ENGLISH
12 ޖުލައި 2025
އެންސްޕާއިން ޖޫން މަހު ތެރަޕިއުޓިކް ފަރުވާއަށް ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްފި
12 ޖުލައި 2025
|
އެންސްޕާ އޮފީސް. ފޮޓޯ: މިހާރު
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް މިދިޔަ ޖޫން މަހު ހަތަރު މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފިއެވެ.
އެންސްޕާއިން މިއަދު އާއްމުކުރި ތަފާސްހިސާބުގައި ވަނީ ފާއިތުވި ޖޫން މަހު ތެރަޕިއުޓިކް ފަރުވާގެ ޚަރަދުގެ ތަފްސީލް އާއްމުކޮށްފައެވެ.
މީސްމީޑިއާ ޕްލެޓްފޯމް "އެކްސް" ގައި އެންސްޕާއިން ކުރި ޕޯސްޓުގައި ވާގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރަޕިއުޓިކް ފަރުވާއަށް ޖުމްލަ 4،055،281 (ހަތަރު މިލިއަން ފަންސާސް ފަސްހާސް ދުއިސައްތަ އައްޑިހަ އެއްރުފިޔާ) ވަނީ ޚަރަދުކޮށްފައެވެ. ފަރުވާގެ އެހީ ފޯރުކޮށްދީފައިވަނީ 108 މީހުންނަށެވެ. އޭގެތެރޭގައި ހިމެނެނީ 72 ފިރިހެނުން އަދި 36 އަންހެނުންނެވެ.
އެންސްޕާގެ ތަފާސްހިސާބުގައި ވާގޮތުން ތެރަޕިއުޓިކް ފަރުވާގެ މާލީ އެހީތެރިކަން ތަފާތު ހަތް ދާއިރާއަކުން ވަނީ ދީފައެވެ. އެއީ ބިހޭވިއަރ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސައިކޯ ތެރަޕީ، އަރލީ އިންޓަރވެންޝަން، ސްޕީޗް ތެރަޕީ، އެޑިއުކޭޝަނަލް ތެރަޕީ އަދި ފިޒިއޯ ތެރަޕީ އެވެ.
އެންސްޕާއިން އިއްޔެ ވަނީ ޖޫން މަހުގެ ނިޔަލަށް ރާއްޖޭގައި ތިބި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދާހަމަވެސް ހާމަކޮށްފައެވެ. އެގޮތުން މިދިޔަ މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި 14،412 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެތެރޭގައި ހިމެނެނީ 8،384 ފިރިހެނުންނާއި 6،028 އަންހެނުންނެވެ.
އުމުރުފުރައަށް ބަލާއިރު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި އެންމެ ގިނައީ އުމުރުން 18 އަހަރާއި 64 އަހަރާއި ދެމެދުގެ މީހުންނެވެ. އެގޮތުން، އެގޮތުން ދަފްތަރުގައި ހިމެނޭ ޖުމްލަ 14،412 މީހުންގެ ތެރެއިން 7،351 މީހުން ފެތެނީ އެ އުމުރުފުރައަށެވެ. އެއީ 3788 ފިރިހެނުންނާއި 3563 އަންހެނުންނެވެ.