ENGLISH
13 ޖުލައި 2025
ބާރު ދުވެލީގައި މިއަހަރު ކުތުބުޚާނާތައް ހުޅުވިގެންދާނެ: ވަޒީރު ޑރ. ޝަހީމް
13 ޖުލައި 2025
|
އިސްލާމީ ކުތުބުޚާނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ވަޒީރު ޑރ. ޝަހީމް ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އިސްލާމިކް މިނިސްޓްރީ
އިސްލާމީ ކުތުބުޚާނާތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ޤާއިމްކުރުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއްކަމަށާއި، އެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްގެންގޮސް، މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ކުތުބުޚާނާތައް ހުޅުވިގެންދާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިފަދައިން ވިދާޅުވީ ސަލްމާން ރަސްގެފާނު މިސްކިތުގައި ތަރައްޤީކުރި އިސްލާމީ ކުތުބުޚާނާ ރޭ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރޭ ބޭއްވި ރަސްމިއްޔާތެއްގައި އިސްލާމީ ކުތުބުޚާނާ ރަސްމީކޮށް ހުޅުވައިދެއްވީ ދިވެހި ބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމްއެވެ.
ވަޒީރު ވިދާޅުވީ ރ. އުނގޫފާރު އިސްލާމީ މަރުކަޒާއި، ތިނަދޫ ސިޓީ އިސްލާމީ މަރުކަޒުގެ އިތުރުން އަލަށް ހުޅުވުމަށް ތައްޔާރުވަމުންދާ ހއ. ދިއްދޫ އިސްލާމީ މަރުކަޒުގައި އިސްލާމީ ކުތުބުޚާނާ ޤާއިމުކުރެވިގެންދާނެ ކަމަށެވެ. ކުތުބުޚާނާތައް ޤާއިމުކުރެވިގެންދާއިރު، އެކުވެރި ޤައުމަކުން 60 ހާސް ފޮތް ހަދިޔާކުރަން ނިންމަވާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ކުތުބުޚާނާއަށް ތަރައްޤީ ގެންނަވާނެކަމަށް ވިދާޅުވެ ވަޒީރު ޑރ. ޝަހީމް ފާހަގަކުރެއްވީ، އިސްލާމީ ކުތުބުޚާނާގައި ތުއްތުކުދިންނަށް ޚާއްޞަ ބަޔަކާއި، އިސްލާމިކް ފައިނޭންސްއަށް ޚާއްސަ ބައެއް ކުރިއަށް އޮތް ތަނުގައި ޤާއިމުކުރައްވާނެ ކަމަށެވެ.
ވަޒީރު ވަނީ އިސްލާމީ ކުތުބުޚާނާ ހުޅުވިގެން ދިޔައިރު، އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. ޚާއްޞަގޮތެއްގައި ހިލޭސާބަހަށް މަސައްކަތް ކުރި ޒުވާން ޚަޠީބުންނާއި، ދަރިވަރުންނަށް އަދި އިސްލާމިކް މިނިސްޓްރީގެ މުވައްޒަފުންނަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
މިސްކިތްތަކުގައި ލައިބްރަރީތައް ޤާއިމުކޮށް މިސްކިތްތަކަށް ދިރުން ގެނައުމަކީ ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމެއްކަމުގައި ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ. މީގެއިތުރުން، ލައިބްރަރީ އިތުރަށް ފުރިހަމަ ކުރުމަށް އަގުހުރި ފޮތްތައް ލައިބްރަރީއަށް ހަދިޔާކުރެއްވުމަށް ދީނީ ޢިލްމުވެރިންނަށް ވަޒީރު އިލްތިމާސްކުރެއްވިއެވެ.
ސަލްމާން ރަސްގެފާނު މިސްކިތުގެ ތިންވަނަ ފަންގިފިލާގައި ޤާއިމްކޮށްފައިވާ އިސްލާމީ ކުތުބުޚާނާ ހުޅުވާފައިވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ތަނުގެ ބޭނުން ކުރާ ފަރާތްތަކަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށްފަހުގައެވެ. މީގެ އިތުރުން މި ކުތުބުޚާނާގައި 15،000 އަށްވުރެ ގިނަ ފޮތް މިވަގުތުވެސް ބެހެއްޓިފައިވެއެވެ.