ENGLISH
12 ޖުލައި 2025
މުސްތަޤްބަލާއި ތަރައްޤީއަށްޓަކައި ޒުވާނުންނަށް އިންވެސްޓުކުރަން ޖެހޭ: ރައީސް
11 ޖުލައި 2025
|
ގައުމުގެ މުސްތަޤްބަލާއި ތަރައްޤީއަށްޓަކައި ޒުވާނުންނަށް އިންވެސްޓުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަހައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ އާބާދީ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުޢިއްޒު ވަނީ ޒުވާނުންނަށް ފަހި މާހައުލެއް ގާއިމުކުރެއްވުމަށް އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މަސައްކަތުގެ ފުރުސަތު ފަހިކޮށްދިނުމާއި، ހެޔޮ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ދަރިން ބެލެހެއްޓުމާއި، ފެންވަރު ރަނގަޅު ތައުލީމާއި ސިއްހީ ހިޚިދުމަތް ހަމަހަމަކޮށް ލިބުން ފަދަ މުހިންމު ދާއިރާތައް ފާހަގަކުރައްވައިފަ އެވެ.
މީގެ އިތުރުން، ދިރިއުޅުުމުގެ ކަންކަމުގައި ރަނގަޅު ނިންމުންތައް ނިންމޭ ފަދަ ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި ދަރިމައިވުމުގެ ފަރުވާއާއި ކައުންސެލިންގ އަދި އެ ނޫންވެސް ކަންކަމަށް އަހުލުވެރިކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
ދުރު ރާސްތާއަށް ވިސްނައި ރޭވުމަކީ މުހިއްމުކަމެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ކުރިމަތިވެދާނެ ގޮންޖެހުންތަކަށް ތައްޔާރުވެތިބުމަށްޓަކައިި ހަރުދަނާ ސިޔާސަތެއް އާބާދީއާ ގުޅިގެން ކަނޑައަޅަން ޖެހޭ ކަމަށެވެ. އެގޮތުން، 2062 ވަނަ އަހަރާ ހަމަޔަށް ދިވެހި އާބާދީގެ ފަސްބައިކުޅަ އެއްބައި މީހުންނަކީ 65 އަހަރުން މަތީގެ މީހުން ކަމަށް އަންދާޒާކުރެވޭއިރު ދުވަސްވީ އާބާދީއެއްގައި ހުންނާނެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޒުވާނުން އަހުލުވެރިކުރުވުމަށް ސަރުކާރުން އަބަދުވެސް އިސްކަންދެއްވާނެ ކަމަށެވެ.
ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހަކީ އާބާދީއާ ގުޅުންހުރި ކަންކަމާއި ދެމެހެއްޓެނިވި ތަރައްގީގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.