ENGLISH

31 ޖުލައި 2025

Advertisement

ކަނޑުމަތީގެ ހަތް ހާދިސާއެއް، ދެ ހާދިސާއަކާ ގުޅޭ މީހުން ނުފެނޭ

11 ޖުލައި 2025

|

އަޙުމަދު ޙަމީދު

ގެއްލިގެން ހޯދަމުންދާ މީހާ

ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވެފައި ވާ އިރު، ކަނޑުމަތީގެ ތަފާތު ހަތް ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ކޯސްޓްގާޑަށް މިއަދު ރިޕޯޓުކޮށްފައިވާ ކަމަަށް ބުނެފި އެވެ.

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު 12:00އިން ފެށިގެން މިރޭ 10:30އާ ހަމައަށް ރިޕޯޓްކޮށްފައިވާ ހާދިސާތަކުގެ ތެރޭގައި ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރި މީހަކު ގެއްލުމުގެ ހާދިސާ އާއި ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދިޔަ މީހަކު ގެއްލުނު ހާދިސާ އާއި އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުންދިޔަ އުޅަނދެއްގެ އިންޖީނު ހުއްޓުމުގެ ހާދިސާ އާއި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.އަތޮޅު ދަރަވަންދޫ ކައިރިން ދަތުރުކުރަމުންދިޔަ ސަފާރީ އުޅަނދެއް ދިޔަވުމުގެ ހާދިސާ އާއި 4 މީހުންނާ އެކު މާލެ އަތޮޅު ގިރިފިނޮޅު ކައިރިން ލޯންޗެއް ފަރަށް އެރި ހާދިސާ އާއި މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯންޏެއް ގެއްލުމުގެ ހާދިސާ އާއި 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓެއް އަޑިއަށްދިޔަ ހާދިސާ ހިމެނޭ ކަމަށެވެ.

އެގޮތުން ޑިންގީއެއްގައި ގދ.ގައްދޫން ފުރައިގެން އެ އަތޮޅު ގަމަށް ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ އަދި ފެނިފައިނުވާ އިރު، އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ކުރަމުން ކަމަަށް ބުންޏެވެ.

ރ.އަތޮޅު އުތުރުމާފުށި ރިސޯޓުން ކެނޯއެއްގައި ދަތުރުކުރަމުންދަނިކޮށް ގެއްލުނު މީހާ ވަނީ ފަތާފައި ރ.ދުވާފަރަށް އަރާފައިވާ ކަމަށާ އަރިއަތޮޅު ކައިރިން ހަތަރު މީހުންނާ އެކު ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓުނު އުޅަނދު މިހާރު ދަނީ، އެހެން އުޅަނދެއްގައި ކަފު ޖަހައިގެން މާލެ އައުމަށް ދަަތުރުކުރަމުންދާ ކަމަށް ބުންޏެވެ.

އަދި 22 ގެސްޓުންނާއި 15 ފަޅުވެރިންނާ އެކު ބ.ދަރަވަންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާން ފެށި ސަފާރީ ވަނީ ސަލާމަތްތެރިކަމާ އެކު ބ.ދަރަވަންދޫއަށް މިރޭ ދުވަހުގެ 10:23 ހާއިރު ވަދެފައިވާ ކަމަށާ މި ސަފާރީއަށް އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަމަށް ބުންޏެވެ.

މީގެ އިތުރުން ކ.ގިރިފިނޮޅު ކައިރިން ދަތުރުކުރަމުންދަނިކޮށް ފަރަށް އެރި ލޯންޗުގައި ތިބި ހަތަރު މީހުން ވަނީ މިރޭ 12:05ހާއިރު ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ 110 ނަންބަރު ލޯންޗުގައި ކ.ހިންމަފުއްޓަށް ގެންގޮސްފައި ކަމަށާ މ.އަތޮޅުން ހަތް މީހުންނާ އެކު މަހަށް ފުރި ދޯނި އަދި ފެނިފައިނުވާ އިރު، ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ.

އަދި 8 ދިވެހީންނާއި 4 ބިދޭސީންނާ އެކު މާލެއިން ލ.ހިތަދޫއަށް ދަތުރުކުރަމުންދިޔަ "އޯޝަން އެކްސްޕްރެސް" ނަމަކަށްކިޔާ މުދާ އުފުލާ ބޯޓު، ރިހިވެލި މޯލްޑިވްސް ރިސޯޓު ކައިރިން ދިޔަވެ އަޑިއަށްގޮސްފައިވާ އިރު، އެ ބޯޓުގައި ތިބި އެންމެން ސަލާމަތްތެރިކަމާ އެކު މިރޭ 11:52 ހާއިރު މާލެ ގެނެސްފައިވާ ކަމަށް ބުންޏެވެ. މި މީހުން މާލެ ގެނެސްފައި ވަނީ އޮޅުވެލި ބީޗް ރިޒޯޓްގެ ލޯންޗަކާއި، ކޯސްޓްގާޑުގެ ހާބަރކްރާފްޓް 113ގަ އެވެ.

ކިޔުންތެރިންގެ ހިޔާލު