ENGLISH
13 ޖުލައި 2025
ޣައްޒާގައި ޙަމަލާތައް އަލުން މެދުކަނޑައިލުމުގެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި، ހުއްޓުމުގެ ބިރު
13 ޖުލައި 2025
|
ފަލަސްޠީނުގެ ޣައްޒާއަށް އިޒްރޭލުން ހުއްޓުމެއް ނެތި ދެމުންދާ ލާއިންސާނީ ޢުދުވާނުތައް އަލުން މެދުކަނޑައިލުމުގެ މަޝްވަރާތަކަށް އެއްވެސް ކުރިއެރުމެއް ނުލިބި، ހުއްޓުމުގެ ބިރު ބޮޑުކަމަށް ފަލަސްޠީނުގެ އޮފިޝަލުން ބުނެފިއެވެ.
ފަލަސްޠީނުގެ އިސް އޮފިޝަލަކާ ޙަވާލާދީ ބީބީސީ ނޫހުން ބުނި ގޮތުގައި، މާބޮޑު ހައިސިއްޔަތެއް ނެތް ވަފްދެއް، އިޒްރޭލުން މި މަޝްވަރާތަކަށް ފޮނުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ ބައްދަލުކުރަން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެމެރިކާއަށް ކުރި ދަތުރާ ދިމާކޮށް ވަގުތު ހޯދުމުގެ ބޭނުމުގައެވެ.
މިގޮތުން، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގައި އެއްވެސް މުހިންމުކަމަކާ ގުޅޭގޮތުން ނިންމުމެއް ނިންމުމުގެ ބާރެއް އިޒްރޭލުން ފޮނުވި ވަފްދަށް ދީފައިނުވާކަމަށް އެ އޮފިޝަލް ވިދާޅުވެފައިވެއެވެ.
އޭގެތެރޭގައި، ޙަމާސް އިން ޝަރުތުކުރަމުންދާ ގޮތަށް ޣައްޒާއަށް އެއްވެސް ހުރަހެއް ނެތި އެހީ ވެއްދުމާއި، ޣައްޒާގެ ސަރަޙައްދުތަކުން އިޒްރޭލު ސިފައިން ފޭބުން ވެސް ހިމެނެއެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެމެރިކާއިން ފުރުމުގެ ކުރިން، ނަތަންޔާހޫ ވަނީ ސުލްޙައިގެ އެއްބަސްވުމަކަށް ދެވޭނެކަމުގެ އުއްމީދު ބޮޑުކަމަށް ބުނެފައެވެ. މިގޮތުން، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 10 އަސީރުންނާއި އިތުރު 30 އަސީރެއްގެ ހަށިގަނޑު ޙަވާލުކޮށް، ޙަމަލާތައް 60 ދުވަހަށް މެދުކަނޑައިލެވޭނެކަމަށް ނަތަންޔާހޫ ބުންޏެވެ.
އިޒްރޭލާއި ޣައްޒާގައި ވެރިކަންކުރާ ޙަމާސް ޖަމާޢަތުގެ އިސް އޮފިޝަލުންގެ މެދުގައި ޤަތަރުގެ ވެރިރަށް ދޯހާގައި އާދީއްތަ ދުވަހުން ފެށިގެން ދަނީ މަޝްވަރާތައް ކުރަމުންނެވެ. މި މަޝްވަރާތަކުގައި ޤަތަރުގެ އިތުރުން މިޞްރާއި އެމެރިކާއިން ދަނީ މެދުވެރިއެއްގެ ރޯލު އަދާކުރަމުންނެވެ.
ނަމަވެސް، މިދިޔަ ހުކުރު ދުވަހުގެ ރޭ، އެ މަޝްވަރާތަކަށް ކުރިއެރުމެއް ނުލިބި، ހުއްޓުމުގެ ފުރުޞަތު ބޮޑުވެފައިވާކަމަށް ފަލަސްޠީނުގެ އޮފިޝަލަކާ ޙަވާލާދީ ބީބީސީ ނޫހުން ބުނެފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ، ޣައްޒާއަށް އެހީ ވެއްދުމާއި ޣައްޒާއިން ސިފައިން ބޭލުމަށް އިޒްރޭލުން ދެކޮޅު ހަދަމުންދާތީއެވެ.
ޙަމާސްގެ ޝަރުތަކީ، ޣައްޒާގެ ރައްޔިތުންނަށް އެހީ ބެހުމުގެ މަސައްކަތް އދ.ގެ ޖަމިއްޔާތަކާ އަލުން ޙަވާލުކުރުމެވެ. ނަމަވެސް، އިޒްރޭލުން ބޭނުންވަނީ، އެ މަސައްކަތް، އިޒްރޭލާއި އެމެރިކާ އަޑީގައި އޮވެގެން އުފައްދާފައިވާ ޖީއެޗްއެފް ޖަމިއިއްޔާއިން ކުރިއަށް ގެންދަން ކަމަށް އެ އޮފިޝަލު ވިދާޅުވެފައިވެއެވެ.
މީގެއިތުރުން، ޣައްޒާގައި ތިބި އިޒްރޭލު ސިފައިން ފަހަތަށް ޖެއްސުމުގައި ވެސް ދެ ފަރާތުގެ ޚިޔާލުތަފާތުވުން ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
ފަލަސްޠީނުގެ އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި، ސުލްޙައިގެ އެއްބަސްވުމެއް އެކުލަވައިލުމުގެ ހެޔޮ ނިޔަތެއް އިޒްރޭލުން ނުގެންގުޅެއެވެ. ސުލްޙައިގެ މަޝްވަރާކުރަން ކަމަށް ޤަތަރަށް އިޒްރޭލުން ވަފްދެއް ފޮނުވީ، ނަތަންޔާހޫގެ އެމެރިކާގެ ދަތުރާދިމާކޮށް، "މޫނުމަތި" ރީތިކުރަން ކަމަށް އެ އޮފިޝަލުން ދަނީ ތުހުމަތުކުރަމުންނެވެ.
މިދިޔަ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސުލްޙައިގެ އެއްބަސްވުމަކަށް ޢަމަލުކުރަމުންދަނިކޮށް، އިޒްރޭލުން މިދިޔަ މަހުގެ 18 އިން ފެށިގެން ވަނީ ޣައްޒާއަށް އަނެއްކާވެސް ޙަމަލާތައް ދޭން ފަށައިފައެވެ.
ޙަމާސް އިން 2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު އިޒްރޭލަށް ދިން ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އިޒްރޭލުން ވަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލުހޭދު ކުރުމަށް ޤަތުލުޢާންމެއް ފަށާފައެވެ. އެ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އާބާދީގެ ބޮޑު އިންސައްތައެއް ވަޒަނުން ބޭރުކޮށްފައެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 57,000 އަށް އަރާފައިވާއިރު، އިތުރު 120,000 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލައިފައެވެ.