ENGLISH
11 ސެޕްޓެމްބަރު 2025
ދައުލަތުގެ އާމްދަނީ %9.6 މައްޗަށް، ހަރަދުތައް %17.7 ދަށަށް، އަރަނި 600 މިލިއަނަށްވުރެ މަތި
10 ޖުލައި 2025
|
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ފޮޓޯ: ރައީސް އޮފީސް
ސަރުކާރުން އަޅަމުންދާ މާލީ ސިޔާސަތުތަކާއެކު ދައުލަތަށް ލިބުނު އާމްދަނީ 9.6 އިންސައްތަ މަތިވެ، ދައުލަތުގެ ހަރދުތައް 17.7 އިންސައްތަ ދަށްކުރެވި، ދައުލަތުގެ ބަޖެޓުގެ އަރަނި 600 މިލިއަނުން މަތީގައި ހިފަހެއްޓިފައިވާކަން މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.
ކޮންމެ ހަފުތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީން އާއްމުކުރާ ދައުލަތުގެ އާމްދަނީއާއި ހަރަދުތަކުގެ ހިސާބުތަކަށް ބަލާއިރު ފާއިތުވި ޖޫން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 18.5 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. ނިމުނު އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީއަކީ 16.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން ނިމުނު އަހަރު ލިބުނު އާމްދަނީއަށްވުރެ މި އަހަރު ލިބުނު އާމްދަނީ 9.6 އިންސައްތަ އިތުރެވެ.
އާމްދަނީގެ އެކި ބައިތަކަށް ބަލާއިރު ނިމުނު އަހަރު ޓެކުހުގެ އާމްދަނީގެ ގޮތުގައި ލިބުނު 13.3 ބިލިއަން ރުފިޔާއަށްވުރެ އިތުރަށް މި އަހަރު 895 މިލިއަން ރުފިޔާ ލިބި، ޖުމްލަ ޓެކްސް އާމްދަނީ 14.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އޭގެ އިތުރަށް ޓެކުސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ފާއިތުވި އަހަރު 3.3 ބިލިއަން ރުފިޔާގައި ހުރިއިރު މި އަހަރު އެ އަދަދު 4.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ. އެއީ ގާތްގަނޑަކަށް 908 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އާމްދަނީ މަތިވިއިރު ހަރަދުތައް ވަރަށް ބޮޑަށް ކުޑަވެފައިވާކަން ހިސާބުތަކުން ދައްކައެވެ. އެގޮތުން ނިމުނު އަހަރު ޖޫން 26 ވަނަ ދުވަހުގެ ނިޔަލަށް 21.8 ބިލިއަން ރުފިޔާ ހަރަދުކުރިއިރު މި އަހަރުގެ އެ މުއްދަަތުގައި ހަަރަދުވެފައިވަނީ 17.9 ބިލިއަން ރުފިޔާއެވެ. އެހެންކަމުން މި އަހަރު ދައުލަތުގެ ހަރަދުތަކަށް ހޭދަވެފައިވަނީ ނިމުނު އަހަރަށްވުރެ 5.8 ބިލިއަން ރުފިޔާ މަދުންނެވެ. އެއީ %17.7 ގެ ދަށްވުމެކެވެ.
އާމްދަނީގެ ބައިތަކަށް ބަލާއިރު ނިމުނު އަހަރު ރިކަރަންޓު ހަރަދުތަކަށް 16.2 ބިލިއަން ރުފިޔާ ހޭދަވިިއިރު މި އަހަރު ރިކަރަންޓު ހަރަދުތަކަށް ހޭދަވީ 15.9 ބިލިއަން ރުފިޔާއެވެ. އެއީ ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ދަށްވުމެކެވެ. ކެޕިޓަލް ހަރަދުތަކަށް ހޭދަވީ 1.9 ބިލިއަން ރުފިޔާއެވެ. އެއީ ނިމުނު އަހަރު ހަރަދުވި އަދަދަށްވުރެ 3.5 ބިލިއަން ރުފިޔާ ދަށް އަދަދެކެވެ.
