ENGLISH
31 ޖުލައި 2025
ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި
11 ޖުލައި 2025
|
ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ތެރެއިން. ފޮޓޯ: އެމްޓީސީސީ
ނ. ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް އެމްޓީސީސީ އިން ފަށައިފިއެވެ.
މި މަޝްރޫޢުގެ ދަށުން، 30،648 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އާ ހާބަރުގެ ބޭސިން ފުންކުރުމާއި، 3،990 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 145 މީޓަރުގެ ބޭރުތޮށްޓެއް ލުމާއި، 165 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.
މީގެއިތުރުން، 130 މީޓަރުގެ އެއްގަމުތޮށި ލުމާއި، 125 މީޓަރު ދިގު ހަ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، 600 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ކުރާނެ އެވެ.
ގާތްގަނޑަކަށް 504 މީހުންގެ އާބާދީއެއް އޮންނަ ފޮއްދޫ ރައްޔިތުން ޢާއްމުކޮށް މަސައްކަތްކުރަނީ ފަތުރުވެރިކަމުގެ ދާއިރާގައެވެ. އެ ރަށަކީ، ގެސްޓް ހައުސް ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. އެގޮތުން، އެ ރަށުގައި ފަސް ގެސްޓްހައުސް މި ވަގުތު އަންނަނީ ހިންގަމުންނެވެ.
ނަމަވެސް، މީގެކުރީން ފޮއްދޫގައި ބަނދަރެއް ހަދާފައިނެތުމުގެ ސަބަބުން، ރަށަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި އެ ނޫން މީހުން ލަފާފުރުމަށް ބޭނުންކުރަނީ ހަމައެކަނި ހުޅަނގު މޫސުމުގައި ބޭނުންކުރެވޭ ޖެޓީއެކެވެ. އެކަމުގެ ދަތިތައް އެފަރާތްތަކުން ދަނީ މެދުނުކެނޑި ތަޙައްމަލު ކުރަމުންނެވެ.
އެހެންކަމުން، އަމަލީ މަސައްކަތް ފެށި ފޮއްދޫ ބަނދަރުގެ މަސައްކަތް ނިމުމާއެކު، ތަނަވަސް ބަނދަރެއް ލިބި، ރަށަށް އަންނަ ފަތުރުވެރިންނާއި އެ ނޫން މީހުންނަށް އެކަމުގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
ފޮއްދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަގު ގާތްގަނޑަކަށް 49.77 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް އެމްޓީސީސީ އިން ބުނެއެވެ.