ENGLISH
12 ޖުލައި 2025
މިއަދުވެސް މޫސުން ގޯސް؛ ގަދަ ވަޔާއެކު ކަނޑުތައްވެސް ގަދަވާނެ
12 ޖުލައި 2025
|
މިއަދުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމުގައި މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފިއެވެ.
އެ އިދާރާއިން އަންދާޒާަކުރާ ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަަމުގައި ބެލެވެއެވެ. އަދި ހުޅަނގައި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭއިރު ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އެ އިދާރާއިން ބުނެފައިވެއެވެ.
އަދި ކަނޑުތައް ގަދަވާނެކަމަށާއި ރާޅުތަކުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގައި ހުންނާނެ ކަމުގައި ބެލެވޭކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފައިވެއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް ރަށްރަށައި އުދައިގެ އަސަރުކުރުމަކީ އެކަށީގެންވާ ކަމެއް ކަމުގައި ބުނެފައިވެއެވެ.
މެޓުން ބުނި ގޮތުގައި މި ދެ ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވަނީ ރާއްޖޭގެ ހުޅަނގުގައި އުފެދިފައިވާ ކޮޅިގަނޑެއް ބާރުގަދަވުމުގެ ސަބަބުންނެވެ. އަދި މޫސުން ގޯސްވާނެ ކަމުގައި ލަފާކުރެވޭތީ މި ދުވަސްވަރު އެންމެން، ހާއްސަކޮށް ކަނޑުދަތުރުފަތުރު ކުރާ މީހުން މޫސުމަށް ސަމާލުކަން ދިނުމަށް އެ އިދާރާއިން އެދިފައިވެއެވެ.
އެގޮތުން ކަނޑުމަގުން ކޮންމެހެން ކުރަން މަޖުބޫރު ދަތުރުތައް ނޫން އެހެން ހުރިހާ ދަތުރުތައް ނުކުރުމަށާއި، ދަތުރުކުރާއިރު މޫސުމަށް އަންނަ ބަދަލުތަކަށް ރިއާޔަތްކޮށް ރައްކާތެރިކަމުގެ ފިޔަވަަޅުތައް އެޅުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން އެދިފައިވެއެވެ.
އެމްއެންޑީއެފްގެ ކޯސްޓުގާޑުންވަނީ މޫސުން ގޯސްކަން ފާހަގަަކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ރޭގަނޑު ދަތުރުނުކުރުމަށް އިލްތިމާސްކޮށްފައެވެ.