އާމްދަނީ އިތުރުވުމާއި ހަރަދުތައް ދަށްވުމާ ގުޅިގެން ދައުލަތުގެ ބަޖެޓު ދަރަނިވެރިނުވެ މިހާތަނަށް ހިފަހެއްޓިފައިވާކަން މާލީ ހިސާބުތަކުން ދައްކައެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް ލޯނު އަދާކުރުމަށް ހޭދަަވި 3.1 ބިލިއަން ރުފިޔާ ހަރަދުތަކުން އުނިކުރުމުން ޕްރައިމަރީ ސާޕްލަސް (އަސާސީ އަރަނީ)ގެ ގޮތުގައި 2.7 ބިލިއަން ރުފިޔާ ރެކޯޑުކުރެވުނެވެ. ލޯނު އަދާކުރުމުގެ ހަރަދު ޖުމްލަ ހަަރަަދުތަކުގައި ހިމެނުމުން އޯވައޯލް ސާޕްލަސް (ޖުމްލަ އަރަނީ)ގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 628.2 މިލިއަން ރުފިޔާއެވެ.
ނިމުނު އަހަރުގެ އެ މުއްދަތުގައި ޖުމްލަ ދަރަނީގެ ގޮތުގައި 4.8 ބިލިއަން ރުފިޔާ ރެކޯޑުކުރެވިފައި އޮތެވެ. އަދި ލޯނު އަދާކުރުމަށް އެ އަހަރު ހަރަދުވި 1.1 ބިލިއަން ރުފިޔާ ހަރަދުތަކުން އުނިކުރުމުންވެސް 2.6 ބިލިއަން ރުފިޔާއިން ބަޖެޓު އޮތީ ދަރަނިވެރިވެފައެވެ.
މާލީ ހިސާބުތަކުން ފާހަގަކުރެވުނު ގޮތުގައި މި އަހަރު ލޯނުތައް އަދާކުރުމަށާއި ފައިނޭންސިންއާއި އިންޓަރެސްޓު ދެއްކުމަށް ސަރުކާރުން ކުރި ޖުމްލަ ހަރަދު ނިމުނު އަހަރަށްވުރެ ވަރަށް ބޮޑަށް އިތުރެވެ. އެގޮތުން ނިމުނު އަހަރު ލޯނު އަދާކުރުމަށާއި ފައިނޭންސިން އަދި އިންޓަަރެސްޓު ހަރަދުތަކށް ހޭދަވީ 3.3 ބިލިއަން ރުފިޔާއެވެ. މި އަހަރު ދަރަނި އަދާކުރަން ކުރި ހަރަދު ނިމުނު އަހަރަށްވުރެ %57.6 އިތުރުވެ، 5.2 ބިލިއަން ރުފިޔާއަށް އަރާފައިވެއެވެ.
އާމްދަނީ އިތުރުކުރުމާއެކު ހަރަދުތައް ކުޑަކޮށް ދައުލަތުގެ ބަޖެޓުގެ ޑެފިސިޓު ނުވަތަ ދަރަނި އިތުރުވިޔަނުދިނުމަކީ ރާއްޖޭގެ މާލީ ހާލަތާމެދު އިންވެސްޓަރުންގެ އިތުބާރު އިއާދަކުރުމަށް މުހިއްމު ކަމެއްގެ ގޮތުގައި ރާއްޖޭގެ ކްރެޑިޓް ރޭޓިން އެޖެންސީތަކާއި ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ފާހަގަކުރެއެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން އިތުރަށް ދަށްނުކުރުމަށް ފިޗްއާއި މޫޑީސްއިން ނިންމާފައިވާއިރު އެ ދެ އެޖެންސީންވެސް ފާހަަގަކުރި ގޮތުގައި ބޭރު ފައިސާގެ ރިޒާވްގެ ހާލަތު ރަނގަޅުވުމާއި ޑެފިސިޓުނުވެ ބަޖެޓު އަރަނީގައި ތަންފީޒުކުރަމުންދާ ދިއުމަކީ ކްރެޑިޓު ރޭޓިން އިތުރަށް ދަށްނުކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.