ENGLISH
13 ޖުލައި 2025
އިސްލާމީ ކުތުުބުޚާނާތަކުގެ މަސައްކަތަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލާނެ ކަމެއް: އާދަމް ނަސީރު
13 ޖުލައި 2025
|
އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވި ވަޒީރު އާދަމް ނަސީރު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކުތުުބުޚާނާތައް ބިނާ ކުރުމަށް ކުރާ މަސައްތަކަކީ ދިވެހިންގެ މުސްތަޤުބަލު އާ އުދަރެސްތަކަކަށް ބަދަލުކޮށްލާނެ ކަމެއްކަމަށް ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.
ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވެއެވެ.
ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ތަރައްޤީކުރުމަށް ކުރެވޭ މަސައްތަކަކީ ދިވެހިންގެ ސަޤާފަތު އާ ޙަޟާރަތަކަށް ހޭލާ ހޭލުމެއްކަމަށާއި، ދިވެހިންގެ ދިރިއުޅުން އާ ސަޤާފަތަކަށް އެނބުރިގެންދާނެ މުހިއްމު ކަމެއްކަމަށެވެ.
ކުރާ ކޮންމެ ކަމެއް އިސްލާމީ ބިނާގެ މަތީގައި ކުރިއަށްގެންދެވުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒެއް ކަމަށް ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ. އަދި، ރައީސްގެ އަމާޒާ އެއްގޮތަށް އިސްލާމީ ކުތުބުޚާނާއަކީ ދިވެހި ޤައުމަށް މާނަވީ ބިނާކުރުމާއި މާއްދީ ބިނާ ކުރުން ގެނައުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއްކަމަށް ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.
ރަސްމިއްޔާތުގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވެސް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންގޮސް، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެކަމަށެވެ.