ENGLISH

19 ޖުލައި 2025

Advertisement

އަހަރު ދެބައިވިއިރު އާމްދަނީ 16.7 ބިލިއަނަށް، ނިމުނު އަހަރަށްވުރެ %13.3 އިތުރު

11 ޖުލައި 2025

|

ޝިފްޒާން އަޙްމަދު

މީރާއަށް ލިބުނު އާމްދަނީ އިތުރުވެފައިވޭ، ފޮޓޯ: މެންދުރު

މި އަހަރުގެ ފުރަތަމަ ހަ މަހު ދައުލަތަށް ލިބުނު އާމްދަނީ ފާއިތުވި އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 13.3 އިންސައްތަ އިތުރުވެ، ޖުމްލަ 16.7 ބިލިއަން ރުފިޔާ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ހިސާބުތަކުން ހާމަވެއްޖެއެވެ. 

މީރާއިން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ޖަނަވަރީ އެއްވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް ޓެކުހުގެ އާމްދަނީގެ ގޮތުގައި 13.4 ބިލިއަން ރުފިޔާ މި އަހަރު ލިބުނެވެ. ނިމުނު އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނީ 12.5 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ ނިމުނު އަހަރާ އަޅާބަލާއިރު މި އަހަރުގެ އެ މުއްދަތުގައި  7.4 އިންސައްތަ އިތުރުވެފައިވެއެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއަށް ބަލާއިރު ނިމުނު އަހަރު ލިބުނީ 2.2 ބިލިއަން ރުފިޔާއެވެ. މި އަހަރު ޓެކުސް ނޫން ގޮތްގޮތުން ޖުމްލަ 3.2 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. އެހެންކަމުން މި އަހަރު ލިބުނު އާމްދަނީ ނިމުނު އަހަރަށްވުރެ 46.6 އިންސައްތަ އިތުރުވެފައިވެއެވެ. 

ބޭރު ފައިސާއިން ލިބުނު އާމްދަނީއަށް ބޮޑު އިތުރުވުމެއް 

ޓެކުހުގެ ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީއަށް ބަލާއިރ 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގައި ލިބުނީ 460 މިލިއަން ޑޮލަރެވެ. މި އަހަރު އެ އަދަދުވަނީ 607 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އެއީ ނިމުނު އަހަރާ އަޅާބަލާއިރު 31.9 އިންސައްތައިގެ އިތުރުވުމެކެވެ. 

ޓެކުސް ނޫން ގޮތްގޮތުން ލިބުނު ޑޮލަރަށް ބަލާއިރު މީރާއަށް ޓެކުސް ނޫން ގޮތްގޮތުން ޖުމްލަ 165.2 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ނިމުނު އަހަރުގެ ފުރަތަމަ 6  މަސްދުވަހު ޑޮލަރުން ލިބުނީ 101.5 މިލިއަން ޑޮލަރެވެ. އެއީ ނިމުނު އަހަރަށްވުރެ 62.7 އިންސައްތަ އިތުރު އަދަދެކެވެ. 

ޖުމްލަ ޑޮލަރު އާމްދަނީގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު 772.5 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ނިމުނު އަހަރުގެ އެ މުއްދަތުގައި ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބުނު 562.1 މިލިއަން ޑޮލަރަށްވުރެ 37.4 އިންސައްތަ އިތުރު އަދަދެކެވެ. 

ކިޔުންތެރިންގެ ހިޔާލު