ENGLISH
12 ޖުލައި 2025
އާއްމުންނަށް ގެއްލުމެއް ލިބިދާނެތީ އޯކިޑް ޕްލާޒާ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި
12 ޖުލައި 2025
|
އޯކިޑް ޕްލާޒާ އިމާރާތް. އާއްމުންނަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އެތަން ތަޅާލުމުގެ މަސައްކަތް ވަނީ ފަށާފަ.
އާއްމު ރައްޔިތުންނަށް ގެއްލުމެއް ލިބިދާނެކަމަށް ފެންނާތީ، މާފަންނު އޯކިޑް ޕްލާޒާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް އިން މިއަދު ފަށައިފިއެވެ.
އެ މިނިސްޓްރީން މީޑިއާއަށް ދިން މައުލޫމާތުގައި ބުނީ، އޯކިޑް ޕްލާޒާ އަދި ހައުސް ޕްލާޒާ ހިމެނޭ އިމާރާތްތައް ތަޅާލުމަށް ނިންމާފައިވާކަމަށެވެ.
މިނިސްޓްރީގެ ޕަބްލިކް ވޯކްސް ޔުނިޓުން ކުރިއަށްގެންދާ މަސައްކަތް ފެށުމާއެކު، މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވަނީ މިއަދު އެސަރަޙައްދަށް ވަޑައިގެންފައެވެ. އެގޮތުން އިމާރާތް ހުރި ސަރަޙައްދަށް ވަޑައިގެން މަސައްކަތް ކުރިއަށްދާގޮތް މިނިސްޓަރު ބައްލަވާލެއްވިއެވެ.
އޯކިޑް ޕްލާޒާ އިމާރާތަކީ ބުރުޒު މަގުގައި ހަތަރު ފަންގިފިލާއަށް ހުންނަ އިމާރާތެކެވެ. އެތަނުގައި މީހުން ދިރިއުޅޭ ވަރަށް ވުރެ މިހާރު ވަނީ ބާވެފައެވެ. އެހެންވެ އެތަނުގައި މީހުން ނޫޅޭތާ ވެސް މިހާރު އެތައް އަހަރެއް ވަނީ ވެފައެވެ.
މިނިސްޓަރު އާދަމް ޝަރީފް އުމަދު ވަނީ މަސައްކަތް ކުރަމުންދާއިރު އާއްމުންނަށް ކުރިމަތިވެދާނެ ދަތިތަކާއި އުނދަގޫތަކަށްޓަކައި މަޢާފަށް އެދިފައެވެ. ޢިމާރާތްތައް ތަޅާލުމުގެ މަސައްކަތް ކުރަނީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
ފަޅަށްހުރި އެ އިމާރާތުގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ޖިނާއީ މައްސަލަތައް މީގެކުރިން ވަނީ ފެންމަތިވެފައެވެ. އިމާރާތް ތަޅާލުމާއެކު، އާއްމުން މިހާރު ކުރަމުން އަންނަ ޝަކުވާތަކަށް ހައްލެއް ލިބޭނެއެވެ.