ENGLISH
12 ޖުލައި 2025
އެއާޕޯޓް ހުޅުވުމުގެ ފަހުގެ ތައްޔާރީ: ޗެކިން-ސިސްޓަމް ޓެސްޓް ކޮށްފި
10 ޖުލައި 2025
|
ޗެކިން-ސިސްޓަމް ޓެސްޓް ކުރުން --
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތައް ޓެސްޓުކޮށް ޓްރަޔަލްއެއް ކުރިއަށް ގެންގޮސްފި އެވެ.
މިއީ އާ ޓާމިނަލް ހުޅުުވުމުގެ ކުރިން އެތަނުގެ ޚިދުމަތްތަކާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުުވުމުގެ ކުރިއާއި ފަހަށް މުޅި ޓާމިނަލް ތައްޔާރުކުރުމަށް ކުރިއަށް ގެންދާ އޮޕަރޭޝަނަލް ރެޑިނެސް, އެއާޕޯޓް ޓްރާންސްފަރ (އޮރާޓް) ޕްރޮސެސްގެ ތެރެއިން ކުރިއަށް ގެންދާ ކަމެކެވެ.
އެމްއޭސީއެލްގެ މުވައްޒަފުން ބޭނުންކޮށްގެން މިއަދު ކުރިއަށް ގެންދިޔަ ޓްރަޔަލްގައި މޯލްޑިވިއަންގެ ސިސްޓަމްތަކާއި ބޯޑިން ފާސްތައް ޕްރިންޓް ކުރާ ސިސްޓަމްތައް ރަނގަޅަށް މަސައްކަތް ކުރޭތޯ ކަށަވަރު ކޮށްފައިވެ އެވެ. އޭގެ އިތުރުން އާ ޓާމިނަލްގެ އިންފޮމޭޝަން ޓެކްނޮލޮޖީއާ ގުޅޭ އެހެނިހެން ކަންކަންވެސް ޓެސްޓުކޮށްފައިވެ އެވެ.
އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު ވަނީ މިއަދުގެ ޓްރަޔަލް ކުރިއަށް ގެންދެވި ގޮތް ބައްލަވާލައްވާ އެކަމުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފަ އެވެ. އެގޮތުން މިއަދުގެ ޓްރަޔަލްގައި އެންމެ ފުރަތަމަ ޓްރަޔަލް ފަސިންޖަރެއްގެ ގޮތުގައި ޗެކިންވެވަޑައިގަތީ ސީއީއޯ ޝަރީފެވެ.
ސީއީއޯ ޝަރީފުގެ އިތުރުން އެ ޓްރަޔަލްގައި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލަމްޢާން އާއި މުޖުތަބާ ލަތީފުގެ އިތުރުން ކުންފުނީގެ އިސްވެރިން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.
ޓްރަޔަލްއަށްފަހު ދެއްވި އިންޓަވިއުއެއްގައި ސީއީއޯ ޝަރީފު ވިދާޅުވީ އެމްއޭސީއެލްއާ ގުޅިގެން މޯލްޑިވިއަންގެ ޗެކިން ސިސްޓަމްތަކުގެ ޓްރަޔަލްތައް މިއަދު ކުރިއަށް ގެންދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
"ޔަގީންކުރައްވާ, މިއޮތީ މިކަން ފައްޓާފައި. މިކަން ފެށިފައި. ކުރިއަށް އޮތީ ވަރަށް ބާރު ސްޕީޑުގައި މަތިންދާބޯޓުތައް ގެނެސް, ރަސްމީކޮށް މިތަން ހުޅުވުން. މުވައްޒަފުން ތިބީ ވަރަށް އުފަލުގައި, ވަރަށް ވަރުގަދަ ގައުމީ ރޫހެއްގައި,"
ރާއްޖޭގެ މިނިވަން ކަމަށް 60 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށް އެމްއޭސީއެލް އިން ތައްޔާރުވަމުން އަންނައިރު އާ ޓާމިނަލުން ފުރަތަމަ ހިދުމަތް ދޭނީ މޯލްޑިވިއަންގެ ބައިނަލްއަގްވާމީ ދަތުރުތަކަށެވެ.
އެއަށްފަހު މިއަހުރުގެ ފަތުރުވެރިކަމުގެ ސީޒަން ފެށުމުގެ ކުރިން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ދަތުރުކުރާ ބައިނަލްއަޤްވާމީ ގިނަ އެއަރލައިންތަކުގެ ޚިދުމަތްތައް އާ ޓާމިނަލަށް ބަދަލުކުރެވިގެން ދާނެއެވެ.