ENGLISH
12 ޖުލައި 2025
ގަވާއިދާ ހިލާފުވާ ބިދޭސީން ހޯދުން؛ އެންމެ ރެއިޑަކުން 37 މީހުން އަތުލައިގަނެފި
10 ޖުލައި 2025
|
މޯލްޑިވްސް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން، ފޮޓޯ: އިމިގްރޭޝަން
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ އަދި ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ހިލާފުވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ތެރެއިން މޯލްޑިވްސް އިމިގްރޭޝަންއިން ހިންގަމުންދާ ހާއްސަ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ހިންގި އޮޕަރޭޝަނެއްގައި ގަަވާއިދާ ހިލާފަަށް އުޅުނު 31 ބިދޭސީއަކު އަތުލައިގަނެ އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ގަވާއިދާ ހިލާފަަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ހިންގަމުންދާ އޮޕަރޭޝަނުގެ ތެރެއިން އިއްޔެ ކުރިއަށްގެންދިޔަ ރެއިޑަކީ މާލޭގެ ދިލްބަަހާރުމަގުގައި ބިދޭސީންގެ ނުފޫޒު ވަރަަށް ބޮޑަށް އޮންނަ ވިޔަފާރިތަކެއްކަމަށް ގިނަ ޝަަކުވާތަކެއް ލިބިފައިވާަ ތަންތަން ބަލައިފާސްކުރުމަށް ހިންގި ރެއިޑެކެވެ.
އިމިގްރޭޝަނުން ބުނެފައިވަނީ މި ރެއިޑުގައި އެ ސަރަހައްދުގައި ހުރި އެކި ވިޔަފާރިތައް ބަލައިފާސްކޮށް އެތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނަކީ ސައްހަ ލިޔެކިޔުން ތިބި ބައެއްކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރި ކަމަށެވެ. އެ ހަރަކާތުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ 31 ބިދޭސީއަކު ހޯދައި އެމީހުން އެ އިދާރާގެ ބެލުމުގެ ދަށަށްވަަނީ ގެނެސްފައެވެ.
މި މަހު މިހާތަނަށް އިމިގްރޭޝަނުން ހިންގާފަައިވާ އޮޕަރޭޝަންތަކަށް ބަލާއިރު ހުޅުމާލޭ އެއްވަނަ ފިޔަވަަހީގެ މާރުކޭޓު ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ގަވާއިދާ ހިލާފަށް މަސައްކަތްކޮށް ވިޔަފާރިކުރަމުންދިޔަ 15 ބިދޭސީއަކު އަތުލައިގަނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދިހަ ފިރިހެނުންނާއި ފަސް އަންހެނުންނެވެ.
މި މަހު މިހާތަނަށް އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި ގަވާއިދާ ހިލާފަށް އުޅެމުންއައި 47 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަން އެ އިދާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.
އެމްއެމްޓީވީން އެދިގެން އިމިގްރޭޝުނުންވަނީ ފާއިތުވި ފަސް އަހަރު އެ އިދާރާގެ ބެލުމުގެ ދަށަށް ގެނެސް ރާއްޖެއިން ޑީޕޯޓުކުރި ބިދޭސީންނާއި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްކަމަށްވާ 17 ނޮވެންބަރު 2023 އިން ފެށިގެން 2025 އޭޕްރީލް 21 ވަނަ ދުވަހާ ހަމައަށް ރާއްޖެއިން ޑީޕޯޓުކުރި ބިދޭސީންގެ އަދަދުތައް ހިއްސާކޮށްފައެވެ.
އިމިގްރޭޝަނުން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު 2019 ވަނަ އަހަރުން ފެށިގެން ނޮވެންބަރު 17، 2023 ވަނަ ދުވަހާ ހަމައަށް އިމިގްރޭޝަނުން ޑީޕޯޓުކޮށްފައިވަނީ ޖުމްލަ 2،165 ބިދޭސީންނެވެ. އެ ބިދޭސީންގެ ތެރެއިން ޖިނާއީ ކުށްތަކުގައި ޝާމިލުވެގެން ޑީޕޯޓުކުރި ބިދޭސީންނާއި، ވިސާ ނެތުމުން ޑީޕޯޓުކުރި މީހުންނާއި ގާނޫނާ ހިލާފަށް ރާއްޖެއަށް އެތެރެވެގެން ޑީޕޯޓުކުރި މީހުން އެނގޭނެހެން ވަކިވަކިން އެ މައުލޫމާތު އެ އިދާރާއިން ކުރިން ބަލަހައްޓާފައިނުވެއެވެ. ނަމަވެސް މިހާރު އެ މައުލޫމާތު އެ އިދާރާއިން އަންނަނީ ބަރާބަރަށް ބަލަހައްޓަމުންނެވެ.
- 2019: ޑީޕޯޓުކުރި އަދަދު: 461
- 2020: ޑީޕޯޓުކުރި އަދަދު: 291
- 2021: ޑީޕޯޓުކުރި އަދަދު: 280
- 2022: ޑީޕޯޓުކުރި އަދަދު: 432
- 2023 ޑީޕޯޓުކުރި އަދަދު (ނޮވެންބަރު 17 އާ ހަމައަށް): 701
- ޖުމްލަ: 2،165
ރައީސް ޑރ.މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަސްކަމަށްވާ 2023 ނޮވެންބަރު 17 ވަނަ ދުވަހުން ފެށިގެން 2025 އޭޕްރީލު 21 ވަނަ ދުވަހާ ހަމައަށް ޑީޕޯޓުކޮށްފައިވާ ބިދޭސީންގެ އަދަދު:
- ޖިނާއީ ކުށްތަކަށް އަރައިގަނެގެން: 908
- ގާނޫނާ ހިލާފަށް ރާއްޖެ އެތެރެވެގެން: 43
- ވިސާގެ އުސޫލުތަކާ ހިލާފުވެގެން: 1،495
ޖުމްލަ: 2،446
ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަކީ ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑު އިގުތިސާދީ އިޖުތިމާއީ މައްސަލައެކެވެ. އެއީ ދާހިލީ ސަލާމަތާ ބެހޭ ވުޒާރާއާ ހައްލުކުރެއްވުމަށް ރައީސް ޑރ.މުޢިއްޒު ހަވާލުކުރެއްވި ބޮޑެތި ހަތަރު މައްސަލައިގެ އެއް މައްސަލައެވެ.
ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނު ފާހަގަކުރެއްވި ގޮތުގައި ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ނުކުރާވަރުގެ މަސައްކަތްތަކެއް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. ތަފާސްހިސާބުތަކުން ސާބިތުވާ ގޮތުން ފާއިތުވި ފަސް އަހަރު އެ މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތްތަކަށްވުރެ ރައީސް ޑރ.މުޢިއްޒުގެ ވެރިކަމުގެ ދޮޅު އަހަރެއްހައި ދުވަސް ތެރޭ ކުރެވުނު މަސައްކަތް ގިނައެވެ.
ބިދޭސީން ޑީޕޯޓުކުރުމުގެ އިތުރަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަކީވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް އެޅިގެންދާ ހަރުދަނާ ފިޔަވަޅެކެވެ.