ENGLISH
12 ޖުލައި 2025
ގައްދޫ ޒަކަރިއްޔާ ދުއްވި ޑިންގީ ކަނޑު އަޑިން ފެނިއްޖެ
12 ޖުލައި 2025
|
ގދ. ގައްދޫ ޒަކަރިއްޔާ ދުއްވި ޑިންގީ. އެ ޑިންގީ ވަނީ ކަނޑުގެ އަޑިން ފެނިފަ
ގދ. ގައްދޫ ކައިރީގައި އޮންނަ ގަމަށް ދާން މިދިޔަ ބުރާސްފަތި ދުވަހުގެ ހެނދުނު ޑިންގީއެއްގައި ފުރި ޒަކަރިއްޔާ މުހައްމަދު ގެއްލިގެން ހޯދަމުން ދަނިކޮށް އޭނާ ދުއްވި ޑިންގީ ކަނޑުގެ އަޑިން މިއަދު ހެނދުނު ފެނިއްޖެއެވެ.
އެމްއެންޑީއެފްއިން މިއަދު އެކްސްގައި ކުރި ޕޯސްޓުގައި ބުނީ ޒަކަރިއްޔާ ހޯދުމުގެ އޮޕަރޭޝަނުގައި މިއަދު ހެނދުނު ކުރި ދެވަނަ ޑައިވްގައި، ގައްދޫއާއި ގަމުގެ ދެމެދު އޮންނަ ކަނޑުއޮޅީގެ 10 މީޓަރު އަޑިން ޑިންގީ ފެނިފައިވާ ކަމަށެވެ. ޑައިވް ކޮށްފައިވަނީ ދިވެހި ސިފައިންނާއި ފުލުހުންނެވެ.
ގައްދޫއަށް ނިސްބަތްވާ އުމުރުން 75 އަހަރުގެ ޒަކަރިއްޔާ އެރަށުން ފުރީ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 ގައެވެ. ޑިންގީގައި އެކަނި ފުރިއިރު ޒަކަރިއްޔާ ލައިގެން ހުރީ ނޫކުލައިގެ އަތްކުރު ގަމީހަކާއި ކަޅުކުލައިގެ ސޯޓެއްކަމަށް ފުލުހުން ބުނެފައިވެއެވެ.
ޒަކަރިއްޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުންނެވެ. އަދި ވައިގެ މަގުން ވެސް ބޮޑު ސަރަޙައްދެއް ވަނީ ބަލާފަ އެވެ. ގަމާއި ކައިރި ފަޅުރަށްތައް ވެސް ވަނީ ބަލާފަ އެވެ.
ޒަކަރިއްޔާ ދުއްވި ޑިންގީ ކަނޑުގެ އަޑިން ފެނުނު ނަމަވެސް، މިހާތަނަށް ކުރި މަސައްކަތުގައި ޒަކަރިއްޔާ ފެނިފައެއްނުވެއެވެ.