ENGLISH

13 ޖުލައި 2025

Advertisement

ޖޫން މަހު ޑޮލަރުން ލިބުނު އާމްދަނީ 49.5 އިންސައްތަ އިތުރުވެއްޖެ

13 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް

މި އަހަރުގެ ޖޫން މަހުގައި ޑޮލަރުން ދައުލަތަށް ލިބުނު އާމްދަނީ ނިމުނު އަހަރުގެ ޖޫން މަހުގައި ލިބުނު ޑޮލަރުގެ އާމްދަނީއަށްވުރެ 49.5 އިންސައްތަ އިތުރުވެފައިވާކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ތަފާސްހިސާބުތަކުން ދައްކައެވެ. 

މީރާއިން ކޮންމެ މަހަކު އާއްމުކުރާ އާމްދަނީގެ ހިސާބުތަކަށް ބަލާއިރު ޓެކުހުގެ އާމްދަނީގެ ގޮތުގައި ޖޫން މަހު ޑޮލަރުން ލިބުނު ފައިސާގެ އަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ޓެކުހުގެ ގޮތުގައި މި އަހަރުގެ ޖޫން މަހުގައި 76.03 މިލިއަން ޑޮލަރު ލިބުނެވެ. ނިމުނު އަހަރުގެ ޖޫން މަހުގައި ޓެކުހުގެ ގޮތުގައި ލިނުނީ 49.53 މިލިއަން ޑޮލަރެވެ. 

މި ހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖޫން މަހުގައި ޓެކުހުން ލިބުނު ޑޮލަރުގެ އަދަދު ފާއިތުވި އަހަރުގެ ޖޫން މަހު ލިބުނު ޑޮލަރުގެ އަދަދު 53.4 އިންސައްތަ އިތުރުވެފައިވެއެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު، ޖޫން މަހުގައި 40.69 މިލިއަން ޑޮލަރު ޓެކުސް ނޫން ގޮތްގޮތުން މީރާއަށް ލިބުނެވެ. މީރާގެ ހިސާބުތަކުން ދައްކާ ގޮތުގައި ޓެކުސް ނޫން ގޮތްގޮތުން މީރާއަށް ނިމުނު މަހުގައި ލިބުނީ 28.49 މިލިއަން ޑޮލަރެވެ. އެހެންކަމުން ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ނިމުނު އަހަަރަށްވުރެ 42.7 އިންސައްތަ އިތުރުވެފައިވެއެވެ. 

ޓެކުހުގެ ބައިތަކަށް ބަލާއިރު ޑިޕާޗާ ޓެކުހުގެ ގޮތުގައި 2024 ޖޫނުގައި ލިބުނީ 6 މިލިއަން ޑޮލަރެވެ. މި އަހަރު 8.6 މިލިއަން ޑޮލަރު ލިބުނެވެ. އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 18.1 މިލިއަން ޑޮލަރު މި އަހަރު ލިބުނުއިރު ނިމުނު އަހަރު ލިބުނީ 11.9 މިލިއަން ޑޮލަރެވެ. 

ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރުގެ ޖޫން މަހުގައި ލިބުނީ 4.1 މިލިއަން ޑޮލަރެވެ. މި އަހަަރު އެ އަދަދުވަނީ 153.8 އިންސައްތަ އިތުރުވެ، 10.6 މިލިއަން ޑޮލަރު ލިބިފައެވެ. ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގާ ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 27.3 މިލިއަން ޑޮލަރު ލިބުނުއިރު، މި އަހަރު ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 41.2 އިންސައްތަ އިތުރުވެ 38.5 މިލިއަން ޑޮލަރު ލިބިފައިވެއެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު އެއާޕޯޓު ޑިވެލޮޕްމެންޓު ފީގެ ގޮތުގައި ނިމުނު އަހަރު 6 މިލިއަން ޑޮލަރު ލިބުނުއިރު މި އަހަރު 8.6 މިލިއަން ޑޮލަރު ލިބުނެވެ. ލޭންޑް އެކުއިޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި ނިމުނު އަހަރުގެ ޖޫން މަހު އެންމެ ޑޮލަރެއްވެސް ނުލިބެއެވެ. މި އަހރު 5.4 މިލިއަން ޑޮލަރު ލިބުނެވެ. 

އަދި ފަތުރުވެރިކަމަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި މި އަހަރުގެ ޖޫން މަހުގައި 26.2 މިލިއަން ޑޮލަރު ލިބުނެވެ. އަދި އެހެނިހެން ގޮތްގަޮތުން 195،510 ޑޮލަރު ލިބުނެވެ. 

ޑޮލަރުން ޖޫން މަހު ލިބުނު އާމްދަނީ އިތުރުވިއިރު، މި އަހަރުގެ ފުރަތަމަ ހަ މަހު ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރު ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރ 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގައި ލިބުނީ 460 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 607 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 31.9 އިންސައްތައިގެ އިތުރުވުމެކެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު ޑޮލަރަށް ބަލާއިރު މީރާއަށް ޓެކުސް ނޫން ގޮތްގޮތުން ޖުމްލަ 165.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނިމުނު އަހަރުގެ ފުރަތަމަ 6  މަސްދުވަހު ޑޮލަރުން ލިބުނީ 101.5 މިލިއަން ޑޮލަރެވެ. އެއީ ނިމުނު އަހަރަށްވުރެ 62.7 އިންސައްތަ އިތުރު އަދަދެކެވެ. 

ޖުމްލަ ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު 772.5 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނު 562.1 މިލިއަން ޑޮލަރަށްވުރެ 37.4 އިންސައްތަ އިތުރު އަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު