ENGLISH

13 ޖުލައި 2025

Advertisement

މި އަހަރު ނިމުމުގެ ކުރިން އިތުރު ތިން ރަށެއްގައި އިސްލާމީ ލައިބްރަރީ ޤާއިމުކުރެވޭނެ: ޑރ. ޝަހީމް

13 ޖުލައި 2025

|

އިސްމާއީލް ރާތިއު

މާލޭ އިސްލާމީ ލައިބްރަރީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ޑރ. ޝަހީމް ވާހަކަދައްކަވަނީ-- ފޮޓޯ: އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާ

މި އަހަރު ނިމުމުގެ ކުރިން ރ. އުނގޫފާރު، ހއ. ދިއްދޫ އަދި ގދ. ތިނަދޫގެ އިސްލާމީ މަރުކަޒުގައި އިސްލާމީ ލައިބްރަރީ ޤާއިމުކުރެވިގެންދާނެ ކަމަށް، އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެ އެެވެ.

ޑރ. ޝަހީމް، މިފަދައިން ވިދާޅުވެފައިވަނީ މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. މީގެ އިތުރުން، އެ މަނިކުފާނު ވަނީ މާލޭގައި ރޭ ހުޅުވިގެންދިޔަ އިސްލާމީ ލައިބްރަރީ ބޭނުންކުރާ ފަރާތްތަކަށް އިތުރު އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެގޮތުން އެ މަނިކުފާނު ވަނީ، މާލޭ އިސްލާމީ ލައިބްރަރީގައި ވަރަށް އަވަހަށް، ކިޑްސް ކޯނަރ އެއްގެ އިތުރުން އިސްލާމިކް ބޭންކިންގ އަދި އިސްލާމިކް ފައިނޭންސް އަށްވެސް ޚާއްޞަ ކޯނަރުތަކެއް ޤާއިމުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

އަދި، މިހާރު ލައިބްރަރީ ހުޅުވިފައި ހުންނާނެ ކަމަށް އިޢުލާނުކޮށްފައިވާ ވަގުތު ކުރުވުމުން، މިހާރު އިޢުލާނުކޮށްފައިވާ ގަޑީގެ އިތުރަށް، ދެނަމާދު ދޭތެރެ ހިމެނޭހެން، ރޭގަނޑު 9:30 ވަންދެން ލައިބްރަރީ ހުޅުވިފައި ހުންނާނެ އިންތިޒާމު ހަމަޖެއްސެވުމަށް މަސައްކަތްކުރައްވާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މިވަގުތު، ލައިބްރަރީ ހުޅުވުމަށް އިޢުލާނުކޮށްފައި ވަނީ، ހެނދުނު 9:00 އާއި މެންދުރުފަހު 2:00 އާއި ދޭތެރޭގައެވެ.

ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ލައިބްރަރީ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވެ އެވެ. މީގެ ތެރޭގައި، ޚުދު ޑރ. ޝަހީމް ލިޔުއްވާފައިވާ ބައެއް ފޮތްތައްވެސް ހިމެނޭނެކަމަށް، އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރަށް، އަތޮޅުތަކުގައި ޤާއިމްކުރެވޭ ލައިބްރަރީތަކުގައި ބެހެއްޓުމަށް، އެކުވެރި ޤައުމެއްގެ ޔުނިވަރިސިޓީއަކުން 60،000 ފޮތް ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މީގެކުރިން ވަޒީރު ވިދާޅުވެފައިވެއެވެ. 

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިސްލާމީ މަރުކަޒުތަކުގައި އިސްލާމީ ކުތުބުޚާނާތައް އުފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު