭ ރިޒާވްގައި 202.6 މިލިއަން ޑޮލަރު ހުރިކަން މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. 

ކޮންމެ މަހެއް ނިމުމުން އެމްއެމްއޭއިން އާއްމުކުރަމުންދާ މާލީ ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ ނިޔަލަަށް ރަސްމީ ރިޒާވް އެސެޓުގެ ގޮތުގައި 832.4 މިލިއަން ޑޮލަރު ހުއްޓެވެ. މޭ މަހުގެ ނިޔަލަށް ހުރީ 815 މިލިއަން ޑޮލަރެވެ. އޭގެ އިތުރަށް ބޭނުންވެއްޖެ ހާލަތެއްގައި މަރުކަޒީ ބޭންކަށް ބޭނުންކުރެވޭ ގޮތަށް ރާއްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައި ހުރި ފައިސާގެ އަދަދު 145.1 މިލިއަން ޑޮލަރަށް އަރައެވެ. 

އެއާއެކު ޖުމްލަ ރިޒާވްގެ ގޮތުގައި ރަސްމީ ރިޒާވް އެސެޓުތަކާއި ރާއްޖޭގެ ބޭންކުތަކުގައި އެމްއެމްއޭއިން އިންވެސްޓުކޮށްފައި ހުރި ޑޮލަރާއެކު ޖުމްލަ 977.5 މިލިއަން ޑޮލަރު ޖޫން މަހުގެ ނިޔަލަށް ހުއްޓެވެ. ރާއްޖެއިން އަދާކުރަންޖެހޭ ކުރު މުއްދަތުގެ މާލީ އިލްތިޒާމުތައް (ޕްރިޑިޓާމައިންޑް ޝޯޓް-ޓާމް ނެޓް ޑްރެއިންސް)ގެ ގޮތުގައި 774.5 މިލިއަން ޑޮލަރު ރެކޯޑުކުރެވިފައިވެއެވެ. 

ޖުމްލަ ރިޒާވް އެސެޓުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ 977.5 މިލިއަަން ޑޮލަރުން ކުރު މުއްދަތުގެ މާލީ އިލްތިޒާމުތަކުގެ ގޮތުގައި ރެކޯޑުކުރެވިފައިވާ 774.5 މިލިއަން ޑޮލަރު އުނިކުރުމުން ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި 203 މިލިއަން ޑޮލަރު ހުރިކަން ރެކޯޑުކުރެވިފައިވެއެވެ. 

ބޭނުންކުރެވޭ ރިޒާވްއާއި ރަސްމީ ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާގެ ގާނޫނުގެ ދަށުން ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަމުންދިއުމާއި، ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް އެމްއެމްއޭއިން ރިޒާވް ބޭންކް އޮފް އިންޑިޔާއާއެކު ގާއިމުކުރި އެއްބަސްވުމެއްގެ ދަށުން އެ ބޭންކާއެކު 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕެއް ހެދުމާ ގުޅިގެންނެވެ. 

ރާއްޖޭގެ ކްރެޑިޓް ރޭޓިން ހަދާ އެޖެންސީތަކުގެ ތެރެއިން ފިޗް ރޭޓިންސްއިން ރާއްޖޭގެ ކްރެޑިޓު ރޭޓިން މިހާރަށްވުރެ ދަށްނުކުރަން ނިންމި މައިގަނޑު އެއް ސަބަބަކީ ރާއްޖޭގެ ރިޒާވްގެ ހާލަތު ރަނގަޅުވުމެވެ. ރިޒާވްގެ ހާލަތު ރަނގަޅުވުމާއެކު ބަޖެޓުގެ ޑެފިސިޓު ބޮޑުވިޔަނުދީ ހިފަަހައްޓާަނަމަ ކުރިއަށް އޮތް ތަނުގައި ކްރެޑިޓް ރޭޓިން ރަނގަޅުވުމުގެ ފުރުސަތު އޮތްކަން މާހިރުން ފާހަގަކުރައްވައެވެ.  

ކިޔުންތެރިންގެ ހިޔާލު