ENGLISH
12 ޖުލައި 2025
އެއާ އިންޑިއާގެ ވެއްޓުނު ބޯޓުގެ އިންޖީނުތަކުން ތެޔޮ ކަނޑައިލިކަމަށް ތަޙުޤީގުން ހާމަވެއްޖެ
12 ޖުލައި 2025
|
އިންޑިއާގެ އަހުމަދުއާބާދަށް އެއާ އިންޑިއާ ވެއްޓުނު ބޯޓު، ނައްޓައިލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެ ބޯޓުގެ ދެ އިންޖީނަށް ތެޔޮ ފޯރުކޮށްދޭ ސްވިޗު ނިއްވައިލިކަން، އެ ހާދިސާގެ ތަހުޤީގުގެ އިބްތިދާޢީ ރިޕޯޓުގައި ބުނެފިއެވެ.
މިދިޔަ މަހުގެ 12 ވަނަ ދުވަހު، ބޯއިން 787 ޑްރީމްލައިނާގެ ބޯޓު ވެއްޓުނީ އަހުމަދުއާބާދުން އިނގިރޭސިވިލާތުގެ ގެޓްވިކަށް ދާން ނައްޓާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގަ އެވެ.
އަހުމަދުއާބާދުގެ މީހުން ދިރިއުޅޭ ސަރަޙައްދަށް އެ ބޯޓު ވެއްޓުނު ހާދިސާގައި 265 މީހަކު ވަނީ މަރުވެފައެވެ. އޭގެތެރޭގައި އެ ބޯޓުން ދަތުރުކުރި 241 މީހުން ހިމެނެއެވެ.
އެ ބޯޓުގެ ޕައިލެޓުން ތިބޭ ކޮކްޕިޓުގެ ރެކޯޑިންގއެއްގައި، ތެޔޮ ފޯރުކޮށްދޭ ސްވިޗު ނިއްވައިލީ ކީއްވެގެންތޯ ޕައިލެޓަކު ސުވާލުކުރާ އަޑުއިވެއެވެ. އޭގެ ޖަވާބުގައި އެ ސްވިޗު އޮފްކޮށްނުލާކަމަށް އެހެން ޕައިލެޓަކު ބުނާ އަޑުވެސް އެ ރެކޯޑިންގ އިން އިވެއެވެ.
އިންޑިއާގެ އެއާކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ އިން މިއަދު ހާމަކުރި މައުލޫމާތުގައިވާ ގޮތުން، އެއާކްރްފާޓް ވެއްޓުމުގެ ކުރިން ރެކޯޑް ކުރެވިފައިވާ އޭގެ އެންމެ ޓޮޕް ސްޕީޑާ ހިސާބަށް ދިއުމާ އެކު އިންޖީން 1 އާއި އިންޖީން 2 ގެ ފިއުލް ކަޓްއޯފް ސްވިޗުތައް "ރަން" އިން "ކަޓްއޯފް" އަށް ބަދަލުވެފައިވެ އެވެ.
އެއާ އެކު ބޯޓު ތިރިވާން ފެށުމުން، ފިއުލް ސްވިޗް އަނެއްކާވެސް އޮން ކުރި ނަމަވެސް، ބޯޓު މައްޗަށް އުފުލޭނެ ބާރެއް އިންޖީނަށް ނުލިބުނުކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ގެޓްވިކް އަށް ދަތުރުކުރި މި ބޯޓު ދުއްވަމުން ދިޔައީ ކެޕްޓަން ސުމީތު ސަބަރުވާލް އާއި ކޯ ޕައިލެޓް ކްލައިވް ކުންދަރު އެވެ. ދެ ޕައިލެޓުންނަށް ވެސް މި ދަތުރުގެ ކުރިން އެކަށީގެންވާ މިންވަރަށް އަރާމުކުރުމުގެ ފުރުޞަތު ދެވިފައިވާކަމަށް ރިޕޯޓުގައި ބުންޏެވެ.
މި ހާދިސާ ހިނގީ، ބޯޓުގެ ބުރަފަތީގައި ދޫންޏެއް ޖެހިގެން ކަމަށް މީގެ ކުރިން ބެލެވިފައިވިޔަސް، ބޯޓު ދަތުރުކުރި ސަރަޙައްދުގައި ދޫނި އުދުހެމުން ގޮސްފައިވާކަމުގެ ހެއްކެއް ނެތް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
ނަމަވެސް، ބޯޓު ވެއްޓުނީ، އިންޖީނަށް ތެޔޮ ފޯރުކޮށްދިނުން މެދުކަނޑައިލުމުން ކަމެއް އެ ރިޕޯޓުގައި ސާފުކޮށް ބުނެފައެއް ނުވެއެވެ.
މި ތަޙުޤީގެ ފުރިހަމަ ރިޕޯޓު ނެރޭނީ ކުރިއަށް އޮތް 12 މަސް ދުވަހުގެ ތެރޭގައެވެ.
އެ ބޯޓުގައި ތިބި އެންމެން މަރުވިކަމަށް ބެލެވިފައިވަނިކޮށް، އޭގައި ތިބި 242 މީހުންގެ ތެރެއިން އެކަކު ވަނީ ސަލާމަތްވެފައެވެ.
އޭނާ ސަލާމަތްވީ، ބޯޓު ވެއްޓެން ދިޔަ ވަގުތު، ބޯޓުގެ އެމަރޖެންސީ ދޮރު ހުޅުވައި، ބޯޓުން ފުއްމާލައިގެންނެވެ.
މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރޭގައި 11 ކުޑަކުދިންނާއި 12 ފަޅުވެރިންގެ އިތުރުން އިންޑިޔާގެ 169 މީހުންނާއި އިނގިރޭސިވިލާތުގެ 53 މީހުންނާއި ޕޯޗުގަލްގެ ހަތް މީހުންނާއި ކެނެޑާއަށް ނިސްބަތްވާ މީހެއް ހިމެނެއެވެ.