ENGLISH
12 ޖުލައި 2025
އިންތިހާބުތަކަށް މަޝްރޫއުތައް ފެށުމުގެ އުސޫލު ރައީސް ނިމުމަކަށް ގެންނަވައިފި: ލަަތީފު
10 ޖުލައި 2025
|
ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު މުހައްމަދު، ފޮޓޯ: އެމްއެމްޓީވީ
އެކި އިންތިހާބުތަކާ ދިމާކޮށް ރަށްރަަށުގައި ތަރައްގީގެ މަޝްރޫއުތައް ކުއްލިއަކަށް ފަށައިގަތުމުގެ ސަގާފަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިމުމަކަަށް ގެންނަވައިފި ކަމުގައި ދިއްދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުއްލަތީފު މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން އަބްދުއްލަތީފު ވިދާޅުވީ ސަރުކާރުތައް އިންތިހާބުކުރަނީ ރައްޔިތުންނަށް ހިދުމަތްކުރުމަށް ކަމުގައިވީ ނަމަވެސް މިހާތަނަށް ފެނުނު މަންޒަރަކީ އިންތިހާބުތައް ކައިރިވުމުން މަޝްރޫއުތައް ހިންގުމުގެ ދަޅަދެއްކުން ކަމަށެވެ. އެގޮތުން އިންތިހާބުތަކުގެ ވޯޓު ފޮށިތަކާއެކު ރަށްރަަށަށް ލޮރީއާއި އެކްސްކަވޭޓަރުތައް އަރުވައި މަސައްކަތްތަކެއް ކުރަން އުޅޭކަން ރައްޔިތުންނަށް ދައްކާކަމަށް އޭނާ ވިދާޅުވިއެވެ.
އެކަމަކު ރައީސް ޑރ.މުޙައްމަދު މުޢިއްޒު ކުރީގެ ވެރިންނާ ތަފާތުކަން ފާހަގަކުރައްވަމުން ލަތީފު ވިދާޅުވީ ރައީސް ވެރިކަމަށް ވަޑައިގަތުމަށް ކުރެއްވި ކެމްޕެއިނުގައި ރަށްރަަށަށް ވެވަޑައގެންނެވި ހުރިހާ ވައުދުފުޅުތަކެއް އާއްމުކޮށް ފެންނާނެހެން ފޮތެއްގައި އެއްކުރައްވައި ޝާއިއުކުރައްވާފައިވާ ކަމަށެވެ. އަދި މިހާރުވެސް އެ ވައުދުފުޅުތަކާ އެއްގޮތަށް މަސައްކަތްތައް ކުންފުނިތަކާ ހަވާލުކުރައްވައި މަސައްކަތް ފެއްޓެވުމަށް މަގުކޮށްޓަވަމުންދާކަމަަށްވެސް މެންބަރު ވިދާޅުވިއެވެ.
"މިހާރު އެމަނިކުފާނު މަސައްކަތް އެކުރައްވަނީ އެއްކަލަ ވީ ވައުދުތަކާ އެއްގޮތަށް މަސައްކަތްތައް ހަވާލުކުރަން. ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމަށްފަހު ސަރުކާރު ކުންފުނިތަކާ ހަވާލުކުރައްވަނީ. އިންތިހާބެއް ކޮބައިތޯ؟ އިންތިހާބެއް ނެތެއް ނޫންތޯ؟ އެކަމަކު މިހާރުން ފެށިގެން މަސައްކަތްތައް ހަވާލުކުރައްވަނީ،" މެންބަރު ވިދާޅުވިއެވެ.
"ރައީސް ޑރ.މުޙައްމަދު މުޢިއްޒު ބޭނުންފުޅެއް ނުވޭ އިންތިހާބަށް ވޯޓަށް ވެފައި އޮއްވައި، ވޯޓު ފޮށި ދޮށަށް ދަނިކޮށް މި ރަށުގައި ފެން ހޮޅިލާނެ ވާހަކަ ވިދާޅުވާކަށް. މިއަދު ފެންހޮޅި ވަޅުލުމުގެ މަސައްކަތް އެ ފައްޓަވަނީ، މިއަދު ބަނދަރު ހެދުމުގެ މަސައްކަތް ފައްޓަވަނީ. އިންތިހާބާ ކައިރިވީމާ މަސައްކަތް ފަށާ އުސޫލު އެމަނިކުފާނު ދޫކޮށްލައްވައިފި،"
ކުރީގައި ކަންކުރި ގޮތުގެ މިސާލެއްގެ ގޮތުގައި ށ.ކޮމަންޑޫ ދާއިރާގެ މަޖިލިސް ބައި-އިލެކްޝަނާ ގުޅުވައިގެން ދެ ކޮަމަންޑޫ ގުޅައިލުމުގެ ވައުދު އެއިރުގެ ރައީސް ވެވަޑައިގެން، އެންމެ މެންބަރަކު އިންތިހާބުކުރުމުގެ ބޭނުމުގައި އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދުކުރަންޖެހުނު ކަމުގައި ވިދާޅުވިއެވެ.
