ENGLISH
13 ޖުލައި 2025
އަނިޔާވެރި ގޮތަކަށް މާޅޮހުގައި މީހަކު މަރާލައިފި
13 ޖުލައި 2025
|
އއ.މާޅޮސް
އއ.މާޅޮހުގައި އަނިޔާވެރި ގޮތަކަށް އުމުރުން ދުވަސްވީ ފިރިހެނަކު ގަތުލުކުރި ހާދިސާއެއް ފުލުހުންގެ ހިދުމަތުން ތަހުގީގުކުރަން ފަށައިފިއެވެ.
މި މައްސަލައާ ގުޅިގެން މީޑިޔާއަށް ފުލުހުން މައުލޫމާތު ދިން ގޮތުގައި ރޭ މެންދަމު 1:50 ހާއިރު ބޮޑެތި ޒަހަމްތަކާއެކު އޮތް 65 އަހަރުގެ މީހަކު މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދެމުންދަަނިކޮށް މަރުވެފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި މަރުވެފައިވަނީ މާޅޮހު، އޯކިޑްމާގެ، އަބްދުއްރަހްމާން އާދަމެވެ.
ބައެއް ފަރާތްތަކުން އެމްއެމްޓީވީއާ މައުލޫމާތު ހިއްސާކުރި ގޮތުގައި އަބްއްދުއްރަހުމާނަށް ހަމަލާދިނީ އޭނާ ނިދިފައި އޮއްވައެވެ. އެނގިފައިވާ ގޮތުގައި ހަމަލާދިނީ އޭނާގެ ބޮލަށެވެ. ސިކުނޑީގެ ބައެއް ބޭރަށް ފެންނަ މިންވަރަށް ބޯ ފަޅައިގެން ގޮސްފައި ހުރިކަމަށް މާޅޮހުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހުމާނު ދިރިއުޅެނީ އޭނާގެ އަންހެނުންނާއެކުއެވެ. ރޭ ދެމީހުން ނިދީ ދެކޮޓަރީގައެވެ. އޭނާ ސިއްހީ މަރުކަޒަށް ގެންދިޔައީ އަނބިމީހާއާއި އެހެން ބައެއް މީހުން އެކުވެގެންނެވެ.
ފިރިހެން މީހާ ނިޔާވީ މާޅޮހު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާދޭން ފެށިތާ ގަޑިއިރެއްހާއިރު ފަހުން، 2:30 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.