ENGLISH
31 ޖުލައި 2025
ފެރިދޫ ބަނދަރުގެ އެއްގަމުތޮށިލުމުގެ މަސައްކަތް ނިންމާލައިފި
11 ޖުލައި 2025
|
ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
އއ. ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން އެ ރަށު ބަނދަރުގެ އެއްގަމު ތޮށި ލުމުގެ މަސައްކަތް ނިމިފައިވާ ކަމަށް އެ މަސައްކަތްކުރަމުން އަންނަ އެމްޓީސީސީ އިން ބުނެފިއެވެ.
އެމްޓީސީސީ އިން ބުނީ، ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކަމަށެވެ.
ފެރިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއަށް ސައިޓް މޮބިލައިޒް ކޮށްފައިވަނީ، އޮގަސްޓް 15، 2023 ގައެވެ. މި މަޝްރޫޢުގެ ދަށުން، 213 މީޓަރުގެ އެއްގަމު ތޮށި އަދި 147 މީޓަރުގެ ބޭރު ތޮށިލުމާއި، ކުރީގެ ބަނދަރު މަރާމާތުކުރުމުގެ އިތުރުން ބަނދަރު ބައްތި އާއި މަގު ބައްތި އަދި ބަނދަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވެއެވެ.
ފެރިދޫގައި މިހާރު ބޭނުންކުރާ ބަނދަރަކީ 2000 ގެ ކުރީކޮޅުގައި ހަދާފައިވާ ބަނދަރެކެވެ. މަރާމާތުނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން އެ ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
ގާތްގަނޑަކަށް 800 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ފެރިދޫގެ ރައްޔިތުން މައިގަނޑު ގޮތެއްގައި މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެހެންކަމުން، އެ ރަށުގެ ބަނދަރު ތަރައްޤީކޮށް، މަރާމާތުކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ.
ފެރިދޫގެ ބަނދަރު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން މިހާރު އޮތް ބަނދަރަށް ޖާގަ އިތުރުވެ، އެ ބަނދަރުގެ ބޭނުންހިފާ އެންމެންނަށް ލުއިފަސޭހަތައް ލިބިގެންދާނެ އެވެ.
ފެރިދޫގެ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، 2023 ވަނަ އަހަރުގެ ޖަނަވަރީ މަހު އެވެ. އެ ކުންފުނިން ބުނީ، މި މަޝްރޫޢުގެ އަގު ގާތްގަނޑަކަށް 50 މިލިއަން ރުފިޔާ އަށް އަރާނެ ކަމަށެވެ.