ENGLISH
12 ޖުލައި 2025
ގުޅިފަޅުން ލިބުނު ބަންޑާރަ ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފަށައިފި
12 ޖުލައި 2025
|
ގުޅިފަޅުން ލިބުނު ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރުން
ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާއެކު، އަލުން ގުރުނަގައިގެން ލިބުނު ގޯތިތަކުގެ ރަޖިސްޓްރީ މިއަދު ދޫކުރަން ފަށައިފިއެވެ.
އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން ފެށީ ކުރީގެ ހައުސިން މިނިސްޓްރީ ހުރި ސަރަހައްދުގައެވެ. ގޯތިތަކުގެ ރަޖިސްޓްރީ ދޫކުރަން 9:30 ގައި ފެށިއިރު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ ރަޖިސްޓްރީއާ ހަވާލުވަމުންނެވެ.
ލޭންޑް ޔޫސް ޕްލޭނަށް ބަދަލުތައް ގެނެސް ގުރު ނެގުމުން ގޯތި ލިބުނު ޕްލޮޓްތައް ވަނީ ބަދަލުވެފައެވެ. އެ ޕްލޮޓްތައް ކަނޑައެޅުމުގެ ގުރުނެގުން ކުރިއަށްގެންދިޔައީ މެއި މަހުގެ 30 ވަނަ ދުވަހު އުސްފަސްގަނޑު ސަރަހައްދުގައެވެ.
ރަޖިސްޓްރީއާ ހަވާލުވުމަށް އެދި ގޯތީގެ ވެރިފަރާތުން އެޕޮއިންޓްމަންޓަށް އެދެން ޖެހެނީ "ހިޔާވެހި ޕޯޓަލް" މެދުވެރިކޮށެވެ. ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ ޕޯޓަލް މެދުވެރިކޮށް އެޕޮއިންޓްމަންޓް ހެއްދުމުން ރަޖިސްޓްރީ ހަވާލުކުރުމާ ގުޅޭ ހުރިހާ މައުލޫމާތެއް ލިބޭނެ ކަމަށެވެ.
އެއްވެސް ސަބަބަކާއި ހުރެ ކަނޑައެޅިފައިވާ ގަޑިއަށް ހާޒިރުނުވެވިއްޖެ ނަމަ، އަލުން އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު ލިބޭނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.
މި ސަރުކާރުން ގުޅިފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ގެނައި ބަދަލާ އެކު، ކުރިން ހަދައިދީފައިވާ ރަޖިސްޓްރީތައް ބާތިލްކޮށް، އަލަށް ހަދާ ރަޖިސްޓަރީ ހޯދުމަށް އެދި ހުށަހެޅުމަށް ހުޅުވާލުމުން ގޯތި ލިބުނު ބައެއް މީހުން އެ އެއްބަސްވުންތަކުގައި ސޮއިކުރަން ދެކޮޅު ހެދިއެވެ. އެހެންނަމަވެސް، މިއަދު ދޫކުރަން ފެށި ރަޖިސްޓްރީތަކާއެކު ގިނަ ބަޔަކު އަންނަނީ ގޯތިތަކާ ހަވާލުވަމުންނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ މީހުންނަށް ގުޅިފަޅުން ގޯތި ދިނުމަށް ކުރީގެ ސަރުކާރުން ހެދި އެއްބަސްވުމުގައި ގާނޫނީ ފުށުއެރުންތަކެއް ހުރުމުން، ބަންޑާރަ ނައިބުގެ އޮފީހާ އެކު މަޝްވަރާއަށް ގޮސް އެކަމަށް ހައްލެއް ހޯދަން ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިހާރު ވަނީ ނިންމައިފައެވެ.