ފާއިތުވި ފަސް އަހަރު އެމްޑީޕީން ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ނަމުގައި ކުރި މަސައްކަތްތަކަށް ފާޑުވިދާޅުވެ ލަތީފު ފާހަގަކުރެއްވީ ބޮޑެތި އަދަދުތައް ކިޔުމަށްފަހު މަސައްކަތް އެކި ފަރާތްތަކާ ހަވާލުކުރުމަށްފަހު މަސައްކަތްކުރަން ހަވާލުވީ ފަރާތްތަކަށް ދިނީ ކުޑަ ފައިސާކޮޅެއް ކަމަށެވެ. އަދި ދިން ކުޑަ ފައިސާކޮޅުންވެސް އެތައް ފައިސާއެއް އެއިރުގެ ވެރިން އަތުލެއްވިކަމަށާއި ނަތީޖާއެއްގެ ގޮތުން އެ މަސައްކަތްތައް ވެރިކަން ބަދަލުވިއިރު ހުރީ މަޑުޖެހި ކުރިއަށްނުގޮސް ކަމަށް އޭނަ ވިދާޅުވިއެވެ.
ލަތީފު ތުހުމަތުކުރެއްވި ގޮތުގައި މަސައްކަތް ފެށުމަށް އެޑްވާންސް ފައިސާ ދޫކުރުމަށްފަހު ވެރިކަަން ދޫކޮށްލެއްވީ "ކުކުޅުހާ ހާވާހެން ހާވާފަ" ކަމަށެވެ. ރަށްރަށުގައި ފަށާފައި ހުރި މަސައްކަތްތަައް ހުރި ގޮތް ސިފަކޮށްދެއްވަމުން ލަތީފު ވިދާޅުވީ ބައެއް ތަންތަނުގައި ވަޅުގަނޑެއް ކޮނެފައި، ނުވަތަ ރޯނެއް ދަމާފައި ހުރި ކަމަށެވެ.
އެމްޑީޕީއަކީ ވެރިކަންކުރަން ދައުލަތެއް ހިންގަން އެނގޭ ޕާޓީއެއް ނޫން ކަމުގައި ސިފަކުރައްވަމުން ލަތީފު ވިދާޅުވީ ސަރުކާރެއްގެ އުސޫލުތަކާ ހަމަތައް އެ ޕާޓީއަށް ނޭނގޭނެ ކަމަށެވެ.
"އެއީ ހަޅޭއްލަވަަން އުޅުނު ބައެއް. އެބޭފުޅުންނަށް މަޖާކޮށް ޕާޓީކޮށް ފުޅިިކެނޑޭނެ ވަރަށް ރަނގަޅަށް. ސަރުކާރެއް ނުހިންގޭނެ. އަަޅުގަނޑު އެމްޑީޕީ ސިފަކުރާނީ ހިތާނަކޮށްގެން އުޅޭ ގެއެއްގެ ގޮތުގައި އެތާ އޮންނާނެ ތާސްކުޅުމާއި ސަކަރާތްޖެހުން. ސަރުކާރެއް އެމީހުންނަށް ނުހިންގޭނެ" ލަތީފު ވިދާޅުވިއެވެ.
ލަތީފުވަނީ އެމްޑީޕީން ފާއިތުވި ފަސް އަހަރު ރާއްޖޭގެ އިގުތިސާދަށް ދިން ގެއްލުމާއި ރާއްޖޭގެ މާލީ ހާލަތު ހީނަރުކޮށްލާފައި އޮތް މިންވަރު ފާހަގަކުރައްވައި، އެކަންކަމުން އަރައިގަތުމަށް ރައީސް ޑރ.މުޢިއްޒުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަަށް ތަފުސީލީ ގޮތެއްގައި އަލިއަޅުވައިލައްވާފައެވެ.