ENGLISH

13 ޖުލައި 2025

Advertisement

އާ ޓާމިނަލުން ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް

10 ޖުލައި 2025

|

އަޙުމަދު ޙަމީދު

މޯލްޑިވިއަންގެ ފްލައިޓެއް --

އާ ޓާމިނަލުން ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޑެޓް (އެމްއޭސީއެލް) އިން ބުނެފި އެވެ.

ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ދަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެ ކުންފުނިން ބުނީ ޖުލައި މަހުގެ 26 ވަނަ ދުވަހު އާ ޓާމިނަލް ހުޅުވުމަށް ފަހު ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް ކަމަށެވެ.

މިއީ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ލިބިގެންދާނެ ޝަރަފެކެވެ. ޤައުމީ އެއާލައިން އިން ދަނީ އެ ކުންފުންޏަށް ބޮޑެތި ބޯޓްތައް ހޯދާ ބައިނަލްއަޤްވާމީ ދަތުރުތައް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުންފުންޏަކީ ފައިދާ ނެރެވޭ ފުރިހަމަ ޚިދުމަތެއް ދެވޭ ކުންފުންޏަކަށް ހެދުމަށް ވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

އެމްއޭސީއެލް އިން ބުނީ އާ ޓާމިނަލުން ފުރަތަމަ ޚިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަޤްވާމީ ދަތުރުތަކަށް ކަމަށާ އަދި އޭގެ ފަހުން މި އަހުރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުގެ ޚިދުމަތްތައް އާ ޓާމިނަލަށް ބަދަލު ކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަންގެ ޗެކިން-ސިސްޓަމް ޓެސްޓް ކުރުން

ވީއައިއޭ ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް ޓްރަޔަލްއެއް މިއަދު ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މިއީ އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.

އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެ އެވެ. އޭގެ އިތުރުން އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވެ އެވެ.

އާ ޓާމިނަލްއާ އެކު ދިވެހި އިޤްތިސާދަށް ބޮޑު ބަދަލެއް އަންނާނެ އެވެ. ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތަށް ބޮޑު އިންގިލާބެއް އައުމުގެ އިތުރުން ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު އިތުރުވެ ދަތުރުވެރީންނަށް ފުރިހަމަ ޚިދުމަތެއް ދެވޭ ޤައުމަކަށް ރާއްޖެ ވެގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު